ދުނިޔޭގެ އިގްތިޞާދު އަޑިއަޅައިގެން ދިޔަ ދަނޑިވަޅުގައިވެސް ދިވެހި ރުފިޔާގެ އަގު ހިފެހެއްޓިފައިވުމަކީ އިގްތިޞާދު ރަނގަޅަށް މެނޭޖުކުރިކަމުގެ ހެއްކެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ދައުލަތުގެ ދަރަނި އަދާކުރުމަށް ބަޖެޓުގައި 2.1 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ބަޖެޓަށް ހާއްސަކޮށް ޕީއެސްއެމް ނިއުސް އިން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ ދުނިޔޭގެ އިގްތިޞާދާއި ގިނަ ގައުމުތަކަށް ބަލާއިރު، ރާއްޖެ އަކީ އެންމެ ރަނގަޅަށް ދަރަނި މެނޭޖްކުރި އެއް ގައުމު ކަމަށެވެ.
ބައެއް ގައުމުތަކުގެ ހާލަތުން މިސާލު ނަންގަވައި ޝަރީފް ވިދާޅުވީ 2010 ވަނަ އަހަރާއި، މިއަދާ އަޅާ ބަލާއިރު އޭރު ތައިލެންޑުގައި ޑޮލަރުގެ އަގަކީ 29 ބާތު ކަމަށާއި، މިހާރު އެ އަގު ދެ ގުނައަށް ބޮޑުވެފައިވާ ކަމަށެވެ. އެކަމަކު ރާއްޖޭގައި އަދިވެސް އެއް ރޭޓުގައި ހިފެހެއްޓިފައި ހުރިކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މިއީ އިގްތިސާދު މެނޭޖްކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ.
"ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުގެ ނަތީޖާއަށް ވީ ޓޫރިޒަމް އިގްތިޞާދު މައިގަނޑުގޮތެއްގައި ހިއްސާވާ ގައުމުތަކަށް ބަލާއިރު، އެންމެ އަވަހަށް ރީބައުންޑުކުރީ ދިވެހިރާއްޖެ." ޝަރީފް ވިދާޅުވިއެވެ.
ފަތުރުވެރިން ރާއްޖެ އަންނަ އަދަދާ ގުޅޭގޮތުން މަޖިލީހުގައި ފިނޭންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލައްވާ ޝަރީފް ވިދާޅުވީ މި އަހަރު ނިމޭއިރު، 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ. މި އަދަދާ ތައިލެންޑާ އަޅާ ކިޔައި ޝަރީފް ވިދާޅުވީ އެ ގައުމަކީ ރާއްޖެއަށް ވުރެ އެތައް ގޮތަކުން ވަސީލަތްތައް ވަރުގަދަ ގައުމަކަށް ވާއިރު، އެ ގައުމަށް ފަތުރުވެރިން އަންނަ އަދަދާ ރާއްޖެ މިހާރު އަރާ ހަމަކޮށްފައިވާ ކަމަށެވެ. އަދި އެހެން ގައުމުތަކުން ތައިލެންޑުގެ އަދަދާ ގާތްވެސް ނުވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުމަކީ ޖުމްލަގޮތެއްގައި އިގްތިސާދު ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށެވެ. އޭގެ ސަބަބުން ރާއްޖެއަށް ލިބޭ ބޭރު ފައިސާ އިތުރުވުމާއި، އާމްދަނީ އިތުރުވުން ފަދަ އެތައް ފައިދާއެއް އެބަހުރިކަން ޝަރީފް ފާހަގަކުރެއްވިއެވެ.
"މި ދަންނަވަނީ ހިރާސްތަކެއް ނެތެކޭ ނޫން. ވަރަށް ވިސްނުންތެރިކަމާއި އެކު އިގްތިޞާދު މެނޭޖްކުރަން ޖެހޭ. އެވަރެޖުގޮތެއްގައި ދުނިޔޭގެ މާލީ އިދާރާތަކުން އޮންނަގޮތަކީ ޑެބްޓް ޓު ޖީޑީޕީ ރޭޓު އިންނަން ޖެހޭނީ 60% ގައޭ. އެކަމަކު އެއަށް ވުރެ މަތީގަ ދަރަނި މިހިރީ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ދަތިތަކާއި ހިރާސްތައް ހުރި ނަމަވެސް، ސަރުކާރުން މިހާރު ވެސް އަމަލުކުރަމުން އަންނަ މަގުން މި މަސައްކަތް ކުރާނަމަ ދައުލަތުގެ ދަރަންޏާއި މުޅި ގައުމުގެ އިގްތިޞާދުވެސް ރަނގަޅަށް މެނޭޖްކުރެވޭނެ ކަމަށެވެ.