ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާ ޝަރީޢަތް ފަށައިފިއެވެ.
ޖުމްލަ 11 ފަނޑިޔާރުން ހިމެނޭ ހައިކޯޓުގައި ތިއްބަނީ 3 އަންހެން ފަނޑިޔާރުންނެވެ. އެއީ އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ، އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ. ހައިކޯޓުގައި ކޮންމެ މައްސަލައެއްވެސް ބައްދަލަވާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އިސްތިއުނާފީ ކޯޓު، ހައިކޯޓުގައި ފުރަތަމަ ފަހަރަށް އެކުލަވާލި 3 އަންހެން ފަނޑިޔާރުންގެ ބެންޗުން ބައްލަވަނީ، އަމިއްލަ މީހަކާއި މޮރިޝަސް ބޭންކާއި ދެމެދު ހިންގާފައިވާ މުއާމަލާތަކާއި ގުޅޭ ޝަރީޢަތުގެ މައްސަލައެކެވެ.
ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިއަދުވަނީ ޝަރީއަތެއް ހިންގާފައެވެ. މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ، އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ. pic.twitter.com/qjDW7gm1eY
— Ameen Faisal, Information Officer (High Court) (@HighCourtMedia) November 16, 2022
ހައި ކޯޓުގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗަކުން މައްސަލަ ބެއްލެވުން އެއީ ތާރީޚީ ދުވަހެއްގެ ގޮތުގައި އެކޯޓުންވެސް ވަނީ ސިފަކޮށްފައެވެ.
ރާއްޖޭގެ ޝަރުޢީ ދާއިރާގައި މަތީ މަރުހަލާގެ ކޯޓުތަކަށް ފުރަތަމަ ފަހަރަށް ވަނީ އަންހެން ފަނޑިޔާރުން އައްޔަންކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ސުޕްރީމް ކޯޓަށްވެސް ވަނީ އަންހެން 2 ފަނޑިޔާރުން އައްޔަންކުރައްވާފައެވެ. އެއީ ފަނޑިޔާރު ޑރ.އަޒަމިރާލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫންއެވެ.
ފާއިތުވި ދެތިން އަހަރު ރާއްޖޭގެ ކޯޓްތަކަށް އައްޔަންކުރި އަންހެން ފަނޑިޔާރުންގެ ނިސްބަތް އިތުރުވެފައިވާކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.