ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތަކީ މިހާތަނަށް ސަރުކާރުން ފުވައްމުލަކު ރައްޔިތުންނަށް ކޮށްދެއްވާ އެންމެ ބޮޑު މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިކަމަށް ޙައްލެއް އެދިގެން ފުވައްމުލަކު ރައްޔިތުން ތިބޭތާ އެތައް އަހަރެއް ވެފައިވާކަމަށެވެ.
ފުވައްމުލަކުގައި އެތައް ޒަމާނެއްވަންދެން ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީ އެރަށު ރައްޔިތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ. ރަށުގެ ކުރިމަގާއި ގުޅިފައިވާ މިމައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ވަނީ ފުވައްމުލައް ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތް ޑެންމާކުގެ ކުންފުންޏެއް ކަމަށްވާ އެމް.ޓީ ހޯގާޑާއި ޙަވާލުކޮށްފައެވެ. ކޮންޓްރެކްޓަރުގެ ފަރާތުން މިހާރު އަންނަނީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވާ، އެކަމުގެ އެންމެފަހުގެ މަޢުލޫމާތު ވަނީ ސާފުކުރައްވާފައެވެ. މިކަމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށްފަހު ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، މިއީ ފުވައްމުލަކު ރައްޔިތުންނަށް މުހިއްމު އަދި އެތައް ޒަމާނެއްވަންދެން އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުމެއް އަންނާނެ މަޝްރޫޢެއްކަމަށެވެ. މޫސުމަށް އަންނަމުންބަދަލުތަކާއެކު މިމައްސަލަ އިތުރަށް ގޯސްވެފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ މިހާރު ވިދާޅުވެފައިވަނީ ރައްޔިތުންނަށް ޚާއްސަ ހައިވޭއެއް މިފަޅިން ހައްދަވައިދެއްވާނެކަމަށް. އެއީވެސް އިތުރު ކުރިއެރުމެއް. ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ. އަޅުގަނޑަށް ހީވަނީ މިއާއެކު ފުވައްމުލަކު ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެހެން. މިއީ ފުވައްމުލަކުގެ ތާރީޚުގައި ފުވައްމުލަކު ރައްޔިތުންނަށް، ފުވައްމުލަކަށް ކޮށްދެވޭ ބޮޑު ކަމަކަށްވާނެ" ނައިބު ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤު ވިދާޅުވީ، މި މަޝްރޫޢަކީ މުޅި ފުވައްމުލަކުގެ މުސްތަޤުބަލާއި ގުޅިފައިވާ ބޮޑު މައްސަލައަކަށް ޙައްލު ގެނުވާ މަޝްރޫޢެއްކަމުން އެދެނީ ވީހާވެސް އަވަހަކަށް މި މަސައްކަތް އެއްކޮށް ނިމިގެންދާނެ ދުވަހެއް ފެނުންކަމަށެވެ.
"މިއީ މުޅި ފުވައްމުލަކުގެ ކުރިމަގާއި ގުޅިފައިވާކަމެއް. ރަށެއް އޮވެގެން ދެއްތޯ، އިތުރުކަމެއް ކުރެވޭނީ. ވަރަށް ގިނަ ދުވަސްތަކެއް ވެގެން ގޮސްފައި މިވަނީ މި މައްސަލައަށް އެހެންވީމަ ވަރަށް ހިތްހަމަޖެހިގެން ރައްޔިތުން ތިބީ މިކަމުގައި" މޭޔަރ ވިދާޅުވިއެވެ.
ފުވައްމުލަކުގެ ރަށްގިރުމާއި ގުޅޭގޮތުން އެރަށުން ވާހަކަދެއްކި ރައްޔިތަކު ވަނީ މިއީ ޒަމާންވީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ، މިކަމުގެ ސަބަބުން ރަށުގެ ގުދުރާތީ ނިޒާމަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި މިކަން ޙައްލުކޮށްދޭނެކަމަށް އެކި ސަރުކާރުތަކުން ބުނިނަމަވެސް، އެކަމަށް ޢަމަލީ ސިފައެއް ގެނެސްދީފައިވަނީ މި ސަރުކާރުން ކަމަށް އޭނާ ބުންޏެވެ.
"މިދިމާއިން ބޭރަށް މިހާރު 50 ފޫޓަށް ގިރާއިގެން ގޮސްފި. ވަރަށް ގިނަ ސަރުކާރުތަކުން ކިޔާ ޙައްލުކޮށްދޭނަމޭ. އަދިކިރިޔާ ކަމެއް ވާން މިފެށީ. ވަރަށް އުފާވޭ މި މަސައްކަތް ކުރިއަށް ދާތީ" އޭނާ ބުންޏެވެ.
ފުވައްމުލަކު ގޮނޑުދޮށް ޚިމާޔަތްކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އުތުރު ފަރާތުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ޤާއިމުކުރެވިގެންދާނެއެވެ. މި މަސައްކަތް އެމް.ޓީ ހޯގާޑާއި ޙަވާލުކޮށްފައިވަނީ 606 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ. މިކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީން އެކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ނެދަލެންޑްސްގެ ގްރާންޓް އެހީ އަދި ކުވައިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.