އަހަރެއް ނިމި އައު އަހަރު ފެށޭ މިވަގުތަކީ މިި ނިމިދިޔަ އަހަރު އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ ފަރާތްތަކުގެ ހަނދާންތައް އާ ކޮށްލަން އެންމެ ރަނގަޅު ވަގުތެއެވެ.
އެއީ ޚިދުމަތްތެރިންނެވެ. ފަންނާނުންނެވެ. އެތައް ބައެއްގެ ލޯބި ލިބުނު މޫނުތަކެވެ. މި އެންމެން ވަކިވެގެންދިޔަ ހިތާމަ އޮތްނަމަވެސް މި މޫނުތައް ދޫކޮށްފައި ދިޔަ ހަނދާންތައް އެންމެންގެ ހިތުގައި ހުންނާނެއެވެ. އެ ޚިދުމަތްތަކާއި، އެ މަންޒަރުތަކާއި، އެ ލޯތްބާއި ހަނދާނުން ފިލުވާލަން ދަތި އުފާވެރި ހަނދާންތަކެވެ.
މިއަދުވެސް ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އެންމެ މަޤުބޫލު އެއް ޕްރޮގްރާމަކީ "ބާއްޖަވެރި ހެނދުނެއް" ކަން ޔަޤީންނެވެ.
އެންމެފަހުގެ ތާޒާ މަޢުލޫމާތުތަކާއެކު ކޮންމެދުވަހެއްވެސް ފަށައިދޭ މި ޕްރޮގްރާމުގެ މޭސްތިރި ސަމަރުބްލޫ އިބްރާހިމް މަނިކު އަޅުގަނޑުމެންނާއި ވަކިވެގެން ދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ދިވެހި ބްރޯޑްކާސްޓިންގެ ބައްޕަގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އިބްރާހިމް މަނިކު އަވަހަރާވީ ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށް އުމުރުފުޅުން 72 އަހަރުގައެވެ.
ސަމަރުބްލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ވަރަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައިވެސް ވެއެވެ. އިބްރާހިމް މަނިކުގެ ޙިދުމްތަކުން އެންމެ ފާހަގަކޮށްލެވެނީ ދިވެހި ރާއްޖޭގެ އަޑުގެ މުޅި ރާއްޖެއަށް ފޯރުކޮށްދެއްވަން ކުރެއްވި މަސައްކަތެވެ.
އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ރާއްޖެއާ ދުނިޔޭގެ ޚަބަރާ މަޢުލޫމާތާއި، ދީނީ، ޤައުމީ، ތަޢުލީމީ، ޞިއްޚީ، އިޖުތިމާއީ، ބަހަވީ، އަދަބީ، ސަޤާފީ، އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ރޮނގުތަކުން ދިވެހިރާއްޖޭގެ އަޑުން ކޮށްފައިވާ ޤައުމީ ޚިދުމަތްތަކާއި އަދާކޮށްފައިވާ ޤައުމީ ދައުރަކީ ދިވެހި ތާރީޚުގައި ލާމަސީލު ނަމޫނާއެކެވެ. މީގެއިތުރުން މިއުޒީކީ ގިނަ ފަންނާނުން އުފައްދާ ނެރުމުގައިވެސް އެންމެ މުހިއްމު ރޯލެއް އަދާކުރެއްވި އެއް ބޭފުޅަކީ އިބްރާހިމް މަނިކެވެ.
އިބްރާހިމް މަނިކުގެ މަސައްކަތް ބްރޯޑްކާސްޓިންގ ދާއިރާއާއި ހަމައިން ނުނިމެއެވެ. އޭގެފަހުން ލިބިވަޑައިގެންނެވި ފުރުޞަތުގައި ދައުލަތުގެ އެކި ވުޒާރާތަކުގެ ވަޒީރުކަންވެސް ވަނީ ކުރައްވާފައެވެ.
ބަހާއި އަދަބިއްޔާތުގެ ޚިދުމަތްތެރިއެކެވެ. ފޯކުލޯރާއި ތާރީޚުގެ މުއައްރިހެކެވެ. އިލްމީ އެތައް ލިޔުންވުންތަކެއް ލިޔުއްވި ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި މައުޞޫތަކަށް ގަލަން ހިންގެވި ނޫސްވެރިއެކެވެ.
ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތްތެރިޔާ އައްނަބީލާ ޙަބީބާ ހުސައިން ޙަބީބް އަވަހާރަވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 21 ވަނަދުވަހުއެވެ. ޢުމުރުފުޅުން 92 އަހަރުގައެވެ.
ލިޔުންތެރިކަމަކީ 1954 ވަނަ އަހަރުން ފެށިގެން ޙަބީބާ ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ. އެ މަސައްކަތް ފެށިގެން އައީ އެ އަހަރު ނުކުތް [މުންނާރު] ނޫހުންނެވެ. އޭގެފަހުން 1958 ވަނަ އަހަރު [ވިޔަފާރި މިއަދު] އިންނެވެ. މިނޫނަސް އެ ދުވަސްވަރު ނުކުތް ވަރަށްގިނަ ނޫސް މަޖައްލާތަކުގައި ޙަބީބާގެ ލިޔުއްވުންތައް ޝާއިޢު ކުރައްވާފައިވެއެވެ.
ޙަބީބާގެ ޙިދުމްތަކުން އެންމެ ޚާއްސަ އެއްކަމަކީ ފޯކްލޯރު ވަކި އިލްމެއްގެ ގޮތުގައި ރާއްޖޭގައި ކިޔަވާދެއްވަން ފެއްޓެވުމެވެ. ބޮޑުތަކުރުފާނު ވާހަކައިން މަޢުލޫމާތު ހޯއްދަވައި [މުޙަންމަދު ތަކުރުފާނު ދަ ގްރޭޓް]ގެ ނަމުގައި އެ ތަކުރުފާނުގެ ޙަޔާތްޕުޅާ ބެހޭގޮތުން އިނގިރޭސިބަހުން ޙަބީބާ ވަނީ ފޮތެއް ލިޔުއްވާފައެވެ. އަދި [ދިވެހި ތާރީޚަށް އަވަސް ކަޅިއެއް] މިނަމުގައި ދިވެހިބަހުން ތާރީޚު ފޮތެއް އެކުލަވައިލައްވާފައިވެއެވެ. އިލްމީ އަދި ތާރީހީ ލިޔުންތަކުގެ އިތުރުން ހަބީބާ ވަނީ ވަރަށް ގިނަ ވާހަކަވެސް ލިޔުއްވާފައެވެ.
ދިވެހި ލައިބްރަރީގައި 29 އަހަރު ޙިދުމަތްކުރައްވާ އެތަނަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެއްވި ޙަބީބާއަކީ ރާއްޖޭގެ ފުރަތަމަ ފުރަތަމަ ލައިބްރޭރިއަންއެވެ.
ދިވެހި ދައުލަތަށް ބައިގަރުނު ވަންދެން އަގުހުރި އެތައް ޙިދުމަތްތަކެއް ކުރެއްވި ޙަބީބާ ވަކިވެގެންދިޔުން ދިވެހި ބަހާ، ސަޤާފަތާއި ތާރީޚަށް ޚިދުމަތްކުރައްވާ ފަރާތްތަކުން ސިފަކުރައްވަނީ ދިވެހި އިލްމީ އުޑުން ތަރިއެއް އޮއްސިގެން ދިޔަ ގޮތުގައެވެ.
ދިވެހި އަސްކަރިއްޔާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި އަހްމަދު ޔޫސުފް (ހައިވަކަރު އަހްމަދުފުޅު) ވެސް އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ މިދިޔަ އަހަރުގެ ތެރޭގައެވެ. ދިވެހި އަސްކަރިއްޔާ 24 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރެއްވި އަހްމަދުފުޅު އަވަހާރަވީ އޮގަސްޓް 5 ވަނަދުވަހުއެވެ.
ސިފައިންގެއިން ރިޓަޔަރ ކުރެއްވުމަށްފަހު ދިވެހި ދައުލަތަށް ގިނަދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް އަހްމަދުފުޅު ވަނީ ކުރައްވާފައެވެ. މީގެތެރޭގައި އަތޮޅުވެރިކަމާއި ސަކާރުގެ ވުޒާރާތަކުގެ އިސް މަޤާމުތައް ވަނީ ފުރުއްވާފައެވެ.
