ޚަބަރު

ރާޖު ކުންދްރާ ބުނަނީ ފުލުހުން އޭނާ ފްރޭމްކުރަނީ ކަމަށް


ބަރަހަނާ ފިލްމު ހަދައި އެ އެއްޗެހި ދައުރުކޮށް، އާމްދަނީ ހޯދަމުން ދިޔަ ކަމަށް ބުނާ މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރުކުރި ބޮލީވުޑް ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ އެކަން ނުކުރާ ކަމަށް ބުނެފިއެވެ.

ރާޖް ބުނި ގޮތުގައި އޭނާ އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށާއި، އެ ތުހުމަތަކީ މުމްބާއީ ކްރައިމް ބްރާންޗް، އެމްސީބީގެ އޮފިސަރުންތަކެއް އޭނަ ފްރޭމްކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި އެ މައްސަލަ އަލުން ބަލައިދޭން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، ސީބީއައި އަށް ރާޖް ވަނީ ސިޓީއެއް ހުށަޅަޅާފައެވެ.

އެ ސިޓީގައި ރާޖް ބުނެފައި ވަނީ އޭނައަކީ ވަރަށް ކުރިން ފެށިގެން ވެސް އަމިއްލަ ވިޔަފާރި ހިންގަމުން އައި މީހެއް ކަމަށާއި، މަނާ އެއްވެސް ކަމެއް ކޮށްގެން ނަހަލާލު ފައިސާ ހޯދަން މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ. އެކަމަކު ބަރަހަނާ ފިލްމު ހަދައިގެން އެންއިން ބޮޑެތި އަދަދުތަކުން އާމްދަނީ ހޯދަމުން ދިޔަ ކަމަށް ތުހުމަތުކޮށް، ހައްޔަރުކޮށް ނުހައްގުން 63 ދުވަހު ޖަލުގައި ހޭދަކުރަން ޖެހުނީ އެމްސީބީގެ އޮފިސަރުންތަކެއް އަޑީގައި ތިބެގެން އޭނަ ފްރޭންކޮށްގެން ކަމަށް ބުނެފައިވެއެވެ.

ރާޖްގެ ސިޓީގައި އޭނަ ފްރޭމްކުރި ކަމަށް ބުނާ އޮފިސަރުންތަކެއްގެ ނަން ވެސް ހިމަނާފައިވެއެވެ. ސީބީއައިގެ އިތުރުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއަށްވެސް ރާޖް ވަނީ މި ސިޓީ ފޮނުވާފައެވެ.

ނަމަވެސް އެމްސީބީއަށް ރާޖް ކޮށްފައިވާ ތުހުމަތުތަކަށް ރައްދު ދެމުން ބުނީ ބަރަހަނާ ފިލްމު އުފައްދައި ދައުރުކޮށް، އާމްދަނީ ހޯދި މައްސަލައިގައި ރާޖް އާއި ދެކޮޅަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ. އަދި އެކަން ކޯޓުގައި ސާބިތުކޮށްދެވޭނެ ކަމަށްވެސް އެމްސީބީ އިން ބުނެއެވެ.

ބަރަހަނާ ފިލްމު ހަދައިގެން އޭގެ ވިޔަފާރި ހިންގާކަމުގެ ތުހުމަތުގައި ރާޖް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ގަ އެވެ. އަދި އޭނާ ކަފާލާތުގެ ދަށުން ދޫކުރީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ގަ އެވެ. އޭގެ ފަހުން ރާޖް އާންމު ތަންތަނަށް ނުކުންނަނީ އެކި ކަހަލަ މާސްކްތަކުން މޫނު ނިވާކޮށްގެންނެވެ.