ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމުގައި، ވަނީ މިބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ނިންމާފައެވެ. އެމްޑީޕީން މިބިލު ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރެފައިވާއިރު، ބިލުގެ މަސައްކަތް މުޅި މަޖިލިސް ކޮމެޓީގައި ދަނީ ކުރަމުންނެވެ. ކޮމެޓީ މަރުހަލާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ބިލު މަޖިލީހުން ފާސް ކުރުމުގެ ކުރިން ދައުލަތުގެ މާލީ އިދާރާތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރުމަށްވެސް ހުށަހަޅާފައެވެ.
މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރަންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމަށެވެ.
ޓެކްސް ބޮޑުކުރުމުގެ ބިލުގެ މަސައްކަތްތައް މަޖިލީހުގައި ފަށައިގެން ކުރިއަށް ދާއިރު، ޖީއެސްޓީ އަދި ޓީ- ޖީއެސްޓީއަށް ގެންނަ ބަދަލާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކިއުޓިވް އަހުމަދު ސަރުވާޝް އާދަމް ވިދާޅުވީ މި ގެންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށެވެ. އަދި މިކަމުގެ ފައިދާތައް ރައްޔިތުންނަށްވެސް ކުރާނެކަން ސަރުވާޝް ވިދާޅުވިއެވެ.
ޖީއެސްޓީ އަދި ޓީޖީއެސްޓީއަށް ގެންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެއެވެ.