ޚަބަރު

ޖަލުތަކުގައި ހިންގާފައިވާ އަނިޔާތައް ބެލުމަށް ސިއްރު އަޑުއެހުންތަކެއް


ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ލާއިންސާނީ ދަށުދަރަޖައިގެ އަނިޔާތަކާ ބެހޭގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ޢާންމުކޮށް ހުޅުވާނުލައި އަޑުއެހުންތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކާ ގުޅިގެން އެ އޮފީހުގެ އިޚްތިޞާޞްގެ މުއްދަތުގެ ތެރޭގައި، ހައްޔަރުކޮށް ބަންދުކުރުމުގެ އެކި މަރުޙަލާތަކުގައި ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ ޢަމަލުތަކުގެ ސަބަބުން، އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަނެ އަނިޔާ ކުރުމުގެ ޢަމަލުތައް ހިނގާފައިވޭތޯ ބަލާނެކަމަށް އެއޮފީހުން ވިދާޅުވެއެވެ.

މި އަޑުއެހުންތަކުގައި މައްސަލަ ހުށައެޅި ފަރާތްތަކުގެ އިތުރުން އެފަދަ ކަންކަން ތަޖުރިބާކޮށްފައިވާ އެހެނިހެން ފަރާތްތަކަށް އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުޞަތުދީ، މަޢުލޫމާތު އެއްކުރެވޭނެކަމަށް އިންތިޤާލީ އިންސާފުގެ އޮފީހުން ވިދާޅުވިއެވެ. އަދި މައްސަލަތަކުގެ ވަށައިގެންވާ އެހެނިހެން ކަންކަން ދެނެގަތުމުގައި ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ކަށަވަރުކޮށްދިނުމަށާއި، އަނިޔާގެ ޢަމަލުތައް މަނާ ކުރުމަށް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކުގެ އިތުރުން ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލެވިގެންދާނެކަމަށްވެސް އެއޮފީހުން ވިދާޅުވިއެވެ.

މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ދެއްވަން ބޭނުންވާ ފަރާތުގެ މަޢުލޫމާތުތައް ޙިއްސާކޮށްދެއްވުން އިންތިޤާލީ އިންސާފުން ވަނީ އެދިފައެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ. މިހާތަނައަށް އެއޮފީހަށް ހުށަހެޅުނު އެކިބާވަތުގެ މައްސަލަތަކުގެ ތެރެއިން 111 މައްސަލައެއްގެ ތަޙުޤީޤުކޮށް ވަނީ ނިންމާފައެވެ.