ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި، މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ޤައުމީ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި ދުވަހުގެ މުނާޞަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް މަސްވެރިންނާއި މި ސިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ އެންމެމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަރިސްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށްކަމަށެވެ.
މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މަސްވެރިންނާއި މި ސިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރަން.ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް.
— Ibrahim Mohamed Solih (@ibusolih) December 10, 2022
މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުހޯދުމަށްޓަކައި ސަރުކާރުން ދަނީ ވަގުތުތުންވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ވަނީ ގެނެސްފައެވެ.
މީގެ އިތުރުން މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މަސް ކިރަން މިފްކޯއިން އިތުރު 3 ބޯޓު ވަނީ ގަނެފައެވެ. އެ ބޯޓުތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިފްކޯއިން އަންނަނީ ކުރަމުންނެވެ.
ރާއްޖެއަށް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު، މަސް ކިރުވުމުގައި ދަތިތަކާއި ދިމާވުމަކީ މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދާދިނުމަށް ސަރުކާރުން ވަނީ މިފްކޯގެ މަސްގަންނަ ސެންޓަރުތައް އަޕްގްރޭޑުކުރުމަށްވެސް ބޮޑެތި މަޝްރޫޢުތަކެއް ފަށާފައެވެ.
އެގޮތުން ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމްކުރުން ކުރިއަށްދެއެވެ.
މީގެ އިތުރުން ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ 20 ރަށެއްގައި މިހާރުވެސް އައިސްޕްލާންޓްތައް އަންނަނީ ހިންގަމުންނެވެ. އަދި އައިސްޕްލާންޓްތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، އައު އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މި މަޝްރޫޢުގެ ދަށުން ގއ.ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ވިދާޅުވެފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ %48 އިތުރުވެގެން ދާނެއެވެ. އަދި ފްރީޒިންގ ކެޕޭސިޓީ %37 އިތުރުވެގެންދާނެއެވެ.
މަސްވެރިންބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މަސްވެރިންނަށް އަގުހެޔޮކޮށް ޑީސަލް ލިބޭނެ ގޮތާއި، މަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ލުއި ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދީފައިވެއެވެ.