ޚަބަރު

ސިޓީ ޕޮސިބަލްގެ މެމްބަރަކަށްވުމަށް އެޗްޑީސީއިން މާސްޓަރކާޑާއެކު އެއްބަސްވުމެއް


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ޕޭމަންޓް އިންޑަސްޓްރީގެ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މާސްޓަރކާޑާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ. މި އެއްބަސްވުމުގެ ސަބަބުން މާސްޓަރ ކާޑުގެ ސިޓީ ޕޮސިބަލް ނެޓުވޯކުގެ މެމްބަރޝިޕް އެޗް.ޑީ.ސީއަށް ލިބޭނެއެވެ.

މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ. އަދި މާސްޓަރކާޑުގެ ފަރާތުން ސޮއިކުރެއްވީ، ސްރިލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރ ސަންޑުން ހަޕުގޮޑާއެވެ. ސިޓީ ޕޮސިބަލްއަކީ ދުނިޔޭގެ އެކި ސިޓީތަކާއި، ވިޔަފާރިތަކާއި، ތަޢުލީމީ ދާއިރާ އަދި ކޮމިއުނިޓީތައް އެކުވެގެން ދެމެހެއްޓެނިވި އަދި އުފެއްދުންތެރި އުމްރާނީ ތަރައްޤީ ގެނައުމަށް އެކުލަވާލެވިފައިވާ ވިއުގައެކެވެ.

މީގެ 3 އަހަރު ކުރިން އުފެދިގެންއައި މި ނެޓުވޯކުގައި މިހާރު 50 ޤައުމުގެ މައްޗަށް އެކުލެވޭހެން 300 އަށް ވުރެ ގިނަ ސިޓީއާއި 600 އަށްވުރެން ގިނަ ކޮމިއުނިޓީތައް ހިމެނެއެވެ. ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިޤްތިޞާދީ ތަރަށްޤީ ފުރިހަމަ ގޮތުގައި ގެނައުމަށް މި ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

މި ނެޓުވޯކުގެ މެމްބަރަކަށްވުމުން، އެޗް.ޑީ.ސީން ކުރިއަށްގެންދާ ސްމާޓް ސިޓީ މަޝްރޫޢަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

އެގޮތުން އެހެން ސިޓީތަކުގައި ބޭނުން ކުރަމުން އަންނަ ތަފާތު ސްމާޓް ސޮލިއުޝަންތަކާ ބެހޭ ތަޖުރިބާކާރު މަޢުލޫމާތާއި އެފަދަ ސޮލިއުޝަންތައް ދިވެހިރާއްޖޭގައި، އަދި ހުޅުމާލެ ފަދަ ސިޓީއެއްގައި އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެނގިގެންދާނެކަން އެޗް.ޑީ.ސީން ފާހަގަކުރައްވައެވެ. އަދި ހުޅުމާލެ ތަރައްޤީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް މަގުފައި ވެގެން ދާނެކަމަށްވެސް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.

ހުޅުމާލެއަކީ ހުރިހާ ގޮތަކުންސްވެސް ރައްޔިތުންނަށް ލުއިފަސޭހަ ސްމާޓް ސިޓީއަކަށް ހެދުމަށްޓަކައި އެޗް.ޑީ.ސީން އަންނަނީ އެކޯރޕަރޭޝަންގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އޯޕަން އެކްސެސް ނެޓުވޯކަކާއެކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ހުޅުމާލޭގައި ޤާއިމުކޮށް ތަފާތު ޑިޖިޓަލް ސޮލިއުޝަންތައް ދަނީ ތައާރަފު ކުރަމުންނެވެ.