ޚަބަރު

ފަޅުރަށެއް ކުއްޔަށްދޭއިރު އަތޮޅު ކައުންސިލާ މަޝްވަރާކުރުން ލާޒިމުކޮށްފި


އެކި ބޭނުންތަކަށް ފަޅުރަށްތައް ދޫކުރާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ފަޅުރަށްރަށާ ބެހޭ ގާނޫނަށްގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގު ކުރައްވައިފިއެވެ.

ފަޅުރަށްތަކާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް އިސްލާހް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ. އެ ބިލު މަޖިލީހަށް ހުށައެޅުއްވީ ކުރިން ފަޅުރަށްރަށް ދިނުމާ ބެހޭ ޤާނޫނު އޮތް ގޮތުން ބައެއް ޤާނޫނީ ފުށު އެރުންތަކެއް ހުރުމުންނެވެ. އެހެން ދިމާވީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުތަކުގެ ސަބަބުންނެވެ.

މިބިލަށް ހުށަހެޅި އިސްލާހުތަކާއެކު ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައެވެ. މިބިލަށް ގެނައި ބަދަލާއެކު މަސްވެރިކަމުގެ ނުވަތަ ދަނޑުވެރިކަމުގެ ނުވަތަ ސިނާޢީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަޅުރަށެއް ކުއްޔަށްދޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ސިނާއަތެއް ހިންގާ ބެލެހެއްޓުމުގެ މެންޑޭޓު ތަންފީޒުކުރާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ. އަދި އެފަދަ ރަށެއް ކުއްޔަށް ދިނުމުގެ ކުރިން އެ މިނިސްޓްރީ އަކުން އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަން ވާނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިއީ ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްތަކުގެ ބޭނުން ކައުންސިލްތަކަށް ފުރިހަމައަށް ލިބިގެންދާ ގޮތަށް ހުށަހެޅިފައިވާ އިސްލާހުތަކެއްކަމަށް ބިލު ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މި އިސްލާހުގެ ދަށުން އެ ރަށެއްގެ އިހްތިސާސްގައި ހުރި ފަޅުރަށްތައް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ ކުއްޔަށްދީ ނަފާ ހޯދުމުގެ ބާރު އެ ރަށެއް ނުވަތަ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ރަށްރަށުގެ އިޚްތިޞާސްކަނޑައެޅި، އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކުން ނަފާ ހޯދުމުގެ ބާރުވެސް ކައުންސިލްތަަކަށް ޤާނޫނުން ލިބިދެއެވެ.