ބޮލީވުޑްގެ ކުރީގެ ބަތަލާ ސޯނަމް އެނބުރި އިންޑަސްޓްރީ އަށް ނުކުންނަން ބޭނުންވާ ކަމަށް ބުނެފިއެވެ.
ކެރިއަރުގެ ވަރަށް ކުރީކޮޅު ކައިވެނިކޮށް، އިންޑިއާ ދޫކޮށް އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރި އުމުރުން 50 އަހަރުގެ ބަތަލާ އީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި އަލުން އެކްޓިން އަށް ނުކުތުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެކެވެ. އަދި އޭނާގެ އާއިލާ ވެސް މިހާރު އެކަމަށް ވަރަށް ހިތްވަރު ދެމުން އަންނަ ކަމަށް ސޯނަމް ބުންޏެވެ.
"ޚާއްސަކޮށް ދަރިފުޅު ވަރަށް ބޮޑަށް ހިތްވަރުދޭ އަހަރެން އަލުން އިންޑަސްޓްރީ އަށް ނިކުންނަން. އޭނަ މިހާރު ވަރަށް ގިނައިން ބުނަން ވެސް ބުނާނެ މަންމަ އުފާވާ ކަމެއްގެ ތެރޭގައި އުޅޭށޭ. ތިމަންނަ އަބަދު ވެސް ހިތްވަރު ދޭން ހުންނާނަމޭ" ހުރި ހަމައެކަނި ދަރިފުޅާއި ބެހޭ ގޮތުން ސޯނަމް ބުންޏެވެ.
80ގެ އަހަރުތަކުގެ ފަހުކޮޅު އެކްޓިން އަށް ނުކުތް ސޯނަމްގެ ފުރަތަމަ ހިންދީ ފިލްމަކީ 1988 ވަނަ އަހަރު ދެއްކި "ވިޖޭ" އެވެ. އެކްޓަރު ރާޒާ މުރާދާއި ބަތަލާ ޒީނަތު އަމަންގެ އާއިލާ އަށް ނިސްބަތްވާ ސޯނަމްގެ އެކްޓިން ކެރިއަރު ފެށުމަކީ އޭގެ އެއް އަހަރު ކުރިން ނުކުތް ތެލެގޫ ފިލްމު "ސަމްރާޓް" އެވެ. ސޯނަމް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ތުރީދޭވް"، "ވިޝްވާތުމާ"، "އަޖޫބާ" އަދި "ބާޒް" ހިމެނެއެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 1994 ވަނަ އަހަރު ދެއްކި "އިންސާނިއްޔަތު" އެވެ.
1991 ވަނަ އަހަރު ސޯނަމް ވަނީ "މޮހްރާ" އާއި "ގުޕްތު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރަޖީވް ރާއީ އާއި ކައިވެނިކޮށްފައެވެ. އޭނާ އަކީ ސޯނަމްގެ "ތުރީދޭވް" އާއި "ވިޝްވާތުމާ" ގެ ޑައިރެކްޓަރު ވެސް މެއެވެ. ސޯނަމާއި ވިޖޭގެ ކައިވެނި 2016 ވަނަ އަހަރު ވަނީ ރޫޅިފައެވެ.
ސޯނަމް ބުނި ގޮތުގައި ކެރިއަރުގެ ކުރީކޮޅު ކައިވެނިކޮށް، އިންޑަސްޓްރީ ދޫކޮށްލަން ޖެހުނު އިރު ވެސް ވަރަށް ގިނަ ހުށަހެޅުންތައް ބޮލީވުޑުން ލިބެމުން ދިޔަ އެވެ. އެކަމަކު އޭރު ބޭނުންވީ ކެރިއަރަށް ވުރެ ބޮޑަށް އަމިއްލަ ދިރިއުޅުން ކަމަށް ބުންޏެވެ. އޭނަ ބުނި ގޮތުގައި އެކްޓިން އަށް އަލުން ނުކުންނަން ބޭނުންވާތީ މީގެ ފަސް އަހަރު ކުރިން ވެސް ޕްލޭންތަކެއް ކުރި އެވެ. އެކަމަކު ޕްލޭންކުރި ގޮތަށް ކަންކަން ނުދިއުމާއި ފަހުން ކޮވިޑްގެ ވަބާއާ ހެދި ވެސް ޕްލޭންތަކަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް ބުންޏެވެ.
އޭނަ ބުނި ގޮތުގައި މިހާރުގެ ޑައިރެކްޓަރުންގެ ތެރޭގައި އަނޫރާފް ކޭޝަޕާއި ވިޝާލް ބަރަދްވާޖާއި ނީރަޖް ޕާންޑޭ ފަދަ ޑައިރެކްޓަރުންނާ އެކީ މަސައްކަތްކުރުމުގެ ޝައުގުވެރިކަން ބޮޑެވެ.
"އުންމީދުކުރަން އެ މީހުންނާ އެކީ މަސައްކަތްކުރަން ލިބޭނެ ކަމަށް" ސޯނަމް ބުންޏެވެ.