ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ އޮންނާނާތެ ތާރިޚު، އިދާރީ ކަންކަން ފުރިހަމަ ކުރެއްވުމަށްފަހު އިއުލާންކުރާނެކަމަށް އެޕާޓިން ބުނެފިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އެޕާޓީގެ ތެރެއިން ރިޔާސީ ޓިކެޓަށް ޝައުގުވެރިވާކަން ބައެއް ބޭފުޅުން ގެންދަވަނީ ފާޅު ކުރައްވަމުންނެވެ. އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ ޕްރައިމަރީ ބޭއްވުމަށްޓަކައި ތާރީޚެއް ކަނޑައަޅައި ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެކަމަށެވެ. ޕްރައިމަރީ ބޭއްވުމުގައި މީގެކުރީގެ ޕްރައިމަރީތަކުގައި އަމަލުކޮށްފައިވާ ގޮތަށް ބައްލަވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެންމެފަހުން ބޭއްވި 2013ގެ ޕްރައިމަރީގައިވެސް ކުރިމަތިލާން ހުޅުވާލައި ކެމްޕެއިނަށް 2 މަސް ދުވަސް ދީފައިވާފައިވާކަމަށްވެސް އިބްރާހީމް ވަޙީދު ވިދާޅުވިއެވެ. އަދި މިފަހަރުގެ ޕްރައިމަރީގައިވެސް އަމަލުކުރައްވާނީ އެއުސޫލުންކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ތަރުޖަމާން އަނަސް ޢަބްދުއްޞައްޔާތު ވިދާޅުވީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚު ކަނޑައަޅާނީ އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރެއްވުމަށްފަހުކަމަށެވެ.
2023ge Riyaasy inthikhaabugaa vaadhakuraane MDPge candidate aku kandaelhumattakaa primary baavvaane dhuvaheh, idhaaree gothun furihama kuranjehey kan kan furihamakurumah fahu iulaan kureveyne vaahaka dhannavan.
— Anas Abdul Sattar (@anasabdulsattar) November 6, 2022
އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބާއްވުމަށް މަސައްކަތް ކުރަމުންދާއިރު، އިދިކޮޅު ޕީޕީއެމްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ކަނޑައަޅާފައެވެ. ރިޔާސީ އިންތިޚާބުގައި މިހާތަނަސް ވާދަކުރާނެކަން އިއުލާންކޮށްފައިވަނީ ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުއާއި، އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމާއި، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުޙައްމަދެވެ.
އެންމެފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ އެމްޑީޕީގެ އަމާޒު ދެން ބަހައްޓަންވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކަމަށާއި، އެމްޑީޕީ ނޫން ބަޔަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާތަން ފެނިވަޑައިނުގަންނަވާކަމަށެވެ.