ޚަބަރު

ޝާހިލްގެ ފޯނު ހުޅުވައިފި، އަދިވެސް މަރުގެ މޯޓިވް ދެނެނުގަނެވޭ


މިދިޔަ އޯގަސްޓްމަހު ރަޙުމްކުޑަގޮތަކަށް މަރާލި އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގެ ތަހްގީގް ނުނިމޭކަމަށާއި، އޭނާ މަރާލި ސަބަބު އަދިވެސް ދެނެނުގަނެވޭކަމަށް ފުލުހުން ހާމަކުރައްވަފިއެވެ. ފުލުހުން ވިދާޅުވީ މިހާރު ކުރިއަށްދަނީ އޭނާގެ ޤާތިލުގެ ފޯނުގައި ހުރި ބައެއް މަޢުލުމާތުތައް ނެގުމުގެ މަސައްކަތްކަމަށެވެ.

އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ހ. ޝީރީންވިލާގައި މަރާލާފައި އޮއްވާ ފެނުނު ޝިއާއުގެ ހަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.އެ ރޭ އެތަނުން އޭނާގެ ހަށިގަނޑު ބޮޑީ ބޭގުގައި ފުލުހުން ގެންދިޔައީ ދެ ކޮތަޅަކަށް އަޅައިގެންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ ޢުމުރުން 23 އަލީ ޝާހިލްއެވެ.

މި ހާދިސާގެ ތަފްޞީލުތައް ހާމަކުރުމަށް ފުލުހުން އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އޭރު ފުލުހުން ބުނީ ދެ ހަފްތާ ތެރޭގައި މައްސަލަ ނިންމާ ދައުވާކުރަން ފޮނުވާނެ ކަމަށެވެ. ނަމަވެސްއެ މުއްދަތު ފާއިތުވި އިރު އަދިވެސް ދައުވާކުރަން ފޮނުވާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުންގެ މީޑިއާގެ ވެރިޔާ ފާތިމަތު ނަޝްވާ ވިދާޅުވީ ތަހުގީގުގައި މިހާރު ކުރިއަށްދަނީ ޝާހިލްގެ ފޯނުގައި ހުރި މައުލޫމާތު ނެގުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ޝާހިލްގެ ފޯނު ހުޅުވަން އޭނަ ޕާސްވޯޑް ދީފައި ނުވާތީ ފުލުހުން އެ ފޯނު ހުޅުވީ ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ. ނަޝްވާ ވިދާޅުވިގޮތުގައި ފޯނުގައި ހުރި ޑާޓާތައް މިހާރު ވަނީ ލިބިފައެވެ. އަދި އެ މައުލޫމާތުތައް ބަލަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ފުލުހުން މީގެ ކުރިން ވެސް ބުނިގޮތުގައި މި މައްސަލާގައި ޝާހިލް، ޝިއާއު މަރާލިކަން ސާބިތުވާ ވަރަށް ހެކި އެބަހުއްޓެވެ. އެކަމަކު މައްސަލާގައި ދައުވާ ނުކޮށް މަޑުކުރަމުން އަންނަނީ އޭނާ އެވަރުގެ ލާއިންސާނީ އަމަލެއް ހިންގި މޯޓިވް ދެނެގަތުމަށެވެ. ނަޝްވާ ވިދާޅުވިގޮތުގައި ފޯނުގައި ހުރި ޑާޓާތައް ބަލައިގެންވެސް މައިގަނޑުގޮތެއްގައި ކުރަނީ އެ މަސައްކަތެވެ.

މި މައްސަލާގައި ފުލުހުން މިހާތަނަށް ބެލި ބެލުމުން މިކަމުގައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަން އަދި ތަހުގީގަށް އެނގިފައި ނުވާކަމަށާ، މިއީ ކުރިން ރޭވިގެން ހިންގާފައިވާ އަމަލެއްކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި މިހާތަނަށް 45އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށް، މައްސަލައާ ގުޅުން ހުރި އެކިއެކި ތަންތަނުގެ ސީސީޓީވީ ފުޓޭޖު ބަލައި ދިރާސާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ފޮރެންސިކް ތަހުލީލަށް ބޭނުންވާ އެކިއެކި ޑިޖިޓަލް ވަސީލަތްތަކުގެ މައުލޫމާތު ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށާއި، މި މައްސަލާގެ ތަހުގީގު ހިންގަމުން ދަނީ ޕީޖީ އޮފީހާވެސް ގުޅިގެން ކަމަށް ވިދާޅުވެއެވެ.