އަހްމަދު ޔޫސުފަކީ ކުޅިވަރުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ މޮޅު ޝަހްސިއްޔަތެކެވެ. ފުޓްބޯޅައިގައި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅު ގޯލްކީޕަރުންގެ ލިސްޓުގައި އެމަނިކުފާނުގެ ނަން އެންމެ ކުރީގައި ހިމެނެއެވެ. އަދި ކްރިކެޓާއި ހޮކީގައިވެސް އަހްމަދުފުޅުގެ ނަމަކީ އެންމެ ހިނގާ އެއް ނަމެވެ.
ފުޓްބޯޅައިގެ ފަހުގެ ތާރީޚުގައި ރާއްޖޭގައި އުފެއްދުނު އެންމެ މޮޅު އެއް ކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) އަކި އަހްމަދު މޫސާގެ ބޭފުޅެކެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނުނު މުހައްމަދު ހުޒާމް ނިޔާވީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 22 ވަނަދުވަހުގެ ރެއެވެ.
ލަވަކިޔުމުގެ ރޮނގުން ހުޒާމް ވިދާލީ 1990ގެ މެދުތެރޭގައި ސްކޫލް ކުދިންގެ ލަވަ މުބާރާތުގެ ތެރެއިންނެވެ. އޭގެ ފަހުން 2000 ގެ ކުރީކޮޅު ރާއްޖޭގައި ނެރުނު ކޮންމެ ދިވަހި އަލްބަމެއްގައި އޭނާގެ އަސަރުގަދަ ހިތްގައިމު އަޑުގެ ލަވަތައް ހިމަނާފައިވެއެވެ.
ހުޒާމްގެ އަޑުން ކިޔާދީފައިވާ ލަވަތަކުގެ ތެރެއިން "މުޅި ޖާން ހިތާ" "ތުއްތު މޫނާ" "ދޮންކަނބުލޯ ނިދާލާށޭ" 'ތަދާ ވޭނުގާ"، "ވަކިވީ ލޯބިން" ކަހަލަ ލަވަތަތަކީ މީ މިއަދުވެސް އެތައް ބަޔަކު ހަނދާނުގައި ހުރި ލަވަތަކެވެ. 1994 ވަނަ އަހަރު ބޭއްވި ފުރަތަމަ ޤައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް އުފުލާލީވެސް ހުޒާމެއެވެ.
އިންޖިނިއަރިންގެ ދާއިރާއިން މެލޭޝިޔާއިން މަތީ ތަޢުލީމު ޙާޞިލުކޮށް އެނާ މަސައްކަތް ކުރަމުންދިޔައީވެސް އެ ދައިރާގައެވެ. އުމުރުން 48 އަހަރުގައި ހުޒާމް ވަކިވެގެންދިޔައިރު އޭނާގެ ލަވައިގެ ދާއިރާގައި އަމަލީ ގޮތުން ނުޅޭތާ ވަނީ އެތައް ދުވަހެއްވެފައެވެ.
އެއީ 90ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ފެށުނު އިސްލާހީ މަސައްކަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. ސިޔާސީ ޕާޓީތައް ވުޖޫދަށް އައުމާ ވެރިކަންކުރާ މައި ޕާޓީ އެމް.ޑީ.ޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ޕާޓީގެ ބާނީއެވެ. މުހައްމަދު ލަތީފެވެ. އެންމެންގެ ނަމުން ނަމަ (ގޯގޯ ލަތީފު) އެވެ.
ހަޔާތުގެ ބޮޑުބައި އިސްލާހީ މަސައްކަތުގައި ހޭދަކުރެއްވި މުހައްމަދު ލަތީފު އަވަހާރަވީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 3 ވަނަދުވަހުއެވެ. އެމްޑިޕީ އުފަންކުރުމަށް ކޮލަމްބޯގައި ހުންނަވައިގެން އެތައް މަސައްކަތެއް ލަތީފު ވަނީ ކުރައްވާފައެވެ. އަދި ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ޝޯވތަކުން ޖާގަ ހޯއްދަވާ އެފަދަ ޝޯވތަކުގައި ބައިވެރިވެ ރާއްޖޭގެ ޙާލަތާއި ގުޅޭ އިންޓަވިއުތައް ވަނީ ދެއްވާފައެވެ.
