އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ 61 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 8 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ބަޖެޓްގެ ކޮމިޓީ ރިޕޯޓަށް އިދިކޮޅު މެމްބަރުންނާއި ސަރުކާރަށް ތާއީދުކުރާ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންވެސްވަނީ އިސްލާހް ހުށަހަޅާފައެވެ. ނަމަވެސް މިއިން އެއްވެސް އިސްލާހެއް ތަޅުމުން ފާހެއް ނުވެއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް މަޖިލީހުން ދިރާސާކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުންނެވެ. ބަޖެޓް ދިރާސާ ކުރުމަށްޓަކައި މިނިވަން މުވައްސަސާތަކާއި، މާލީ އިދާރާތަކާއި ކޮމެޓީން ވަނީ ބައްދަލުކޮށް ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ބަޖެޓް ކޮމެޓީން ފާސްކޮށްފައިވަނީ ބަޖެޓް ދިރާސާކުރުމުގައި ކުރެވުނު މަޝްވަރާތަކާއެކު ބަޖެޓަށް 160 މިލިޔަން ރުފިޔާ އިތުރުކޮށް، 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި ބައެއް ދާއިރާތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.
ބަޖެޓްގެ ބަހުސް މަރުހަލާގައި މެމްބަރުންގެ ތެރެއިން ބަޖެޓާމެދު ކަންބޮޑުވުން ފާޅުކުރެއްވި ބައެއް މެމްބަރުން ވިދާޅުވީ، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދޭނެ ބަޖެޓަކަށް މިބަޖެޓް ނުވާކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރީގެ ތެރެއަށް ވަންނަމުން އަންނަކަމަށް ވިދާޅުވެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުން އަންދާޒާކުރާ ޢަދަދަށް ހިލޭ އެހީއާއި ބޭރު ފައިސާ ނުލިބޭކަމަށާއި، އެކަމުގެ ސަބަބުން ޑޮލަރުގެ އަގު އުފުލެމުން އަންނަކަމަށްވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ބަޖެޓަށް ތާއީދުކޮށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ މިބަޖެޓަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ތަރައްޤީގެ ކަންކަން ހާސިލްވެގެންދާނެ އުންމީދީ ބަޖެޓެއްކަމަށް ވިދާޅުވެފައެވެ. އަދި މިބަޖެޓަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށާއި، އިޤްތިޞާދީ ގޮންޖެހުންތަކުންވެސް އަރައި ގަތުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ޤައުމުގެ ކުރިމަގަށް އުންމީދެއް އޮތް ބަޖެޓެއްކަމަށް ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުންކަމަށް ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. މިގޮތުން ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް ބަޖެޓުގައި އިސްކަންދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ އިންގިލާބީ ބަދަލުތަކެއް އަންނަކަމުގެ އިހުސާސް ރައްޔިތުންނާ ގާތްކޮށްދިނުންކަމަށް ބަޖެޓުގައި ޚާއްސަ އިސްކަމެއް ވަނީ ދީފައެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19ގެ ކުރީގެ އިޤްތިސާދުގެ ލެވެލް ފަހަނައަޅައިދާއިރު، ދައުލަތުގެ އާމްދަނީވެސް ބޮޑުވެގެންދާނެކަމަށެވެ. އެގޮތުން އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.