ޚަބަރު

މާލީ ކަންކަން ބަލަހައްޓާ ކައުންސިލްތަކަށް ބަޖެޓުން ދޫކުރާ ފައިސާ 2023ގައި އިތުރުވާނެ


ގިނަ ކައުންސިލްތަކުން ޤަވާއިދުން މާލީ ހިސާބުތައް ބަލަހައްޓަމުން ނުދާކަމަށާއި، އެފަދަ ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާގެ ޢަދަދަށްވުރެ، މާލީ ހިސާބުތައް ރަނގަޅަށް ބަލަހައްޓާ ކައުންސިލްތަކަށް ދޫކުރާ ފައިސާ އަންނަ އަހަރު އިތުރުވާނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އަންނަ އަހަރަށް ލަފާކޮށް އެކުލަވާލާފައިވާ ބެޖެޓުގެ ތަފްސީލްތަކުގައެވެ. މިގޮތަށް ޢަމަލުކުރަން މިފަށަނީ، ކައުންސިލްތަކުން ޔުޓިލިޓީ ބިލުތައް ޤަވާއިދުން ދައްކަމުން ނުދިޔުމުގެ ސަބަބުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް މާލީ ދަތިތައް ކުރިމަތިވެ، ސަރުކާރުން އެކުންފުނިތަކަށް އެހީތެރިވާންޖެހޭ ހާލަތްތައް ކުރިމަތިވަމުން އަންނާތީއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ލޯކަލް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި އެ އަހަރަކަށް ފާސްކުރާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ކަނޑައަޅާ މިންވަރުގެ 5 އިންސައްތަ އަދި ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

2023ގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ރެކޯޑް ޢަދަދެއް


އަންނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ދޭން ވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ. މިއީ މިހާތަނަށް ކައުންސިލްތަކަށް ދިނުމަށް ބަޖެޓުގައި ކަނޑައެޅި އެންމެ ބޮޑު ޢަދަދެވެ. މިއީ މި ހިނގާ 2022 ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރާނެ ފައިސާއާ އަޅައިބަލާއިރު 3 އިންސައްތަ އިތުރު އަދެދެކެވެ.

ބަޖެޓުގެ ނިސްބަތުން ބޮޑު މިންވަރެއް ކައުންސިލްތަކަށް ކަނޑައަޅާފައިވާއިރު، ކައުންސިލްތަކުގެ ޚަރަދުތައް ޤަވާއިދުން ރެކޯޑުކޮށް، ހިސާބުތައް ރަނގަޅަށް ބަލަހައްޓަމުން ގެންދިއުމަކީ މުޅި ސަރުކާރުގެ ފައިނޭޝަންލް ރިޕޯޓްތަކުގެ ސައްޙަކަމާއި ކޮލިޓީ ކަށަވަރުކޮށް، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވާއިދުތަކާއި އެއްގޮތަށް މާލީ ކަންކަން ކުރިއަށްދާކަން ކަށަވަރުކުރަން މުހިންމު ކަމެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ނަމަވެސް ގިނަ ޢަދަދެއްގެ ކައުންސިލްތަކުން އަދިވެސް ޤަވާއިދުން އާމްދަނީއާއި ޚަރަދުތަކުގެ ތަފްސީލް ރެކޯޑްކުރަމުން ނުދާކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ.

ކައުންސިލްތަކަށް ބަޖެޓުން ފައިސާ ބަހާ ނިސްބަތް

* ރަށު ކައުންސިލްތަކަށް 70 އިންސައްތަ
* އަތޮޅު ކައުންސިލްތަކަށް 10 އިންސައްތަ
* ސިޓީ ކައުންސިލްތަކަށް 20 އިންސައްތަ

ގިނަ ކައުންސިލްތަކުން މާލީ ހިސާބުތައް ނުބަލަހައްޓާ


ހިނގަމުން މިދާ 2022 ވަނަ އަހަރު 200 ކައުންސިލްގެ ތެރެއިން 134 ކައުންސިލެއްގެ ހިސާބުތައް ޤަވާއިދުން ރެކޯޑްކުރަމުން ނުދާކަން ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން މުސްތަގުބަލުގައި ކައުންސިލްތަކުގެ މާލީ ހިސާބު ބެލެހެއްޓުން ހަރުދަނާކުރުމަށް ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މިކަމަށް ކައުންސިލްތަކަށް ބާރުއެޅުމުގެ ގޮތުން ބްލޮކް ގްރާންޓް ބެހުމަށް ބޭނުންކުރާ ފިސްކަލް ފޯމިއުލާއަށް ކައުންސިލްތަކުގެ ފިސްކަލް ޕާފޯމަންސް ވަޒަންކުރާ މިންގަނޑެއް 2023ވަނަ އަހަރުން ފެށިގެން އިތުރުކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި މިންގަނޑު ތައްޔާރުކުރުމުގައި ކައުންސިލްތަކުގެ ހިސާބުތައް ޤަވާއިދުން ސިސްޓަމްގައި ރިކޯޑްކުރަމުންދޭތޯ ބަލާފައިވާނެކަަމަށާއި، މީގެ ނަތީޖާއަކަށް ވާނީ ހިސާބު ބެލެހެއްޓުމުގައި ފަރުވާތެރި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާގެ މިންވަރު އިތުރުވެގެން ދިއުންކަމަށްވެސް ފިނޭންސްއިން ވިދާޅުވެއެވެ.

ބިލުތައް ނުދައްކާތީ ކުންފުނިތަކަށް މާލީ ބުރައެއް


ފިނޭންސް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް ދިމާވާ ހިރާސްތަކުގެ ތަފްސީލްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލްތަކުގެ ޔުޓިލިޓީ ބިލުތައް ޤަވާއިދުން ދައްކަމުން ނުދިއުމުގެ ސަބަބުން ސަރުކާރު ހިއްސާވާ ކަރަންޓު، ފެން އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކުގެ ކޭޝްފްލޯއަށް ދަތިވެ، ސަރުކާރުން އެ ކުންފުނިތަކަށް އެހީތެރިވާންޖެހޭ ހާލަތްތައް ކުރިމަތިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމުގައިވެސް ދަތިވެ، ބަޖެޓުގައި އަންދާޒާކޮށްފައިނުވާ ޚަރަދުތައް ކުރަން މަޖުބޫރުވާކަމަށްވެސް ފިނޭންސްއިން ވިދާޅުވިއެވެ.
2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 6 މަސް ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ނުދައްކައި ހުރި ޔުޓިލިޓީ ބިލުތައް 47 ކައުންސިލްގައި ހުރިކަމަށް ތަފާސް ހިސާބުތަކުންދައްކައެވެ.

3 މަހާއި 6 މަހާއި ދެމެދުގެ މުއްދަތެއް ވަންދެން ނުދައްކައިހުރި ބިލުތައް 13 ކައުންސިލެއްގައި އެބަހުއްޓެވެ. މި ހިރާސްތައް ކުޑަކޮށް ޤަވާއިދުން ޔުޓިލިޓީ ބިލުތައް ދައްކަމުން ދިއުމަށް ކައުންސިލްތަކަށް ބާރު އެޅުމުގެ ގޮތުން ފިސްކަލް ފޯމިއުލާގައި މިއަހަރު ހިމަނާފައިވާ ފިސްކަލް ޕާފޯމަންސް ވަޒަންކުރާ މިންގަނޑު ތައްޔާރުކުރުމުގައި ކައުންސިލްތަކުން ބިލްތައް ނުދައްކައި ހުރި މުއްދަތަށް ބަލާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.