އެމް.ޑީ.ޕީގެ އިސް ސަފުގައި މުހިއްމު މަސައްކަތްތަކެއް އަދާކުރެއްވި ލަތީފު އެ ޕާޓީއާ ދުރަށް ވަޑައިގަތީ 2008 ވަނަ އަހަރު އެމް.ޑީ.ޕީއަށް ވެރިކަން ލިބުމަށްފަހު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައެވެ.
އިލްމުވެރިއެއްގެ އިތުރުން އިސްލާހީ މަސައްކަތުގައިވެސް މަސައްކަތްކުރެއްވި ޝެއިހް އާދަމް ނަސީމް (ބީއޭ ނަސީމް ) އަވަހާރަވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަދުވަހުއެވެ. އިސްލާހީ މަސައްކަތުގެ ތެރެއިން ހައްޔަރުކޮށް އެތައް ދުވަހެއް ވަންދެން ޖަލުގައިވެސް ނަސީމް ހުންނަވަންޖެހުނެވެ.
އިސްލާހީ މަސައްކަތުގައި އެމް.ޑީ.ޕީއާއި ގުޅިވަޑައިގެން މުހިއްމު މަސައްކަތްތަކެއް ނަސީމް ކުރައްވާފައިވެއެވެ. އަދި ފަހުން އެޕާޓީން ވަކިވެ އަދާލަތުގައި ޕާޓީގައި ހުންނަވައިގެން މުހިއްމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
ދީނީ އިލްމު ފެތުރެއްވުމުގައިވެސް ވަރަށް އިސް މުހިއްމު ދައުރެއް ނަސީމް އަދާކުރެއްވިއެވެ. ދީނީ ނަސޭހަތް ދެއްވުމުގައިވެސް ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ނަސީމް ވަނީ ދީނީ ފޮތްތައްވެސް ލިޔުއްވާފައެވެ. ނަސީމްގެ ފޮތްތަކުގެ ތެރެއިން "އުލޫމުލް ހަދީސް" "ގިޔާމަތް ދުވަސް" އަދި "ދުނިޔެ ނިމުމާއި އާހިރަތުގެ ފެށުން" މީ ފާހަގަކޮށްލެވޭ ފޮތްތަކެވެ.
ނިމިގެން މިދިޔަ 2022 އަހަރަކީ ދިވެހި ފިލްމީ އިންޑަސްޓްރީއަށްވެސް ކަޅު އަހަރެކެވެ. ދާއިރާގައި މުހިއްމު ޚިދުމަތްތަކެއް ކުރި 3 ފަންނާނަކު ވަނީ އަޅުގަނޑުމެންނާއި ވަކިވެގެންގޮސްފައެވެ.
ދިވެހި ފިލްމީ ދައިރާގައި 25 އަހަރަށްވުރެ ގިނަދުވަހު މަސައްކަތްކޮށްފައިވާ ފައުޒިއްޔާ ހަސަން ނިޔާވީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 30 ވަނަދުވަހުއެވެ. އޭނާ ނިޔަވީ އަވައްޓެރި ސްރީލަންކާގައެވެ.
ގިނަ ފިލްމުތަކެއްގައި މުހިއްމު ރޯލްތައް އަދާކުރި ފައުޒިއްޔާ ނިޔާވީ އުމުރުން 82 އަހަރުގައެވެ. ފައުޒިއްޔާ އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ މަޝްހޫރު ޑައިރެކްޓަރ މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ "ލަސްވިޔަސް" މި ފިލްމުގައެވެ. މި ފިލްމު އަދި ރިލީޒެއް ނުކުރެއެވެ.
