ދިވެހިރާއްޖޭގައި ސައިބަރ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ބަޙްރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ، (ބަޓެލްކޯ) އާއި ދިރާގާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބަޙްރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ) ގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދެވެ. އަދި ބަޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން ޝެއިޚް ޢަބްދުالله ބިން ޚަލީފާ އަލް ޚަލީފާއެވެ.
ބަޓެލްކޯއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޑިޖިޓަލް ތަރައްޤީގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އޭޖެންސީ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އިން ދިވެހިންނަށް ރައްކާތެރި ސައިބަރ ސްޕޭސްއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން، ދިރާގާއި ބަޓެލްކޯގެ ބިޔޯން ސައިބަރގެ ތަޖުރިބާކާރު ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އެޑްވައިޒަރީ އަދި ކޮންސަލްޓެންސީ، ސެކުއިރިޓީ އިންޖިނިއަރިންގ، ސައިބަރ ޑިފެންސް، ސެކިއުރިޓީ އެޝިއުރެންސް، ސައިބަރ ތުރެޓް އަދި ތުރެޓް ހަންޓިންގ އަދި އިންސިޑެންޓް ރެސްޕޮންސް ހިމެނެއެވެ.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، ބަޓެލްކޯ އަދި ދިރާގާއެކު މި ވެވުނު އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގައި ސައިބަރ ސްޕޭސް އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށާއި، ސަރުކާރުގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ސައިބަރ ސެކިއުރިޓީގެ ކަންކަން ހަރުދަނާކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތް ކުރުން މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"ސައިބަރ ސެކިއުރިޓީއަށް ބޭނުންވާ ސްޕެޝަލައިޒްޑް ޕްރޮފެޝަނަލުންނަކީ ގައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ގިނަ ސްޓޭކް ހޯލްޑަރުންނާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
ބަޓެލްކޯގެ ޗެއަރމަން ޝެއިޚް ޢަބްދުالله ބިން ޚަލީފާ އަލް ޚަލީފާ ވިދާޅުވީ، ދިވެހިރާއްޖެ އާއި ބަޙްރައިން އާއި ދެމެދު އޮންނަ ގުޅުމަށް ތަޢުރީފުކުރާކަމަށެވެ. އަދި ޚާއްޞަކޮށް މުވާސަލާތީ ދާއިރާއިން ބަޓެލްކޯގެ ބައިންލްއަޤްވާމީ އޮޕަރޭޝާންކަމަށްވާ ދިރާގު މެދުވެރިކޮށް ކުރާ މަސައްކަތައް ބަޓެލްކޯގެ ޗެއަރމަން ފާހަގަކުރެއްވިއެވެ.
"ބަޓެލްކޯ އިން ދާދި ފަހުން ތަޢާރަފްކުރި ޑިޖިޓަލް ކުންފުނި ބިޔޯން ސައިބަރ އާއި ދިރާގު ގުޅިގެން ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދިވެހި ސަރުކާރާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް" ބަޓެލްކޯގެ ޗެއަރމަން ވިދާޅުވިއެވެ.
ބަޓެލްކޯއާއެކު ވެވުނު މި އެއްބަސްވުމަކީ ރާއްޖޭގެ ސައިބަރ ސެކިއުރިޓީ އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ލިބުނު އިތުރު ބާރެއްކަމަށް ދިރާގުން ވިދާޅުވެއެވެ.
"މި މަޝްރޫއުގެ ޒަރިއްޔާއިން އެން.ސީ.އައި.ޓީ އާއި އެކު އަޅުގަނޑުމެންގެ އިލްމާއި ތަޖުރިބާ ހިއްސާކުރެވި، ސަރުކާރާއި ވިޔަފާރިވެރިންނާއި ހުރިހާ ރައްޔިތުންނަށް ވެސް ފައިދާކުރާނެ ކަމަށް އުއްމީދުކުރަން،" ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
ބަޙްރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ އަކީ އެ ޤައުމުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ކޮމިއުނިކޭޝަންސް ސޮލިއުޝަންސް ފޯރުކޮށްދޭ ކުންފުންޏެވެ. ބަޓެލްކޯ ދަނީ ބަޙްރައިންގެ ސަރުކާރާއި އެންޓަޕްރައިޒް، ކޮންސިއުމާރ އަދި ދުނިޔޭގެ މާކެޓުތަކަށް ޚިދުމަތް ދެމުންނެވެ. މިގޮތުން އެކުންފުނީގެ ޓިއަރ 3 ސެޓިފައިޑް ފެސިލިޓީތަކުން ދަނީ މޮބައިލް، އިންޓަނެޓް، ޑޭޓާ، ކްލައުޑް ސާވިސަސް، އަދި ޑޭޓާ ސެންޓާ ސޮލިއުޝަންސް ފޯރުކޮށްދެމުންނެވެ.