ޚަބަރު

ޓޮމް ކްރޫޒް ޖައްވުގައި ފިލްމެއް ކުޅެނީ


ޓޮމް ކްރޫޒްގެ ދެން އެންމެ އަވަހަށް ރިލީޒްކުރާ އެކްޝަން ފިލްމުގައި ޖައްވުގައި ކުޅެފައިވާ މަންޒަރުތަކެއް ހިމެނޭނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޔުނިވަރސަލް ޕިކްޗާސްއިން އުފައްދާ މި ފިލްމުގައި އެކަހަލަ މަންޒަރުތަކެއް ހިމެނޭނެ ކަމަށް އެ ކުންފުނީގެ ވެރިޔާ ޑޮނާ ލެންގްލީ ބީބީސީއަށް ދިން އިންޓަރވިއުއެއްގައިވެސް ވަނީ ބުނެފަވެއެވެ. އެގޮތަށް ވެއްޖެނަމަ ޓޮމް ކްރޫޒް ވެގެންދާނީ މިފަދަ މަންޒަރެއް އަސްލަށް ކުޅުނު ފުރަތަމަ އެކްޓަރަށެވެ.

މި ފިލްމުގައި ދައްކާނީ ދުނިޔެ ސަލާމަތް ކުރުމަށްޓަކައި އޭނާ ކުރާ މަސައްކަތްތަކެކެވެ. ބޮޑު ބަޖަޓަކުން އުފައްދާ މި ފިލްމުގެ ގިނަ މަންޒަރުތައް ނަގާނީ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޑޮނާ ބުނީ އެމީހުން ތިބީ ޑައިރެކްޓަރ ޑަގް ލީމަންއާއެކު މި ފިލްމު އުފެއްދުމަށް ތައްޔާރަށްކަމަށާއި އަދި ފިލްމު ކުޅުމަށްޓަކައި ޓޮމްވެސް ސްޕޭސް ވޯކްތަކެއް ދަސްކުރަން ޖެހޭނެކަމަށެވެ. ޓޯމްއާއެކު މިފިލްމު އުފެއްދުމަކީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށާއި މިއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށްވެސް ޑޮނާ ބުންޏެވެ.

މިފިލްމު ވެގެންދާނީ ޖައްވުގައި ކުޅޭ ފީޗަރ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމަށެވެ. މި ފިލްމުގެ ޑައިރެކްޓަރ ލީމަން އާއި ޓޮމްވަނީ މީގެ ކުރިން 2014 ވަނަ އަހަރު ދެއްކި "އޭޖް އޮފް ޓުމޯރޯ"، 2017 ވަނަ އަހަރު ދެއްކި "އެމެރިކަން މޭޑް" ފަދަ ފިލްމުތަކުގައި އެކީގައި މަސައްކަތްކޮށްފައެވެ.

އުމުރުން 60 އަހަރުގެ ޓޮމްއަކީ އޭނާގެ ފިލްމުތަކުގައި އަމިއްލައަށް ސްޓަންޓު ތައްޔާރުކޮށް އަމިއްލައަށް އެމަންޒަރުތައް ކުޅޭ ތަރިންގެ ތެރޭގައި ހިމެނޭ އެއްތަރިއެކެވެ. އެގޮތުން ޓޮމްއާއެކު އެލިސްޓުގައި ހިމެނޭ ތަރިންގެ ތެރޭގައި ޖެކީ ޗޭން އަދި ޖެޓް ލީ ފާހަގަކޮށްލެވެއެވެ.