ޚަބަރު

ސިފައިންގެ އެންމެ އިސްވާޖިބަކީ ދިވެހިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުން: މާރިޔާ


ދިވެހި ސިފައިންގެ އެންމެ އިސްވާޖިބަކީ ދިވެހިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުންކަމުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަސް ފަހަގަ ކުރުމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހު ކޮންމެ ދިވެއްސެއްގެވެސް ހަނދާނަށް އަންނަ އެންމެ ޚާއްޞަ ނަމަކަށްވަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ނަންފުޅު ކަމަށެވެ. ޝަހީދު ޙުސެއިން އާދަމް ޤައުމީ ޚިދުމަތުގައި ދެއްކި ހިތްވަރާއި ސާބިތު ކަމަކީ މިއަދު މުޅި ޤައުމު ފަހުރުވެރިވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ އައުމުގެ ކުރިންވެސް ތިލަދުންމައްޗަކީ، ރައްޔިތުން ބާރުވެރިކުރުވުމުގައި އިސްނަގާ، ސަރުކާރުތައް ޒިންމާދާރުކުރުވުމަށް މަސައްކަތްކޮށް، ރައްޔިތުން އެދޭގޮތަށް ކަންކަން ގެންދިއުމަށް ބާރުއަޅާ އަޑު އުފުލިބައެއް ކަމަށެވެ.

1988 ގެ ފަހުން ޤައުމުގެ ދިފާޢާއި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް އެކި ސަރުކާރުތަކުން ކުރަމުންދިޔަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިއަދުގެ ދިވެހި ސިފައިންނަކީ އެންމެ ޒަމާނީ ތަމްރީންތައް ފުރިހަމަކޮށްފައިވާ ބައެއްކަމަށެވެ. އަދި ސިފައިންނަށް ބޭނުންވާ ޒަމާނީ ހަތިޔާރާއި އާލާތް ސަރުކާރުން ހޯދައި ދެމުންދާކަމަށެވެ.

03 ނޮވެމްބަރުގެ ޢުދުވާނަކީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ޙާދިސާކަމަށާއި، މިއަދު ޤައުމަށް ހުރި ސަލާމަތީ ގޮންޖެހުންތައް ވަރަށްވެސް ގިނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަންކަމާއި ކުރިމަތިލުމަށް މިއަދުގެ އަސްކަރިއްޔާ ބިނާކުރަމުންދާއިރު، ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ޤައުމީ ޚިދުމަތުގައި ތިބޭ ބައެއްކަން އަބަދުވެސް ހަނދާންކުރަންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން ކުޅުދުއްފުށި ސިޓީގައި ވަނީ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން އެރަށުގެ ބޮޑެތި މަގުތަކުގައި އިއްޔެ ހަވީރު ބޭއްވި ޕެރޭޑައި، ރޭ ބޭއްވި ހަވާއެރުމުގެ ހަރަކާތުގައި ގިނަ އަދަދެއްގެ އާއްމުން ވަނީ ބައިވެރިވެފައެވެ.