އައްޑޫ ސިޓީ އީކުއޭޓޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތް ފުޅާވެގެންދިޔުމަކީ މުޅި ސަރަޙައްދުގެ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް ކުރެވޭ މުހިއްމު މަސައްކަތްތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އޭއީއެޗްގެ ދަށުން ހިންގަމުން އަންނަ ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އައު ޚިދުމަތްތަކެއް އިފްތިތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، ސިއްޙީ މަރުކަޒުތަކުގައި އިތުރު ޚިދުމަތްތައް ތަޢާރަފްވެގެންދިޔުމަކީ މީގެކުރިން ނަމެއްގައި ހުރި މަރުކަޒުތައް ބާރުވެރިވެ، ޚިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތައް ނިމުމަކަށް އަންނާނެކަމެއްކަމަށެވެ.
Vice President @FaisalNasym met with officials of @Ganairportco and students of the flying school as part of his current visit to Addu City. At the meetings, the Vice President spoke about the administration’s plans to develop the aviation industry further. pic.twitter.com/0IO977Ew2Q
— The President's Office (@presidencymv) December 15, 2022
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ހުޅުމީދޫ ސިއްޙީ މަރުކަޒަށް ވަޑައިގެން، އަލަށް މަރުކަޒުގައި ޤާއުމުކުރެވުނު ގިނަ ޚިދުމަތްތަކެއްވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އެގޮތުން އެ މަރުކަޒުގައި ލޮލުގެ ފަރުވާއާއި ދަތުގެ ފަރުވާއާއި ކަރުންމަތީގެ ބަލިތަކުގެ ފަރުވާއާއި އެކްސްރޭގެ ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތުގެ އިތުރުން ޑައިލިސިސްގެ ޚިދުމަތް ވަނީ ފަށްޓަވައިދެއްވާފައެވެ. މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ މިއީ ދެކުނުގެ ސިއްޙީ ނިޒާމަށް ގެނެވުނު އިންޤިލާބީ ބޮޑު ބަދަލެއްކަމަށެވެ.
"އޭއީއެޗް ފަދަ ސަރަޙައްދީ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ފުޅާކުރެވިއްޖެ. ހިންގުން ވަރުގަދަ ކުރެވިއްޖެ. އަދިވެސް މި ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މިއީ މުޅި ދެކުނުގެ ހުރިހާ ރަށަކަށް ލިބިގެންދިޔަ ފަސޭހައެއް. އަދި ކުރިއެރުމެއް." ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާއަށް މިވޭތުވެދިޔަ އަހަރުތަކުގައި ގެންނެވި ތަރައްޤީއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވީ ކޯވިޑްގެ އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައިވެސް ސިއްޙީ ޚިދުމަތް ކޮންމެހެން ބޭނުންވީ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ބޯޑަރު ހުޅުވާލަދިނީ ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމުތަކާއެކު ބޭއްވި ގުޅުމުގެ ސަބަބުންކަމަށެވެ.
މިވޭތުވެދިޔަ 4 އަހަރު ތެރޭގައި ހއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު މީގެކުރިން ތަސައްވުރުވެސް ކޮށްފައިނުވާ އެތައް ޚިދުމަތްތަކެއް ފެށިގެން ގޮސްފިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނައިބު ރައީސްވަނީ އައްޑޫ ފްލައިންގ ސްކޫލް ބައްލަވާލައްވާ އެތަނުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި މަރަދޫ ސްކޫލަށާއި ހިތަދޫ ސްކޫލަށްވެސް އެމަނިކުފާނުވަނީ ވަޑައިގަންނަވާފައެވެ. އަދި އައްޑޫގައި ޤާއިމުކޮށްފައިވާ މިފްކޯގެ ސަރަޙައްދީ ބަނދަރުގައި ޚިދުމަތްތައް ދެމުންދާ ގޮތް އެމަނިކުފާނުވަނީ ބައްލަވާލައްވާފައެވެ.