އަޖޭ ދޭވްގަން ފުލުހެއްގެ ރޯލު ކުޅޭ ފްރެންޗައިޒް ފިލްމު "ސިންގަމް" ގެ 3 ވަނަ ފިލްމު އިޢުލާންކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުއެވެ.
"ސިންގަމް އެގެއިން" ގެ ނަން ދީފައިވާ މީގެ ކާސްޓާއި ބެހޭގޮތުން އެއްވެސް އެއްޗެއް ޕްރޮޑަކްޝަން ޓީމުން އޭރު ހާމަކޮށްފައެއް ނުވެއެވެ.
ރޯހިތު ޝެޓީ ޑައިރެކްޓުކުރާ މި ފިލްމަށް ދީޕިކާ ނެގިކަން ރޯހިތު ކަށަވަރުކޮށްދިނީ އެނާގެ ކުރިއަށް އޮތް ފިލްމު "ސާކަސް" ގައި ހިމެނޭ ދީޕިކާގެ ޚާއްސަ ލަވަ "ކަރަންޓް ލަގާ ރޭ" ލޯންޗްކުރުމަށް ބޭއްވި ހަފްލާގައެވެ. ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް ލީޑްރޯލުން ފެންނަ "ސާކަސް" ގައި ހިމެނޭ މި ލަވަ މިމަހުގެ 8 ވަނީ އާންމުކޮށްފައެވެ.
އަންނަ އަހަރު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމު ވާނީ އަޖޭ އާއި ދީޕިކާ އެކުގައި ސްކްރީނުން ފެންނެ ފުރަތަމަ ފިލްމަށެވެ. އަދި މިއީ ރޯހިތުއާއި އެކުގައި ދީޕިކާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އެ ދެ މީހުން ކުރިން އެކީގައި މަސައްކަތްކުރީ ޝާހްރުކް ޚާން ބަތަލުގެ ރޯލު ކުޅުނު 2013 ގެ "ޗެންނައި އެކްސްޕްރެސް" ގައެވެ.
"ސިންގަމް" ސީރީޒްގެ ފުރަތަމަ ފިލްމު "ސިންގަމް" 2011 ވަނަ އަހަރު ގެނެސްދިނުމަށް ފަހު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ވަނަ އަހަރު އެވެ. މި ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ. "ސިންގަމް" ގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ކާޖަލް އަގަރްވާލެވެ. "ސިންގަމް ރިޓާންސް" ގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.
"ސިންގަމް އެގެއިން" ގެ މަސައްކަތް ފަށާނީ އަޖޭ ޑައިރެކްޓްކޮށް، މިހާރު ކުޅެމުން އަންނަ ފިލްމު "ބޯލާ" ގެ މަސައްކަތްތައް ނިމުމުންނެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މާރިޗު 30 ގައެވެ.
"ސިންގަމް" އަކީ ރޯހިތުގެ ކޮޕް-ޔުނިވާސްގެ ފުރަތަމަ ކެރެކްޓާ ގެނެސްދިން ފިލްމެވެ. އޭގެ ފަހުން ވަނީ ރަންވީރުއާ އެކު 2018 ގެ "ސިމްބާ" އަދި މިދިޔަ އަހަރު އަކްޝޭ ކުމާރާ އެކީ "ސޫރިޔަވަންޝީ" ގެނެސްދީފަ އެވެ. މީގެ އިތުރުން ރޯހިތު އަންނަނީ ސިދާތު މަލްއުތުރާއާ އެކީ ކޮޕް ޔުނިވާސް އަށް ވެބް ސީރީޒެއް ވެސް ހަދަމުންނެވެ. އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ހަދާ ސީރީޒްގެ ނަމަކީ "އިންޑިއަން ޕޮލިސް ފޯސް" އެވެ.