ޚަބަރު

އެންސްޕާގެ ކުރީގެ ސީއީއޯގެ މައްޗަށް ދައުވާކުރަން ފޮނުވައިފި


މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖްތަބާ ޖަލީލުގެ މައްޗަށް ދަޢުވާކުރުމާއިމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

އޭނާގެ މައްޗަށް ދައުވާކުރުމާއި މެދު ގޮތެއް ނިންމުމަށް އެދި ފޮނުވާފައި ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ ސީއީއޯގެ މަގާމުގައި އޭނާ ހުރިއިރު ހިންގާފައިވާ މުއާމަލާތްތަކެއްގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުގައެވެ.

އޭސީސީން ބުނީ މުޖްތަބާއަށް ދައުވާކުރަން ނިންމީ އެންސްޕާގެ ބޭނުމަށް ​​ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް އުޞޫލުތަކާއި ޚިލާފަށް އަމިއްލަ ފަރާތަކާއި ހަވާލުކުރި މައްސަލާގައެވެ. އެގޮތުން 2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރުމުގެ ހުއްދައަށް އެދި އެންސްޕާގެ އޭރުގެ ސީ.އީ.އޯ މުޖްތަބާ ޖަލީލު ސޮއިކޮށް، އެންސްޕާއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއާއެކު އެ މިނިސްޓްރީއަށް ފޮނުވާފައިވާ ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ އަދި މުޖްތަބާ ޖަލީލުއާވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށައަޅާފައިވާ ކޯޓޭޝަންތަކެއްކަން ތަހުޤީގަށް ހާމަވެފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.

މި މައްސަލައިގަ މުޖްތަބާ ޖަލީލުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މުޖުތަބާ އެންސްޕާގެ ސީއީއޯކަން ކުރައްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭގެ ފަހުން ހަމަ އެ ވެރިކަމުގައި އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަގާމުވެސް ފުރުއްވާފައެވެ. މިހާރު އޭނާ ހުންނެވީ ޕީޕީއެމްގެ އަގުލަބިއްޔަތު އޮންނަ މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަީ ޖެރެނަރަލްގެ މަގާމުގައެވެ.