ޚަބަރު

ލަންދުއާއި މަރޮށީ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތާއެކު، ޖާގައިގެ ދަތިކަމަށް ބޮޑު ޙައްލެއް


ނ.ލަންދުއާއި ށ.މަރޮށީގެ ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމަށް ތަރައްޤީކުރި އެކްސްޓެންޝަން އިމާރާތް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. މި މަސައްކަތް ނިމުން ފާހަގަކޮށް، އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވީ މިނިސްޓްރީ އޮފް ހެލްތްގެ ސްޓޭޓް މިނިސްޓަރ އަޙުމަދު އާދިލެވެ.

މި ދެރަށުގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުވުމަށް، ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. އެގޮތުން މަރޮށީ އަދި ލަންދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ރަށްރަށުގެ ސިއްޙީ މަރުކަޒާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސިއްޙީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް އަތޮޅުތަކުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ. ލަންދުއާއި މަރޮށީގެ ސިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތަށް އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ޕަބްލިކް ހެލްތް ޔުނިޓްވެސް ހިންގަމުންދާނީ އައު ޢިމާރާތުގައެވެ.

ނަމަވެސް ޑޮކްޓަރުން ބެލުމާއި، އަދި އެޑްމިޓްކޮށްގެން ދޭ ޚިދުމަތްތައް ދެމުންދާނީ ކުރީގައިވެސް ބޭނުންކުރި ޢިމާރާތުންނެވެ.

ނ.ލަންދުއަކީ އާބާދީގައި 1000އާއި ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ލަންދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތަށް 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ށ.މަރޮށީގެ އާބާދީ 900އާއި ގާތްކުރިނަމަވެސް، ރަށުގައި ނިސްބަތުން ދިރިއުޅޭ އާބާދީ ކުޑައެކެވެ. މަރޮށީގެ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހެދުމަށް 3.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

އާބާދީގެ ކުޑަބޮޑު މިނެއް ބެލުމެއް ނެތި، އެ ރަށްރަށަށުގައިވެސް މުހިންމު މަޝްރޫޢުތައް ސަރުކާރުން އަންނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ރަށްރަށުގެ ޒަމާންވީ ސިއްޙީ މަރުކަޒުތައް މަރާމާތުކުތުމާއި، މަރުކަޒުތަކަށް ޖާގަ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.

މި ހިނގާ 2022ވަނަ އަހަރު، 60ރަށެއްގެ ސިއްޙީ މަރުކަޒު ޒަމާނީ ފެންވަރަށް ގެނައުމަށް އެކި މަޝްރޫޢުތައް ހިންގާފައިވެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައިވެސް ގިނަ މަސައްކަތްތަކެއް ވަނީ ހިމަނާފައެވެ. އަންނަ އަހަރު 132 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ހިމަނާ، އެކަމަށް 551 މިލިއަން ރުފިޔާގެ ބަޖެޓެއްވެސް ވަނީ ކަނޑައަޅާފައެވެ.