އިންޑިޔާގެ ޖައްވީ އިދާރާގެ ބައެއް އިސްވެރިންނާއި ގުޅިގެން ޖާސޫސްކުރިކަމުގެ ތުހުމަތުގައި ފައުޒިއްޔާ އިންޑިޔާގެ ޖަލެއްގައި 3 އަހަރު ދުވަސް ހޭދަކުރަންޖެހުނެވެ. ފިލްމީ ދާއިރާއިން ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައިވާ ފައުޒިއްޔާ ވަނީ ފިލްމުތަކުގެ އިތުރުން އެކި ސީރީޒްތަކުގައި މަސައްކަތް ކޮށްފައެވެ.
މިއުޒިކީ ދައިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރި އަހްމަދު ޒިޔާ އައްބާސްގެ ކުއްލި ވަކިވިމަކީ ދައިރާއަށް ލިބުނު ހިތާމައެކެވެ. އުމުރުން 53 އަހަރުގެ ޒިޔާ ނިޔާވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 1 ވަނަދުވަހުއެވެ.
"ކުށެއް ނޫނޭ" ބޭންޑުގެ ވޯކަލިސްޓެއްގެ ގޮތުން މަޝްހޫރުވި ޒިޔާއަކީ ލަވަކިޔުމުގެ އިތުރުން ވަރަށް މޮޅު ގިޓަރިސްޓެއްވެސް މެއެވެ. ރާއްޖޭގައި ފެށުނު އިސްލާހީ މަސައްކަތުގައިވެސް ޒިޔާވަނީ ބައިވެރިވެފައިވެއެވެ. އަދި އެއިރު ހިނގި ބައެއް ހަމަނުޖެހުންތަކާއި ގުޅިގެން ޖިނާއީ ދައުވާވެސް ޒިޔާގެ މައްޗަށް އުފުލާފައިވެއެވެ.
ދިވެހި ފިލްމީ އިންޑަސްޓްރީގެ އުފެއްދުންތަކުން " ބަހަބަރު" އަދި "ދިރިއުޅުމަކީ މިއީބާ" މީ ދިވެހިން ދުވަހަކުވެސް ހަނދާނުން ފިލައިގެންދާނެ އުފެއްދުންތަކެއް ނޫނެވެ. ސަބަބެއްވެސް އެބައޮތެވެ.
އޭއީ މީ ދިވެހިންގެ ތެރޭގައި އުފެއްދި އެންމެ ހެއްވާ މަޖާ ޑްރާމާތަކެވެ. މިގެއިން ދައްކާދިން ކޮމީޑިއަނުންނަކީ މިއަދުވެސް ދިވެހިން ހަނދާން ހުރި ފަންނާނުންނެވެ. މިދިޔަ އަހަރު ވަރަށް ގާތްގާތުގައި ދިވެހި ދެ ކޮމީޑިއަނުން މި ވަނީ ވަކިވެގެންގޮސްފައެވެ.
ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ" އިން މަޝްހޫރުވެގެންދިޔަ ޢަބްދުﷲ އަލީ އެންމެން ދަންނަ ނަމުންނަމަ އިބްރާހިމްބެ މި ދުނިޔެ ދޫކުރީ ޑިސެމްބަރުމަހުގެ 26 ވަނަދުވަހުއެވެ. އޭގެ ދެ ދުވަސް ފަހުން ކުރީގެ ކޮމީޑީއަން މާކަރީ އަލީ މޫސާ (ކުޑަދޮން މަނިކު) ވަނީ ނިޔާވެފައެވެ. ކުރީގެ އެންމެ މަޝްހޫރު ކޮމީޑީއަން ފީބޯގެ ބަހަބަރުން ފެނިގެންދިޔަ ކުޅަދާނަ އެކްޓަރ ދޮންމަނިކު ނިޔާވީ އުމުރުން 74 އަހަރުގައެވެ.
ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެއްކަމަށްވާ "ހެލްކުއިން އައިޗްތިއޯސިސް ޖެނެޓިކް ޑިސްއޯޑާ" ތަހައްމަލުކުރަމުން ދިޔަ ތުއްތު ލޯބި ޔޫނުސް ލަޔަކް ފަރަހް ވަކިވަގެންދިޔައީ އެންމެން ރޮއްވާލުމަށްފަހުއެވެ.
އެތައް ބައެއްގެ ލޯބި ލިބުނު ލަޔަކް ވަކިވެގެންދިޔައީ ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް 6 އޭޕްރިލް 2022 ގައެވެ. ލަޔަކްގެ ބައްޔަށް ފަރުވާ ހޯދުމަށް އެހީއަށް އެދުމުން އެތައް ބަޔަކު ވަނީ އެމީހުންގެ ލޯތްބާއި ޝުއޫރުތައް ލަޔަކަށް ދޫކޮށްލާފައެވެ. އަދި އެހީގެ ގޮތުގައި ލައްކައަކަށްވުރެ ގިނަ ފައިސާ ވަނީ ތުއްތު ތުއްތު ލަޔަކަށް ހަދިޔާކޮށްފައެވެ.
މި ދުނިޔެއާ ލަޔަކް ވަކިވިނަމަވެސް ހަމަ ގައިމުވެސް މީ އެތައް ބަޔަކު ހަނދާން ހުންނާނެ ތުއްތު މައުސޫމް މޫނެކެވެ.
މާލޭގެ ކުރީގައި އެންމެ މަޝްހޫރު ހޮޓާ "އީވްނިން ގްލޯރީ"ގެ ވެރިޔާ އަހްމަދު ވަހީދުގެ އަނބިކަނބަލުން އަޒީޒާ އަހްމަދު ނިޔާވީ ފެބްރުއަރީ 25 ގައެވެ.
އަޒީޒާއަކީ "އީވްނިން ގްލޯރީ"ގެ މުހިއްމު ބައިވެރިއެއްވެސް މެއެވެ. އަޒީޒާ ވަނީ "އީވްނިން ގްލޯރީ"ގެ ރަންޒަމާނުގައި އެތަނަށް ހެދިކާ ހެދުމާއި ކެއްކުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައެވެ.
އަޒީޒާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މަންމައެވެ.
މިއީ އެ މަރަކާއެކު މުޅި ރާއްޖެއަށް ސިހުން ގެނުވި މަރެވެ. އެއީ އޮގަސްޓްމަހުގެ 7 ވަނަދުވަހުގެ ރެއެވެ. ހ. ޝިރީންވިލާގޭގެ 9 ވަނަ ފަންގިފިލާގައި މަރާލާފައި އޮއްވާ ފެނުނީ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުއެވެ.
ޝިއާއުއަށް ހަމަލާދީ މަރާލީ ފ. ނިލަންދޫ، ފިނިފެންމާގޭ، ޢުމުރުން 23 އަލީ ޝާހިލްއެވެ. ޝިއާއު މަރާލުމަށްފަހުވެސް އެނާގެ ހަށިގަނޑަށް އެކިވަރުގެ އަނިޔާތައް ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ޝިއާއުގެ މަރާ ގުޅިގެން އޭނާގެ ގާތިލު ޝާހިލްގެ މައްޗަށް ދައުވާކޮށް އެ މައްސަލަތައް ކޯޓުގައި މިހާރު އަންނަނީ ހިގަމުންނެވެ. ޝާހިލްގެ މައްޗަށް ޖުމްލަ 5 ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެތޭގައި ތޫނު އެއްޗަކުން ގަސްދުގައި މީހަކު މެރުންވެސް ހިމެނެއެވެ.
އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރާލާފައި އޮއްވާ ފެނުނު ޑިސެމްބަރުމަހުގެ 9 ވަނަދުވަހުއެވެ. އޭނާ މަރާލިކަމުގެ ތުހުމަތުކުރެވުނީ އޭނާގެ ފިރިމިހާ އަބޫބަކުރު ފައިސަލަށެވެ. މަރުވައިފައި އޮތް ނިޝާމާގެ ހަށިގަނޑު ފެނުނުއިރު ފައިސަލް ހުރީ ކުއްލިޔަކަށް ފުރައިގެން ގޮސް ކުޅުދުށްފުށީގައެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ހުންނަ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުއްޓާ ފައިސަލް ދަން ޖެހިފައި ހުއްޓާ ފެނިގެން އޭނާ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއެވެ. ފަރުވާދެމުންދަނިކޮށް ފައިސަލް ވަނީ މަރުވެފައެވެ. ފުލުހުން ހެދި ނިޝާމާގެ ޕޯސްމޯޓަމްގެ ރިޕޯޓް ބުނާގޮތުން އޭނާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅާ ހާސްކޮށްލައިގެންނެވެ.
