ގަލޮޅު ދަނޑު ތަޅާލައި މުޅިން އައު ސްޓޭޑިއަމެއް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފެށުމަށް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ގަލޮޅު ދަނޑުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް ސާފު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މިހާރު މިމަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ.
ނަމަވެސް ދަނޑު ތަޅާލުމުގެ މަސައްކަތް ފެށޭނީ ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ ދަނޑުގައި ކުޅެވޭނެ ގޮތަށް ސެޓަޕް ހެދުމަށްފަހުކަމަށެވެ. ހުޅުމާލޭ ދަނޑުގައި ކުޅެވޭނެ ގޮތް ހަމަޖެއްސުމަށްފަހު ގަލޮޅު ދަނޑު ތަޅާލުމުގެ މަސައްކަތް ފަށައި، އެދަނޑު އެންމެ ޒަމޏީ ފެންވަރެއްގެ ދަނޑެއްގެ ގޮތުގައި ތަރައްޤީ ކުރެވިގެންދާނެކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
"މިހާރު ކުރިއަށް ދަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތް. މިއީ 40 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް. ފުރަތަމަ ކަމަކަށް އޮތީ ހުޅުމާލޭގައި އޮތް ޓްރެކް ދަނޑުގައި ކުޅެވޭނެ ގޮތަށް ކަންކަންކޮށް ނިންމާފަ އަޅުގަނޑުމެން ގަލޮޅު ދަނޑު ތަޅާލާނީ. އެއާއިއެކީގައި ގަލޮޅު ދަނޑު ވަރަށް ރަނގަޅު ފެންވަރެއްގެ ދަނޑެއްގެ ގޮތުގައި ތަރައްޤީ ކުރެވިގެންދާނެ." މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
ގަލޮޅު ދަނޑު ތަރައްޤީކުރުމަށްޓަކައި ބޭނުންކުރާ ދަނޑުގެ 3D ކުރެހުންތަކެއް ސޯޝަލް މީޑިއާގައި މިނިސްޓަރ ވަނީ މިދިޔަ އަހަރު ހިއްސާ ކުރައްވާފައެވެ. އައު ކުރެހުންތަކުން ފެންނަގޮތުގައި އެތަން ފަރުމާކޮށްފައިވަނީ މިހާރު ބޭނުންކުރާ ދަނޑަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް، އަދި ފަހުގެ ޒަމާނީ މޮޑެލްއަކަށެވެ. އަދި ދަނޑުގެ ބޭރު ފަރުމާކޮށްފައިވަނީވެސް ދިވެހި ޤައުމީ ދިދައިގައި ހިމެނޭ ފެހި، ރަތް އަދި ހުދު ކުލައިންނެވެ. މި ކުރެހުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
މިނިސްޓަރ ވިދާޅުވީ ގަލޮޅު ދަނޑުގެ މަސައްކަތުގެ އިތުރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއީސީ)ގެ ތެރެއިން އިތުރު ބައެއް ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެކަމަށެވެ. އެގޮތުން ނޭޝަނަލް ބާސްކެޓްބޯލް އެރީނާއާއި ނެޝަނަލް ވޮލީބޯލް ސެންޓަރާއި، ކުޅުދުއްފުއްޓާއި، ހިތަދޫ، އާއި ތިނަދޫ އަދި ފުވައްމުލަކު ސިޓީގައި ސިންތަޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީ ކޮޅު ފެށިގެންދާނެކަމަށް މިނިސްޓަރ މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.