ޚަބަރު

އަބްދުﷲ ރަޝީދުގެ މަރުގަ އިހުމާލެއްވޭތޯ އެންއައިސީން ތަހުގީގްކުރަނީ


ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ މަރާއި ގުޅިގެން އިހުމާލެއްވޭތޯ ނޭޝަނަލް އިންޓަރ ގްރިޓީ ކޮމިޝަން (އެންއައިސީ)ން ތަހުގީގްކުރާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާއި މިމަހުގެ 25 ވަނަ ދުވަހު ނިޔާވީ ގދ.ހޯޑެއްދޫ އުމުރުން 43 އަހަރުގެ އަބްދުﷲ ރަޝީދެވެ. ފުލުހުން ވިދާޅުވީ އޭނާ ނިޔާވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ. އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.

މަރުގެ ސަބަބު ދެނެގަތުމަށް މަސައްކަތްކުރަމުންދާއިރު މިޙާދިސާގެ މަޢުލޫމާތު ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ހިއްސާކޮށް މިޙާދިސާ ތަޙުގީގުކޮށް ދެއްވުމަށް އެދިފައިވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އޭނާގެ މަރާއި ގުޅިގެން ތަހުގީގުގެ ޕްރައިމަރީ އިންވެސްޓިގޭޓިން އެޖެންސީއަކީ ނޭޝަނަލް އިންޓަރ ގްރިޓީ ކޮމިޝަން (އެންއައިސީ) ކަމަށެވެ. މިމައްސަލައާއި ގުޅޭގޮތުން ހިންގާ މުޢާމަލާތްތައް ހިންގާނީ އެންއައިސީން ކަމާއި މައްސަލައާއި ގުޅޭ މައުލޫމާތު ޢާންމު ކުރާނީވެސް އެންއައިސީން ކަމަށްވެސް ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ނިންމާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙުޤީޤުކުރުމުގެ ބާރު ޤާނޫނުން ލިބިދީފައިވާ އިދާރާއަކީ އެންއައިސީއެވެ.