ޚަބަރު

އާރަށު މައްސަލަ: ޚުލާސާ ބަޔާން ހުށަހެޅުން އަންނަ ހަފްތާގައި


ވ.އާރަށް ކުށްޔަށްދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންނާއި، ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމުގެ ޝަރީއަތުގެ މަޖިލިސް އަންނަ ހަފްތާއަށް ތާވަލްކޮށްފިއެވެ.

ވ.އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މިދައުވާގައި ބުނެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއް މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމް ދެއްވިކަމަށެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިދިޔަ ދެ ހަފްތާގައި މިމައްސަލާގައި ކުރިއަށް ގެންގޮސްފައިވަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެގޮތުން އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާއި ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ބައެއް ހެކިންގެ ހެކިބަހާއިމެދު ސުވާލު އުފައްދައި ދޮގުހެކި ދީފައިވާކަން ސާބިތުކޮށް ދިނުމަށް ދައުލަތުން ހުށައެޅުއްވި އައު ހެކިތައް ބަލައިގަނެ، އެހެކިތަކާއި ގުޅޭގޮތުންވެސް ވަނީ ވާހަކަ ދައްކާފައެވެ.

މިމައްސަލާގައި ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ އިއްޔެ ވަނީ ނިންމާލާފައެވެ.

މިމައްސަލަ ބައްލަވާ އިސް ޤާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިމައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑު އެހުން އަންނަ ހަފްތާގެ ބުދަ ދުވަހު ބާއްވާނެކަމަށެވެ. ޚުލާސާ ބަޔާނަށްފަހު މިމައްސަލާގައި އިތުރު ކަމެއް ފާހަގަ ކުރަން ނެތްނަމަ ދެން އޮންނަނީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމެވެ.