އަމިއްލަ ފަރާތްތަކުން ހުލުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރުޢުތަކުގެ ތެރެއިން ކަނޑައެޅިފައިވާ މުއްދަތަށް ނުނިމި ލަސްވަމުންދާ، 4 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ނިންމައި ދޫކުރަން ފަށާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާޠިފް ވިދާޅުވީ މީގެތެރެއިން ގިނަ މަޝްރޫޢުތައް ނިންމާ ހަވާލުކުރަން ފެށުމަށް މިހާރު ދީފައިވާ އެންމެފަހު މުހުލަތަކީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށްކަމަށެވެ.
އަމިއްލަ ފަރާތްކާ ހަވާލުކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ މި ހަތަރު މަޝްރޫޢަކީ، އަކުއަ ވިޓާ ރެސިޑެންސް، ކޭ.ޕަރކް ރެސިޑެންސް، ދަ ގަރޑެންސް ރެސިޑެންސް އަދި އައިރާ ކޮންޑޮމިނިއަމް ޕްރޮޖެކްޓެވެ.
މި ހުރިހާ މަޝްރޫޢުތަކުގައިވެސް މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްގެންދަނީ އިމާރާތްތަކުގެ ފިނިޝިން މަސައްކަތްތަކެވެ.
129 އެޕަރޓްމަންޓްގެ އަކުއަ ވިޓާ ރެސިޑެންސްގެ %95 މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެޗްޑީސީން 4 ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދެއްވިއެވެ.
ދަ ގަރޑެންސް ރެސިޑެންސްގެ %90 މަސައްކަތް ވަނީ ނިމިފައެވެ. 73 އެޕަރޓްމަންޓްގެ މި މަޝްރުޢުގެ މަސައްކަތް ނިންމަންޖެހޭ މުއްދަތު 4 ފަހަރެއްގެ މަތިން އިތުރުކުރެއްވިއެވެ.
އައިރާ ކޮންޑޮމިނިއަމްގެ %92 މަސައްކަތް ވަނީ ނިމިފައެވެ. 94 ހައުސިން ޔުނިޓްގެ މި މަޝްރުޢުގެ މަސައްކަތް ނިންމުމަށް 5 ފަހަރު އެޗްޑީސީން މުއްދަތު އިތުރުކޮށްދެއްވާފައިވެއެވެ.
ކޭ.ޕާކް ރެސިޑެންސް މަޝްރޫޢުގައި ހިމެނެނީ 110 އެޕާޓްމެންޓެވެ. މި މަޝްރޫޢުގެ %77 މަސައްކަތް ވަނީ ނިމިފައެވެ. މި މަސައްކަތް ނިންމުމަށް 5 ފަހަރުމަތިން މުއްދަތު އިތުރުކޮށްދެއްވިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އާޠިފް ވިދާޅުވީ، މި މަޝްރޫޢުތައް މިހައި ދިގުލައިގެން ދިޔުމުގެ އެންމެބޮޑު ސަބަބަކީ ކޯވިޑްގެ ޙާލަތާ ގުޅިގެން ދިމާވި ދަތިތައްކަމަށެވެ. އެގޮތުން މުވައްޒަފުން މަދުވުމުގެ މައްސަލަތަކާއި މުވައްޒަފުން ގެނައުމުގެ ދަތިތަކާއި މުދާ ގެނައުމާއި ޚަރަދުކުރުމުގެ ދަތިތައްވެސް ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވިއެވެ. އާޠިފް ވިދާޅުވީ މަސައްކަތްތައް ހުއްޓުވުމަކީ އެޗްޑީސީގެ ވިސްނުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެޗްޑީސީން މަސައްކަތް ކުރަނީ ކުންފުނިތަކުން އެ މަސައްކަތްތައް އަވަސްކޮށް އާންމުންނާ ހަވާލުކުުރުންކަމަށެވެ.
"ކޯވިޑާ ގުޅިގެން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި. އޭގެ ލިޔެކިޔުންތަކުން އެކަން އެނގޭ. މިހާރު މުއްދަތު ދީފައިވަނީ ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީގައި މަސައްކަތްތައް ނިންމައި އެޕަރޓްމަންޓްތައް ހަވާލުކުރުމަށް." އާޠިފް ވިދާޅުވިއެވެ.
މަސައްކަތްތައް ކުރިއަށްގެންދާ ކުންފުނިތަކުންވެސް ދަނީ، މަސައްކަތްތައް މިހާރު އޮތް ޓައިމްލައިނާ އެއްގޮތަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ނިމޭވަރަކުން އެޕަރޓްމަންޓްތައް ހަވާލުކުރަމުންދާނެކަމަށް އެ ކުންފުނިތަކުން ބުނެއެވެ.