ޚަބަރު

ޕާކިސްތާނަށް އެހީވުމަށް ބީސީއެމް އިން ޖާފަތެއް


ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އިން ރޭ ޖާފަތެއް ބާއްވައިފިއެވެ.

މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް ޕާކިސްތާނަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު ޖުމްލަ 40 ބިލިއަން ޑޮލަރަށް އަރާނޭކަމަށް ޕާކިސްތާނުގެ ސަރުކާރާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. އެކަމަށް އެހީވުމުގެ ގޮތުން ބީސީއެމް އިން ބޭއްވި މި ޖާފަތަކީ ޓިކެޓު ވިއްކައިގެން ބޭއްވި ޖާފަތެވެ.

އަދި މިޖާފަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރައްވާ އެކަމަށް ބީސީއެމުންވަނީ ޝުކުރު އަދާކޮށްފައެވެ. ބީސީއެމް އިން ބުނިގޮތުގައި މި ޖާފަތް ބާއްވައިގެން ލިބުނު ފައިސާ ބޭނުންކުރާނީ ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި ކާނާއާއި ބޭސް ފޯރުކޮށްދިނުމަށެވެ.


ޕާކިސްތާނާއި ދިވެހިރާއްޖޭގެ ގުޅުމާއި ސަގާފާތް ރަމްޒުކޮށްދޭގޮތަށް އިންތިޒާމުކޮށްގެން ބޭއްވި މި ޖާފަތުގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖާފަތް ޝަރަފުވެރިކޮށްދެއްވާފައިވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީ އެވެ.


މި ޖާފަތުގައި ދެއްކެވި ވާހަކަފުޅުގައި ސަފީރު ފައްޔާޒް ވަނީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދު އޮންނަ ގުޅުން ފާހަގަކުރައްވާ ރާއްޖެއިން ޕާކިސްތާނަށް ވަމުން އަންނަ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ރާއްޖެ އަކީ ޕާކިސްތާނު ރައްޔިތުންނަށް ދެވަނަ ހޯމްގެ ގޮތުގައި ސަފީރު ސިފަކުރެއްވިއެވެ. ސަފީރު ވިދާޅުވިގޮތުގައި ޕާކިސްތާނަށް ކުރިމަތިވާ އުނދަގޫ ވަގުތުތަކުގައި ދިވެހިރާއްޖެ އަކީ އަބަދުވެސް އެންމެ ގާތުގައި އޮތް އެއް ގައުމެވެ. އެގޮތުން މި ކާރިސާގައި ވެސް އެހީތެރިވުމަށް ބީސީއެމްއިން ބޭއްވި ހަރަކާތަކީވެސް އޭގެ ހެއްކެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

ބީސީއެމް އިން ބޭއްވި މި ހަރަކާތުގައި ރާއްޖޭގެ ފަރާތުން ވަނީ ރާއްޖޭގެ ސަގާފަތް ރަމްޒުކޮށްދޭ ދިވެހި ލިބާހެއް ވެސް ސަފީރަށް އަރުވާފައެވެ. އަދި މީގެ އިތުރަށް ޕާކިސްތާނުގެ ސަގާފަތާއި އެ ގައުމުގެ ކަންކަން ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވާއިރު، އެ ގައުމުގެ ސަގާފީ ތަކެތި ފެންނަހެން މައުރަޒެއް ވެސް ވަނީ ބާއްވާފައެވެ.