ޚަބަރު

ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް


އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ މި އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ ބަޖެޓުގައި އިންތިޚާބަށް ކަނޑައަޅާފައި ވަނީ 90 މިލިއަން ރުފިޔާއެވެ.

އިންތިޚާބަށް މި އަދަދު ކަނޑައެޅި އިރު މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބަށް ލަފާކޮށްފައި ވަނީ 120 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އިލެކްޝަނުން ބަޖެޓް ކަނޑައަޅާފައިވަނީ އިންތިޚާބުގައި ދެބުރު ބާއްވަން ޖެހިއްޖެ ހާލަތުގައި އެކަމަށްވެސް ބެއްލުމަށްފަހުއެވެ. އެގޮތުން އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިޔަން ރުފިޔާ އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 25 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ. އެގޮތުން އިލެކްޝަނުން ވަނީ މިގޮތަށް ބަޖެޓު ލަފާކޮށް މިިދިޔަ އޮގަސްޓު މަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓާ އަދި އާންމުކޮށް ދިވެހިން ދިރިއުޅޭ ގައުމުތަކުގައި ވެސް ދިވެހިންނަށް ވޯޓު ލެވޭނެ އިންތިޒާމުތައް ހަމަޖައްސާއިރު އެ ކޮމިޝަނުން ބުނާގޮތުގައި، އިންތިޚާބުގައި އެންމެ ބޮޑު ޚަރަދެއް އާންމުކޮށް ހިނގަނީ ދަތުރުފަތުރަށެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ކުރަންޖެހޭ ދަތުރުތަކަކީ ހިނގާނެ އެންމެ ބޮޑު ޚަރަދުތަކުގެ ގޮތުގައި ކޮމިޝަނުން ވިދާޅުވެއެވެ.


އިންތިޚާބުތަކުގައި ހިނގާ ބޮޑެތި ޚަރަދުތަކުގެ ތެރޭގައި، އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ކުރާ ހޭދަވެސް ހިމެނެއެވެ. އެގޮތުން އިންތިޚާބުގައި މަސައްކަތްކުރާނެ އޮފިޝަލުންގެ ޓްރެއިނިންއަކީ ވެސް ބޮޑު ޚަރަދެއް ހިނގާ ކަމެކެވެ. ވޯޓު ކަރުދާސްތައް ޗާޕުކުރުމާއި މިފަދަ އިދާރީ ކަންކަމަކީވެސް އިންތިޚާބުގެ އެންމެ ބޮޑެތި ޚަރަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ރާއްޖޭގެ ތާރީހަށް ބަލާއިރު މިހާތަނަށް އެންމެ ބުރަކުން އިންތިޚާބު ކާމިޔާބުވެފައި ވަނީ އެންމެ ރިޔާސީ އިންތިޚާބެއްގައެވެ. އެއީ 2018 ވަނަ އަހަރުގެ އިންތިޚާބެވެ.

ރިޔާސީ އިންތިހާބުގެ ބަޖެޓް ކަނޑައަޅާފައިވާއިރު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންތިޚާބުގައި ކެންޑިޑޭޓުން ނެރެން ނިންމައި، ބައެއް ޕާޓީތަކުން މިހާރު ވަނީ އެކަން ހާމަކޮށްފައެވެ. މީގެއިތުރުން ބައެއް ޕާޓީތަކުން، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި ޤައުމީ މަޖިލީސްތަކުގެ ބައްދަލުވުމަށްފަހު ކެނޑިޑޭޓުން ހާމަކުރުމަށް ނިންމައި އެމަސައްކަތް ވަނީ ފަށާފައެވެ.