ޚަބަރު

އަގު ހެޔޮކޮށް، މާލެ އާއި ރަށްރަށުގެ ކަރަންޓު ޓެރިފް އެއްހަމަކުރަނީ


މާލެ އާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް، އެކި ގިންތިތަކަށް އެއްހަމަކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީން ފާސްކޮށްފިއެވެ. ވިޔަފާރި ޓެރިފްތައް އެއްވަރުކޮށް، އަގު ކުޑަކުރުމަށް އެދި މަޖިލީހުގެ ކޮމިޓީއަށް ޤަރާރު ހުށައެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާމްއެވެ. ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭ މައި ދެ ކުންފުންޏަކީ ފެނަކައާއި ސްޓެލްކޯއެވެ.

އަތޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް ދޭ ގޮތަށް ބަލާއިރު، ގޭބިސީތަކުގެ ކަރަންޓު ޓެރިފުން ނަގާ އަގު ވަނީ އެއްހަމަކޮށްފައެވެ. ނަމަވެސް ވިޔަފާރީގެ ޓެރިފްތަކުގައި ބޮޑު ފަރަގެއް އެބަހުއްޓެވެ.

އަތޮޅުތަކުގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ ކަރަންޓު އަގުބޮޑުވުމުގެ ކަންބޮޑުވުން ވިޔަފާރިވެރިން އަންނަނީ ފާޅުކުރަމުންނެވެ. އެގޮތުން ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކާ، ލޯކަލް ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ހިންގާ ވިޔަފާރިތަކުން ދަނީ ޝަކުވާ ހުށައަޅަމުންނެވެ. ވިޔަފާރވެރިންގެ ޝަކުވާތަކުގެ ތެރޭގައި ވިޔަފާރި ހިންގުމުގެ ޚަރަދު ބޮޑުވުމާއި، ކަރަންޓާއި ޓެކްސްއަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި ގުޅިގެން، އާމްދަނީ ކުޑަވުމުގެ ޝަކުވާ ހިމެނެއެވެ.

މާލެ ސިޓީގައި ވިޔަފާރިތަކުގެ ކަރަންޓު ބޭންޑުގެ 300ޔުނިޓުން ފެށިގެން 10000ޔުނިޓާ ދެމެދުގެ އަގު އުޅެނީ، 3.65 ރުފިޔާއާއި 5.75އާއި ދެމެދުއެވެ.

ނަމަވެސް އަތޮޅުތަކުގައި 300ޔުނިޓުން މަތީގެ ކޮންމެ ޔުނިޓަކަށް 6 ރުފިޔާ ނަގައެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވަނީ ފީނޭންސް މިނިސްޓްރީ، އެންވަޔަރަމަންޓް މިނިސްޓްރީ، ސްޓެލްކޯ، ފެނަކަ، އެމްޑަބްލިއުއެސްސީ، އަދި އެސްޓީއޯއާ ބައްދަލުުރައްވާފައެވެ. މިކުންފުނިތަކުން ބުނެފައިވަނީ، ކަރަންޓުގެ އަގު ހެޔޮކޮށްފިނަމަ، ހިންގުމުގެ ޚަރަދަށް 91 މިލިއަން ރުފިޔާ އިތުރުކުރަންޖެހޭނެކަމަށެވެ. މިއީ މާލީ ބުރައެއްގެ ގޮތުގައި އެކުންފުނިތަކުން ފާހަގަކުރެއެވެ. އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި މިފައިސާ ހިމެނިފައި ނުވުމަކީ، މިވަގުތު އަގަށް ބަދަލުގެނައުމަށް އޮތް ގޮންޖެހުމެއްކަމުގައިވެސް އެކުންފުނިތަކުން ފާހަގަކުރިއެވެ.

ނަމަވެސް މައްސަލަ ދިރާސާކުރުމަށް ފަހު ކޮމިޓީންވަނީ، މާލެއާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް އެކި ގިންތިތަކަށް އެއްހަމަކުރުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް ކުންފުނިތަކަށް އަންގާފައެވެ. މީގެތެރޭގައި މައިގަނޑު 3ކަމެއް ހިމަނާފައިވެއެވެ.

އެެއީ އެކި މޮޑެލްތަކާއި އަދި އެކި ޓެކްނޮލޮޖީގައި ކަރަންޓު އުފައްދަން ކުރަންޖެހޭ ޚަރަދު ތަފާތުވާތީ، މި ތަފާތުތަކަށް ރިޢާޔަތްކޮށް ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ، ކަރަންޓުގެ ޚިދުމަތް ހަމަހަމަގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ފުރިހަމަ ޓެރިފް ރިވިއުއެއް ހެދުމެވެ. އަދި ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށްގެންނާއި، ޑީސަލްގެ ޚަރަދު ކުޑަކޮށްގެންނާއި އަދި އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްގެން، ޓެރިފް ރޭޓުތައް ކުޑަކުރުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތް ކުރުމަށެވެ.

މީގެއިތުރުން ރަށްރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް ބިލުކުރަމުންދާ އަގުތަކުގައި ހުރި ތަފާތުކުރުންތައް އެއްހަމަކުރުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށްވަނީ ވަގުތު ދީފައެވެ.

ކަރަންޓަކީ ސަރުކާރުން އެންމެ ބޮޑު ހޭދައެއް އަދި ސަބްސިޑީއެއްވެސް ދޭ ޚިދުމަތެވެ. އެގޮތުން ކޮންމެ އަހަރަކު ބިލިއަނަކަށްވުރެެ ގިނަ ރުފިޔާ ތެޔޮ ގަތުމަށް ހޭދަކުރެއެވެެ. އަދި މިދިޔަ 3 އަހަރު، ކަރަންޓު ސަބްސިޑީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރިއެވެ.