ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރަނީ ބުރަ އަދި އުނދަގޫ މަސައްކަތެއް ކަމަށާއި، ދަތިތަކުގެ ތެރެއިން ވެސް އެ މަސައްކަތްކުރަނީ ކޯޓުތަކުގެ ކުރިމަތީގައި ހުއްޓޭ ކޮންމެ މީހަކީ ވެސް އިންސާފުވެރި އަދި އަދުލުވެރި ފަނޑިޔާރެއް ހައްގުވާ ފަރާތަކަށްވާތީ ކަމަށް އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
ޙިސާން މިހެން ވިދާޅުވީ، ރާއްޖޭގެ ޖުޑިޝަރީ ހިނގަމުންދާ ގޮތް ޒުވާނުންނަށް ތަޖުރިބާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޖުޑިޝަރީ ފޮ ޖޫނިއާސް" ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޙިސާން ވިދާޅުވީ، ކޯޓުތަކޭ ބުނުމުން ކޮންމެ މީހަކަށ ވެސް ބަޔަކު ކުށެއް ކޮށް އެކަމުން ސަލާމަތް ނުވެގެން އުޅޭއުޅުން ސިފަވީ ނަމަވެސް، އެތަނަކި އަދުލު އިންސާފުގެ ތަނެއް ކަމަށެވެ.
އެގޮތުން ނާއިންސާފުން ތިމާގެ ޙައްޤެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް ކަމަށާއި، މިފަދަ ކޮންމެ ޙާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމަދޭނެ ފަނޑިޔާރުން ތިބިކަން ޔަޤީންވުމަކީ ކޮންމެ މީހަކުވެސް އެދޭނެ ގޮތް ކަން ޙިސާން ފާހަގަކުރެއްވިއެވެ.
Commencing of Judiciary for Juniors, an 8 day program towards young women and men across the Maldives, who have an interest in the judicial field.@UKinMaldives @judiciarymv @UNDPMaldives pic.twitter.com/gAa78lj4ct
— Judicial Service Commission (@MaldivesJSC) December 17, 2022
ޖޭ.އެސް.ސީގެ ރައީސް ވިދާޅުވީ، އެ ޙައްޤު ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދިނުމަށްޓަކާ އެކޮމިޝަނުން ކުރަނީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެއީ ދަތި އުނދަގޫތަކުގެ ތެރެއިން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ މަސައްކަތެއް ކަމަށެވެ. އެކަމަކު އެކަން ކުރަނީ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ފަނޑިޔާރަކު ލިބޭނެކަން ޔަޤީންކޮށްދިނުމަށް ކަމަށް ޙިސާން ވިދާޅުވިއެވެ.
"ތަޢުރީފާއި، ފާޑުކިޔުމުގެ ތެރެއިން، ކުރާ އުނދަގޫ މަސައްކަތެއް، ނަމަވެސް އަޅުގަނޑުމެން ކުރާ މަސަތްކަތް ކުރަނީ، ކޯޓު ކުރިމަތީ ހުއްޓޭ ކޮންމެ ފަރުދަކީ ވެސް އިންސާފުވެރި، އަދުލުވެރި ފަނޑިޔާރެއް ޙައްޤުވާ މީހެއްކަމަށް ވާތީ" ޙިސާން ވިދާޅުވިއެވެ.
‘Judiciary for Juniors’ programme for ages 15-20, conducted by @MaldivesJSC @judiciarymv & @UNDPMaldives supported by @UKinMaldives @FCDOGovUK kicks off! 8-day programme aims to build interest in judiciary & Judgeship & increase knowledge of justice sector & Access to Justice. pic.twitter.com/W62OcTEpc0
— UNDP Maldives (@UNDPMaldives) December 17, 2022
ޙިސާން ޙަސަން ވިދާޅުވީ، ޖުޑިޝަރީއަށް ބޭނުންވަނީ ހަމައެކަނި ފަނޑިޔާރުންނާއި ލޯޔަރުންނެއް ނޫން ކަމަށެވެ. އަދި އެހެން ހުރިހާ ދާއިރާއެކޭ ވެސް އެއްގޮތަށް މި ދާއިރާއަކީ ވެސް ޓެކްނީޝަނުންނާއި މީޑިއޭޓަރުންނާއި، ސޯޝަލް ވޯކަރުން ބޭނުންވާ ދާއިރާއެއް ކަމަށެވެ. އައިޓީ ދާއިރާގެ ހުނަރުވެރިންނާއި ހިންގުންތެރިންނާއި ކޯޓު އޮފިސަރުން ވެސް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޔޫ.އެން.ޑީ.ޕީ.އާ ޖޭ.އެސް.ސީން ގުޅިގެން ފަށާފައިވާ މި ވޯކްޝޮޕަށް އަލިއަޅުއްވާލައްވާ ޙިސާން ވިދާޅުވީ، މި ވޯކްޝޮޕަކީ ކުދިންނަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި މި ވޯކްޝޮޕް ނިމޭއިރު ކުދިން މި ދާއިރާއަށް ޝައުގުވެރިކަން އިތުރުވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ޙިސާން ވިދާޅުވިއެވެ.