ޚަބަރު

އެމްޑީޕީގެ ރަޖިސްޓްރީގައި ނެތް މީހުން ވޯޓާސް ލިސްޓުން އުނިކޮށްފި


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިޚާބުގައި ވޯޓުލުމަށް ނެރުނު ވޯޓާސް ލިސްޓުގައި ތިބި ޕާޓީގެ ރަޖިސްޓްރީގައި ނެތް މީހުން ލިސްޓުން އުނިކޮށްފިއެވެ.

އެމްޑީޕީން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވޯޓާސް ލިސްޓު އާންމުކުރިއިރު އެ ލިސްޓުގައި ތިބީ 57،714 މީހުންނެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ވިދާޅުވީ ކޮމިޝަނުން ބަލަހައްޓާ ދަފްތަރުގައި މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބީ 57،257 މީހުން ކަމަށެވެ.

އެމްޑީޕގެ ލިސްޓުގައި 400 އަށްވުރެ ގިނަ މީހުން އިތުރުވެފައިވާތީ އެކަމާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ އެމީހުންނަކީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެމްޑީޕީއަށް ވަނުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުން ކަމަށެވެ. އަދި އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައިވާ ކަމަށާއި ކޮމިޝަނުން ފޯމުތައް ބަލައިގެންފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާއިރު، ރައީސް ނަޝީދު ވަނީ ވޯޓާސް ލިސްޓާ ގުޅޭ ޝަކުވާތަކެއް އެޕާޓީއަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން އެއް ޝަކުވާއަކީ ޕާޓީގެ ރަޖިސްޓްރީގައި ނެތް 457 މީހުން ވޯޓާސް ލިސްޓުގައި ހިމަނާފައިވުމެވެ.

އެމްޑީޕީގެ ވޯޓާސް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަވީރަށްވަނީ ހަމަވެފައެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިދާރީ އަދި އިންތިޚާބީ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތުން ޝަކުވާގެ 4 ސިޓީއެއް ލިބިފައިވާ ކަމަށާއި، އެ މައްސަލަތައްވެސް ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ޕާޓީގެ ރަޖިސްޓްރީގައި ނެތް މީހުންގެ މައްސަލައަށް އިޝާރާތްކުރައްވާ އިބްރާހީމް ވަހީދު ވިދާޅުވީ އެކަން ވެސް ބަލާ ހައްލުކޮށްފައިވާ ކަމަށެވެ.

"ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން މި ޝަކުވާކުރުމާއި އެއްކޮށް، އަޅުގަނޑުމެން ނިންމީ ޑިސެމްބރު 18 ވަނަ ދުވަހާ ހަމައަށް ލިސްޓުގައި ނެތް މީހުން ވޯޓާސް ލިސްޓުގައި ނުހިމެނޭނެކަން. އެމީހުން ދާއިމީ ލިސްޓުގައި ނޭރުވޭނެ ކަމަށް." އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ދިމާވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ގެންގުޅޭ އުސޫލާ މިހާރާ ހުރި ތަފާތުގެ ސަބަބުން ކަމަށެވެ. އެގޮތުން މީގެ ކުރިން ފޯމު ހުށަހެޅުމާއެކު ދަފްތަރުވީ ނަމަވެސް މިހާރު އެ އުސޫލަށް ބަދަލު ގެނެސް ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ވަގުތުނަގާކަމަށެވެ.

އެމްޑީޕީގެ ރަޖިސްޓްރީއަށް އައިސްފައިވާ ބަދަލާ ގުޅިގެން ރައީސް ނަޝީދު ކުރައްވަމުންގެންދަވާ ޝަކުވާއަށް ރައްދުދެއްވައި އިބްރާހީމް ވަހީދު ވިދާޅުވީ ރައީސް ނަޝީދަށް ތާއިދުކުރާ ނުވަތަ ވޯޓުލާނެ ބަޔަކަށްވާތީ ބަލައިގެން ޕާޓީގެ ދަފްތަރުން އެއްވެސް މީހަކު އުނިކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 905 ޝަކުވާ ހުށަހެޅިފައިވާކަމަށެވެ. ހުށަހެޅުނު ޝަކުވާގެ ތެރެއިން 683 މީހުންނަކީ ކުރިން އެމްޑީޕީގައި ހިމެނޭ އަދި މިހާރު އެއްވެސް ޕާޓީއެއްގައި ނަންނެތި ހުށަހެޅި ޝަކުވާތަކެއްކަމަށެވެ. 212 މީހެއް އެހެން ޕާޓީތަކުގެ ދަފްތަރުގައި އޮވެގެން ޝަކުވާ ހުށަހަޅާފައިވާކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބު މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ އިރު ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.