މަސްހިފަން ދިޔަ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނީ ނިޔާވީ 23 އޮކްޓޫބަރ 2022 ގައެވެ. މަސް ހިފަން ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދަނިކޮށް ތޮލާލް ފެނުނީ ކަނޑުގެ އަޑިންނެވެ. ނަގައިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެނާ ވަނީ ނިޔާވެފައެވެ.
ރ. އުނގޫފާރަށް ނިސްބަތްވާ 25 އަހަރުގެ މި ޒުވާނާ ވަކިވެގެން ދިޔައީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 9 ވަނަދުވަހުއެވެ. މިމްރާހު ނިޔާވީ ފީނަން ގޮސް އުޅެނިކޮށް ގެނބިގެންނެވެ. އާއްމުކޮށް ފީނަން ގޮސް އުޅޭ މޫދަށް ފަރިތަ މިމްރާހަކީ އުނގޫފާރު ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަމުންދިޔަ ޒުވާނެކެވެ.
21 މޭ 2022 ވަނަދުވަހުގެރޭ ވީ މުލީ ރާއްޖެއަށްވެސް ބޮޑު ސިހުމެއް ލިބިގެންދިޔަ ރެއަކަށެވެ. ގއ. ވިލިނގިއްޔަށް ވަންނަން އުޅުނު ލޯންޗެއް އެރަށު ނެރުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކު ނިޔާވިއެވެ.
މި ހާދިސާގައި ނިޔާވީ ގއ. ވިލިނގިލީ، ދޫރެސް މިސްބާހު މުހްސިން އާއި ނ. ލަންދޫ އުރަހާ، މުހައްމަދު ޝާފިއުއެވެ. އެކްސިޑެންޓަށްފަހު މި ދެމީހުން ފެނުނީ ކަނޑުންނެވެ. ދެމީހުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.
އެ ރެއަކީ މިސްބާހާއި ޝާފިއުގެ އާއިލާއަށްވެސް ހާއްސަ ރެއެކެވެ. ސަބަބަކީ މިސްބާހުގެ ދައްތައާއީ ޝާފިއު ބޭބެގެ ކައިވެނީގެ ހަފްލާ އޮތީ އެރެއެވެ. އެހެންނަމަވެސް އެރޭ ވެގެން ދިޔައީ މުޅި އާއިލާ ހަނދާނުން ފޮހެލަން ދަތި ރެއަކަށެވެ.
ފުވައްމުލަކަށް ނިސްބަތްވާ މަޝްހޫރު ވިޔަފާރިވެރިޔާ އިސްމާޢިލް މޫސާ (ޖަމްބޯ) ނިޔާވި ޚަބަރަކީވެސް މިދިޔަ އަހަރު ލިބުނު ހިތާމަވެރި ޚަބަރެކެވެ.
ރާއްޖޭން ބޭރުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު، އިސްމާއީލް މޫސާ ރާއްޖެއައީ އާއިލާއާ ބައްދަލުކުރުމަށެވެ. ނަމަވެސް ތަޤުދީރު ނިޔާކުރީ އެހެން ގޮތަކަށެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު މިއަދު މެންދުރު 14:30 ހާއިރު ސިނާމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި މި ފަނާވަނިވި ދުނިޔެއާއި ޖަމްބޯ ވަނީ ވަކިވެފައެވެ. ނިޔާވިއިރު އުމުރަކީ 54 އަހަރެވެ.
ހުޅުމާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުންދަނިކޮށް މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން ނިޔާވީ 1 މާރިޗުގައެވެ. ނިޔާވީ ލިބުނު ޒަހަމްތަކަށް ވެންޓިލޭޓަރގައި ފަރުވާދެމުންދަނިކޮށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 27 ވަނަދުވަހުގެރޭ އީމާން އެކްސިޑެންޓްވީ ހުޅުމާލޭގައި ކުލަ ނުލައި ހުރި ބަންޕަރެއް މަތިން ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދަނިކޮށް ކަހާލުމުގެ ސަބަބުންނެވެ.
ހޮސްޕިޓަލުގެ ކެންޓީނުން ގަތް ކްރީމްޖެހި ބަނަހެއް ކޭ ފަހުން މަރިޔަމް ޒައީމާ މޫސާ (މަރީ) އެލާޖިކުވިއެވެ. އައި.ޖީ.އެމް.އެޗްއަށް ގެންގޮސް އިމަރޖެންސީގައި ފަރުވާދޭން ފެށިއެވެ.
ފަރުވާދިނުމުގައި ޖެހި އިންޖެކްޝަނަކަށްފަހު ޒައިމާގެ ހާލު މާބޮޑަށް ގޯސްވިއެވެ. އެއީ 2020 ވަނަ އަހަރުގެ މޭމަހުގެ 28 ވަނަދުވަހުއެވެ. އެ ވޭނުގައި ދެއަހަރު ދުވަހު އުޅުމަށްފަހު ޒައީމާ ނިޔާވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަދުވަހުއެވެ.
ޒައީމާގެ ހާލު ގޯސްވީ އިންޖެކްޝަން ނުބައިކޮށް ދެވިފައިވާތީކަން އައި.ޖީ.އެމް.އެޗްއިން އެ މައްސަލަ ތަހީގުކުރުމަށްފަހު ވަނީ ބުނެފައެވެ. އަދި ހޮސްޕިޓަލުން ވަނީ މައާފަށްވެސް އެދިފައެވެ. މި މައްސަލަ އެޗްއާރސީއެމުންވެސް ވަނީ ބަލާފައެވެ. އަދި އެކޮމިޝަނުން ވަނީ ޝަރީއަތް މެދުވެރިކޮށް ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމަށް އެ އާއިލާއަށް ލަފާދީފައެވެ.
ވީނުވީއެއް ނޭނގި ހުޅުމާލެއިން މުހައްމަދު އަޒުހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މި ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 19 ވަނަދުވަހުއެވެ.
އޭގެ 14 ދުވަސްފަހުން އަޒްހާންގެ ހަށިގަނޑު ފެނުނީ އޮކްޓުބަރު މަހުގެ 2 ވަނަދުވަހުއެވެ. ފެނުނުއިރު ހަށިގަނޑުވަނީ ކާކުކަން ނޭގޭވަރަށް ހަލާކުވެފައެވެ. ހުޅުމާލެއިން އެނާ ގެއްލުނު ހިސާބާއި ދާދިކައިރީ ގަސްތައް ހެދިފައި އޮތް ސަރަހައްދަކުން އަޒްހާންގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުން ނުބައިވަސްދުވާތީ ބަލަމުން ދަނިކޮށެވެ.
އަޒްހާން ހޯދުމުގައި ފުލުހުން ފަރުވާކުޑަކޮށްފައިވާކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ. ގެއްލުނުތާ 14 ދުވަސްފަހުން އަޒްހާންގެ ހަށިގަނޑު ފެނުނުނަމަވެސް އޭނާ އޮތީ މަރާލާފައިކަމަށް ނުބެލެވޭކަމަށް ފުލުހުންވަނީ ބުނެފައެވެ.
އުމުރުން 25 އަހަރުގެ މި ޒުވާނާ ނިޔާވީ ސެޕްޓެމްބަރ 18 ވަނަދުވަހުއެވެ. ގއ. ގެމަނަފުށިން ފުރައިގެން އެއަތޮޅު ކަނޑުހުޅުދޫއަށް ދަތުރުކުރި ފެރީއަކުން މޫދަށް ވެއްޓިގެންނެވެ.
އިރުފާން މޫދުން ނަގައިގެން ގެމަނަފުށީ ސިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ސިއްޙީ މަރުކަޒާ ޙަވާލާދީ ފުލުހުން ވަނީ ވިދާޅުވެއެވެ.