ޚަބަރު

ހޮރައިޒަން އިން މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ މަޖިލީހަށް


ހޮރައިޒަން ފިޝަރީޒްއިން މަސްވެރިންނަށް ދޭން ޖެހޭ 21 މިލިއަން ރުފިޔާ ދީފައިނުވާކަމަށް ބުނާ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ. މަޖިލީހުން މި މައްސަލަ ބަލައިގަތީ މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ 47 ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

ހޮރައިޒަން ފިޝަރީޒްގެ މާންދޫ މަސް ކާރުޚާނާއަށް ކިރާ މަހަށް ފައިސާ ނުލިބޭ ކަމަށް ބުނެ، ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިން އަންނަނީ ކަންބޮޑުވުންފާޅުކޮށް އިހްތިޖާޖު ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެގޮތުން އެ މަސްވެރިން ބުނާ ގޮތުގައި، އެ ކާރުހާނާއަށް ކިރާ މަހަށް ފައިސާ ނުލިބޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.


މި މައްސަލަ ހުށަހަޅުއްވަމުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ މަޖިލީހުގައި އެ މައްސަލަ ކުރިއަށްދާއިރު ވެސް މާންދޫ ފަޅުގައި 26 ދޯނި މަޑުކޮށްގެން އިހްތިޖާޖުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަހުގެ ލާރި ނުލިބެނީސް އެތަނުން ދުރަށް ނުދާނެ ކަމަށް މަސްވެރިން ބުނަމުން އަންނަކަމަށާއި، އެކަން އެހިސާބަށް އެ ދިޔައީ މިކަން ދިގުލައިގެން ގޮސް މަސްވެރިންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހުމުން ކަމަށް މެންބަރު ވިދާޅުވިއެވެ.

އެގޮތުން އެ ސަރަހައްދަކީ މަސްކިރޭނެ އިތުރު ގޮތެއް އޮތް ސަރަހައްދެއް ނޫންކަން ފާހަގަކުރައްވާ ވިސާމް ވިދާޅުވީ މުޅި އެ ސަރަހައްދުގެ މަސްވެރިންނަށް ވެސް ޚިދުމަތް ދޭން އޮތީ މާންދޫ އެކަނި ކަމަށާއި، މާންދޫގައި އެކަށީގެންވާ ކެޕޭސިޓީއެއް ނެތް ކަމަށެވެ. އަދި އެކަން ހައްލުކުރަން ޖެހޭކަމަށް ވިދާޅުވެ ވިސާމް ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރަން ހޮރައިޒަންގެ ވެރިންނާއި މަސް ދޯނިފަހަރުގެ ވެރިން ދަނީ މަޝްވަރާކުރަމުންނެވެ. މަޝްވަރާ ކުރި ނަމަވެސް ދެ ފަރާތުން އެއްބަސްވެވޭ ހައްލަކަށް އަދި އާދެވިފައެއް ނުވެއެވެ.