ޚަބަރު

ޝްރައްދާގެ "ނާގިން"ގެ ޝޫޓިން ފަށަނީ


"އާޝިޤީ 2" ން މަޝްހޫރުކަން ހޯދި ޝްރައްދާ ކަޕޫރަކީ ހިންދީ ސިނަމާގައި ފައިތިލަ ސާބިތުކޮށްފައިވާ ތަރިއެކެވެ. ޝްރައްދާގެ އެކްޓިން ހުނަރަށް ތައުރީފް ކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޝްރައްދާ ހިޓް ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

ޝްރައްދާގެ ކުރިއަށް އޮތް މަސައްކަތަކީވެސް އޭނާގެ އެކްޓިންގް ހުނަރު ތަފާތު ގޮތަކަށް ފެންނާނެ ފިލްމެއް ކަމަށް ބެލެވެއެވެ. ޝްރައްދާ ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ޓްރިލޮޖީއެއްގެ ގޮތުގައި ރާވާފައިވާ ފެންޓަސީ ފިލްމު "ނާގިން" ގެ ޓައިޓުލް ރޯލުންނެވެ.

ފިލްމަށް ކަނޑައަޅާފައިވާ ބޮޑު ބަޖެޓާއި ހެދި މި ފިލްމުގެ މަސައްކަތް ލަސްވެފައިވާ ކަމަށް ދާދިފަހުން ވަނީ އަޑު ފެތުރެފިފައެވެ. ނަމަވެސް ޕްރޮޑިއުސަރު ނިކިލް ދުވެދީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި މި ވާހަކަތައް ވަނީ ދޮގުކޮށްފައެވެ.

މި ޕްރޮޖެކްޓުގެ ފުރަތަމަ ބައިގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ނިކިލް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެކަމުގެ ތައްޔާރީތައް ވެސް މިހާރު ބާރަށް ކުރިއަށްދާ ކަމަށް ނިކިލް ބުންޏެވެ.

2020 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ފަހުކޮޅު އިއުލާނުކުރި މި ޕްރޮޖެކްޓަކީ ތިން ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ އެއްޗެކެވެ. "ނާގިން" ގައި ކިޔައިދޭނީ ހަރުފައަކަށް ސިފަ ބަދަލުކޮށް އިންސާނުންގެ ކިބައިން ބަދަލު ހިފާ އަންހެނެއްގެ ވާހަކައެވެ. މިފަދަ ފިލްމުތަކެއް ކުރިން ވެސް ހިންދީ ސިނަމާ އިން ފެނިފައިވެ އެވެ. އަދި ކަލާޒް އިން މިހާރު ވެސް ދައްކާ ސިލްސިލާ "ނާގިން" ސީޒަން ހަޔެކީ ވެސް ހަމަ މިކަހަލަ ވާހަކައެއް ކިޔައިދޭ އެއްޗެކެވެ.

މި ޒަމާނަށް ފައްތައިގެން "ނާގިން" އަލުން ބޮޑު ސްކްރީނަށް ގެންނަން ނިންމި އިރު، މީގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ނުޝްރަތު ބަރޫޗާގެ ބިރުވެރި ފިލްމު "ޗޯރީ" ގެ ޑައިރެކްޓަރު ވިޝާލް ފޫރިއާ އެވެ.

2020 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބާޣީ 3" ން އެންމެ ފަހުން ފެނުނު ޝްރައްދާ ވަނީ ކޯވިޑު ބަލިމަޑުކަމުގެ ދުވަސްވަރުން ފެށިގެން އެކްޓިން އިން ބްރޭކެއް ނަގާފައެވެ. ނަމަވެސް ޝްރައްދާ މިހާރު ވަނީ ލަވް ރަންޖަން ޑައިރެކްޓްކުރާ ކުރިއަށް އޮތް ރޮމޭންޓިކް ކޮމެޑީއާ އެކު އަނެއްކާވެސް ފިލްމުތައް ކުޅެން ތައްޔާރުވެފައެވެ.

މި ފިލްމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މީގައި ޝްރައްދާއާއިއެކު ފެންނާނީ ރަންބީރު ކަޕޫރެވެ. އަދި މިއީ ޝްރައްދާ ރަންބީރާއިއެކު އޮންސްކްރީންގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ތޭޒާބް" ގެ ރީމޭކްގެ އަންހެން ލީޑް ރޯލު ކުޅެންވެސް ޝްރައްދާއާއި ވާހަކަ ދައްކަމުން އަންނަ ކަމަށް މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.