ކޮންމެ މީހަކީ ފާޅުގައި ފަސާދައަށް ނޫނެކޭ ބުނާ މީހަކަށް ވާންޖެހޭ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަހާއި ގުޅިގެން އޭ.ސީ.ސީގެ ރައީސް ހިއްސާ ކުރެއްވި މެސެޖުގައި ވަނީ ދުވަހުގެ ތަހުނިޔާ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް ފޮނުވާފައެވެ.
ޝާމިލް ވިދާޅުވީ، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ކޮންމެ މީހަކީވެސް ނަމޫނާ މީހަކަށް ވާންޖެހޭކަމަށެވެ. ކޮންމެ މީހަކީވެސް ފާޅުގައި ފަސާދައަށް ނޫނެކޭ ބުނަންކެރޭނެ ހިތްވަރު ހުރި މީހަކަށް ވާންޖެހޭކަމަށް ޝާމިލް ވިދާޅުވިއެވެ. ކޮންމެ މަޤާމެއްގައި ހުންނެވި ބޭފުޅަކު ކަމުގައިވީނަމަވެސް އެމީހެއްގެ ޒިންމާ އަދާކުރުމުގައި ނަޒާހަތްތެރި ކަންމަތީ ދެމިހުރުމަކީ އެންމެންގެ ލޯތްބާއި އިހުތިރާމް ލިބޭނެ ކަމެއްކަމަށް ޝާމިލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކީ ފަސާދައާއި ދެކޮޅު، ފާޅުގައި ފަސާދައަށް ނޫނެކޭ ބުނާ މީހަކަށް ވާންޖެހޭ. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރި ކަންމަތީ ދާއިމަށް ސާބިތުވެ ތިބޭބަޔަކަށް ވާންޖެހޭ." އޭ.ސީ.ސީގެ ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ރަސްމީ ސިފައެއްގައި ފުރަތަމަ ފަހަރަށް މަސައްކަތް ކުރުމަށް 21 އޭޕްރީލް 1991 ގައި އެންޓިކޮރަޕްޝަން ބޯޑުގެ ނަމުގައި، 06 މުވައްޒަފުންނާއެކު އިދާރާއެއް އުފެދިގެން ދިޔައެވެ. އެއާއެކު، ސަރުކާރުގެ ފައިސާއަށާއި ތަކެއްޗަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި އަދި މިނޫނަސް ޤާނޫނާއި ގަވާއިދު ހުއްދަ ނުކުރާ ގޮތްގޮތުން އަމިއްލަ ފައިދާ ހޯދުމާއި، ވަކި މީހަކަށް ނުވަތަ ބަޔަކަށް ނުޙައްޤު ފައިދާއެއް ހޯދައިދިނުމަށް ކުރާ ކަންތައްތަކާ ބެހޭ ޝަކުވާތައް ބެލުމުގެ މެންޑޭޓް އެ ބޯޑާ މަތިކުރެވިގެން ދިޔައެވެ.
2008 ގައި ދިވެހިން ލިބިގަތް ފެހި ޤާނޫނުއަސާސީގެ ހަތްވަނަ ބާބުގެ 199 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އޮންނަންވާނެކަމަށް ކަނޑައެޅުމާ ގުޅިގެން، 24 ސެޕްޓެމްބަރ 2008 ގައި ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ތަސްދީޤު ކުރެވި، މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި އިންތިޤާލީ އެންޓި-ކޮރަޕްޝަން ކޮމިޝަން 16 އޮކްޓޯބަރ 2008 ގައި އުފެދިގެން ދިޔައެވެ.