ޚަބަރު

އެމެޒޯން ޕްރައިމްގެ ސީރީޒަކަށް އަނަނިޔާ


ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސްގެ ދަށުން ބޮލީވުޑަށް ތަޢާރަފްވި އަނަނިޔާ، ދަރްމާއިން މިހާރު އަންނަނީ އޯޓީޓީއަށް ތަޢާރަފުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ދަރްމާ ޕްރޮޑަކްޝަންސްގެ ޑިޖިޓަލް ގޮފި ކަމަށްވާ ދަރުމަޓިކް އެންޓަޓެއިންމަންޓުން އޯޓީޓީގައި އަނަނިޔާ ލޯންޗުކުރާނީ "ކޯލް މީ ބާއީ" ކިޔާ ސީރީޒަކުންނެވެ. އެމެޒޯން ޕްރައިމް އިން ގެނެސްދޭން ހަމަޖެހިފައިވާ މި ސީރީޒްގައި އަނަނިޔާ ދައްކަނީ ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅޭ މީހެއް ގޮތަށެވެ. އަދި ބޮޑް ސްކޭންޑަލްއެއްގެ ތެރެއަށް އޭނާއަށް ވަދެވޭގޮތް މި ސީރީޒުގައި ދައްކައެވެ.

މީގެ ކާސްޓުގައި އަނިޔާގެ އިތުރުން ދެން ފެންނަނީ ކޮން ތަރިންނެއްކަމެއް އަދި ހާމައެއް ނުކުރެއެވެ. މިއީ އިޝީތާ މޮއިތުރާ، ސަމީނާ މޮޓްލެކަރު އަދި ރޯހިތު ނައިރު ލިޔެފައިވާ ވާހަކައަކަށް "ދޯސްތާނާ 2"ގެ ވެސް ޑައިރެކްޓަރު ކޮލިން ޑި ކުންހާ ޑައިރެކްޓުކުރާ ސީރީޒެކެވެ.

އަނަނިޔާ ވަނީ ދާދިފަހުން އޭނާގެ ކުރިއަށްއޮތް ފިލްމު "ޑްރީމް ގާލް 2" ގެ މަސައްކަތް ފަށާފައިވާ ކަމަށް އިއުލާނުކޮށްފައެވެ. އަޔޫޝްމާން ކުރާނާއާއެކު އަނަނިޔާ ލީޑުން ފެންނަ މި ފިލްމު ދައްކާނީ އަންނަ އަހަރު ކަމަށް ބެލެވެއެވެ.

"ޑްރީމް ގާލް 2" އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ޑްރީމް ގާލް" ގެ ސީކުއަލް އެކެވެ. މި ދެތަރިންގެ އިތުރުން، ފިލްމުން ދެން ފެނިގެންދާ މުހިއްމު ކާސްޓުންގެ ތެރޭގައި އައްނޫ ކަޕޫރު، ޕަރޭޝް ރާވާލް، މަނޯޖް ޖޯޝީ، ވިޖޭ ރާޒް، ސީމާ ޕަހުވާ އަދި ރާޖްޕާލް ޔާދާވްވެސް ހިމެނެއެވެ.

ދަރްމާގެ "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން އަނަނިޔާ ބޮލީވުޑަށް ތައާރްފަވިއިރު، އޭގެ ފަހުން "ގެހްރިޔާން" އާއި ދާދި ފަހުން ރިލީޒްކުރި ދެކުނު ތަރި ވިޖޭ ޑެވެރަކޮންޑާ އާއިއެކު އަނަނިޔާ ފެނުނު "ލައިގާ" އަކީވެސް ދަރްމާގެ އުފެއްދުންތަކެވެ.

ދަރުމަޓިކް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށް ނެޓްފްލިކްސް އިން ގެނެސްދޭ ޝޯވ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގައި އަނަނިޔާގެ މަންމަ ބާވްނާ ޕާންޑެވެސް ފެނެއެވެ. މި ޝޯވގައި ބާވްނާގެ އިތުރުން ގައި މަހީޕް ކަޕޫރު، ނީލަމް ކޮތާރީ، އަދި ސީމާ ސާޖްދޭގެ ދިރިއުޅުން ވެސް ފެނިގެންދެ އެވެ.