ޚަބަރު

ހިލޭ ޑިގްރީގެ ފައިދާއާއި މަންފާ 16000 ދަރިވަރުންނަށް


ޤައުމެއްގެ އުފެންދުންތެރިކަން އިތުރުކުރުމުގެ އެންމެ ފުރަތަމަ މަރުޙަލާއަކީ އެޤައުމެއްގައި ޒުވާނުން ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ މަރުޙަލާއެވެ. ޤައުމެއްގެ ތަރައްޤީގެ އެންމެ ސާފު މަންޒަރަކީވެސް އެޤައުމުގެ ޒުވާނުން ބާރުވެރިވެ ހަރުދަނާވެފައިވާ މިންވަރެވެ. އެހެންކަމުން ޒުވާނުން ބިނާކޮށް ޒުވާނުންނަށް ކުރިއަށް ދެވޭނެ މަގު ފަހިކުރުމަކީ ސަރުކާރަކުން ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތެކެވެ.

ރާއްޖޭގެ ތަޢުލީމީ ދައިރާ ފުޅާކޮށް ޒުވާނުން ބާރުވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ މުހިއްމު އެއް ސިޔާސަތެވެ. މި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ސަރުކާރުގެ އެންމެ މުހިއްމު އެއް ޕްރޮގްރާމަކީ ހިލޭ ޑިގްރީގެ ޕްރޮގްރާމެވެ.

މިޕްރޮގްރާމްގެ ދަށުން އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާޞިލުކުރަން ބޭނުންވާ ޒުވާނުންނަށް ފުރަތަމަ ޑިގްރީ ހިލޭ ކިޔެވޭނެ ފުރުޞަތު ސަރުކާރުން ވަނީ ތަނަވަސްކޮށްދީފައެވެ. މިޕްރޮގްރާމްގެ ދަށުން ނިމުނު 2022 ގެ ނިޔަލަށް 16000 ދަރިވަރުންތަޢުލީމު ޙާސިލުކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މީގެތެރެއިން 6519 ކުދިން ގުރެޖުއޭޓްވެފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހަޔަރ އެޑިއުކޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ތަޢާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމްގައި އެއަހަރު 4804 ދަރިވަރުންވަނީ ކިޔަވާފައެވެ. އަދި ޖެހިގެންއައި 2020 ވަނަ އަހަރު 4818 ދަރިވަރުން އަދި 2021 ވަނަ އަހަރު 3301 ދަރިވަރުން ކިޔަވާފައިވެއެވެ.

ނިމިދިޔަ 2022 ވަނަ އަހަރު 3077 ދަރިވަރުންވަނީ މިޕްރޮގްރާމްގެ ދަށުން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައެވެ. މިގޮތުން ތަޢުލީމީ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ބޮޑު ހޭދައެއް ސަރުކާރުންވަނީ މިވޭތުވެދިޔަ އަހަރުތަކުގައި ކޮށްފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން ދަރިވަރުންނަށް ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން ސްކޯލަރޝިޕްގެ އެތައް ފުރުޞަތުތަކެއް ދުނިޔޭގެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކުން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވުނު މަސައްކަތް ފާހަގަކޮށްލެވެއެވެ.

ހިލޭ ޑިގްރީއަށް ކިޔެވޭނެ މަގުފަހިކުރުމުގެ އިތުރުން ޒުވާނުންގެ ކިބައިގައި އެކި ހުނަރު އަށަގަންނުވާ ހުނަރު ދަސްކޮށް ދިނުމުގެ އެކި ކޯސްތައް ފަރުމާކޮށް ޕޮލިޓެކްނިކް މެދުވެރިކޮށް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިގޮތުން ޕޮލިޓެކްނިކްގައި އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް، އަރކިޓެކްޗަރ، ކާޕެންޓްރީ، އޮޓޮމޯޓިވް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިން އަދި އިދާރީ މަސައްކަތަކާއި ގުޅުހުރި ކޯސްތަކާއި ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާގެ އެކި ކޯސްތައްވެސް އަންނަނީ ހިނގަމުންނެވެ. ޕޮލިޓެކްނިކްއިން ޒުވާނުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އިތުރު ސަރަޙައްދުތަކުގައި ކެމްޕަސްތައް ޤާއިމުކޮށް ތަޢުލީމު އަންނަނީ ފޯރުކޮށްދެމުންނެވެ.

ޕޮލިޓެކްނިކްގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއަރ ކޮލެޖްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެ ދަށުން ހއ. ދިއްދޫ އާއި ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ވަނީ ޙަވާލުކޮށްފައެވެ. މީގެއިތުރުން ފުވައްމުލައް ސިޓީއާއި ކުޅުދުއްފުށި ސިޓީއާއި ރ. އަލިފުށީގައި ޓިވެޓް ސެންޓަރުތައް އަޅާ ރަށްރަށުގައި ތިބެގެން ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު ފަހިކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.