ޚަބަރު

ތަރައްޤީއަށް ހިންގި އެންމެ ބޮޑު އިންވެސްޓްމަންޓަކީ ފެނާ ނަރުދަމާ ޤާއިމުކުރުން: ރޮޒައިނާ


ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ތަރައްޤީއަށް ހިންގެވި އެންމެބޮޑު އިންވެސްޓްމަންޓް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓާއި، ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ބާބު 3 ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ރޮޒައިނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް އޮތީ ފެނާއި ނަރުދަމާ ގާއިމް ނުކުރެވި، އަސާސީ ހައްގުތަކުން މަހުރޫމު ވެފައިކަމަށެވެ. ފާއިތުވެދިޔަ ދިގު މާޒީގައި އެއްވެސް ސަރުކާރަކުން މިކަމަށް އިޖާބަ ނުދިނުމަކީ ރައްޔިތުންގެ އެންމެ އަސާސީ ކަންކަމަށް އެސަރުކާރުތަކުން ވެފައިވާ ބޮޑު އިހުމާލެއްގެ ގޮތުގައި ރޮޒައިނާ ސިފަކުރެއްވިއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ރާޢްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެނާއި، ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ފެށްތެވި މަސައްކަތް ނިމިގެންދާކަމީ ރަށްރަށުގެ ރައްޔިތުން އެކަން ޝުކުރުވެރި ކަމާއިއެކު ބަލައި ގަންނަ ކަމެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރެވޭނީ މީހާ ފުރިހަމަ ސިއްޙަތެއްގައި ހުރެގެން ކަން ފާހަގަކުރައްވާ ރޮޒައިނާ ވަނީ، ސަރުކާރުން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވި އެންމެ މުހިންމު އެއްހައްގަކީ ސާފު ބޯފެނާއި ފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމުކަމަށް ވިދާޅުވެފައެވެ.

"މިޤައުމު އޮންނަތާ މިހާ ގިނަ ދުވަސްވެގެން އައިއިރުގަ ފެނާއި ނަރުދަމާ ރަށްރަށުގައި ނެތުމަކީ ހަގީގަތުގައި މައްސަލައެއް ނޫންތޯ؟ ރައީސުލްޖުމްހޫރިއްޔާ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރެއްވުމަށް އެކުރެއްވި ޚަރަދަކީ މިރާއްޖެއަށް ކުރެވުނު އެންމެބޮޑު އެއް އިންވެސްޓްމަންޓް. މީހުން ތަރައްޤީވަމުންދާ ވަރަކަށް އުޅޭތަން ތަރައްޤީނުވާނަމަ، އެތަނެއްގައި ދިރިއުޅެން އުދަގޫވާނެ." ރޮޒައިނާ ވިދާޅުވިއެވެ.

ބަޖެޓުގައި އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ރޮޒައިނާ ވިދާޅުވީ ތަޢުލީމާއި، ޞިއްޙަތާއި އާންމު ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަމަ ކުރުމަކީ މިދައުރު ނިމިގެންދާއިރު ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް ކަށަވަރު ކުރައްވަން ބޭނުންފުޅުވާ ކަންތައްކަމަށެވެ.

މީގެ އިތުރުން މުވައްޒިފުންގެ މުސާރަ ބޮޑުކުރުމާއި، އާންމު ރައްޔިތުންގެ ހަމަޖެހުމާއި، އަދުލު އިންސާފު ގާއިމް ކުރެވި، ރައްޔިތުންނަށް ސުލްހަވެރި މުޖުތަމައެއް މިއަދު ގާއިމްވެފައި އޮތުމަކީ ލިބިގެންދާ އެންމެ ބޮޑު ހިތްހަމަ ޖެހުންކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މީގެ ކުރިން ފަނޑިޔާރުންނަށާއި، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމާއި، ސިޔާސީ މީހުން ޖަލަށްލައި، މަގުމަތީގެ އެއްވެސް އަމާންކަމެއްނެތް މުޖުތަމަޢުއެއް، މުޅިން އަމާން ރައްކަތެރި ތަނަކަށް މިއަދު ބަދަލުވެފައިވާކަމަށެވެ. ހަމަ މިއާއިއެކު ސަރުކާރުން ޚާރިޖީ ސިޔާސަތަކީ މިއަދު މުޅި ދުނިޔެ ބަލައިގެންފައި އެއްސިޔާސަތުކަމަށްވެސް ސިފަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ފަތުރުވެރިންގެ މެދުގައިވެސް އަދި އާންމު ފަރުދުންގެ މެދުގައިވެސް މިއަދު ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ އަމާން ސުލްހަވެރި މަންޒިލަށް ރާއްޖެ ވެފައިވާކަމަށްވެސް ވިދާޅުވެފައެވެ.