ޚަބަރު

ރައީސްގެ ދެކަނބަލުން ޘަޤާފީ ހެދުންކޮޅުގައި؛ ބޮޑުތަކުރުފާނުގެ ޖިހާދުގެ ހަނދާންތައް ގަނޑުވަރު މައިދާނުން!


ހިޖުރީގޮތުން ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ޤައުމީ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ޤައުމީ ދުވަސް ރަސްމީ ގޮތުން ފާހަގަކުރަނީ ތިލަދުންމަތީ އުތުރުބުރީ އުތީމުގައެވެ. އުތީމަކީ ޤައުމީ ދުވަސް އެ ބޭފުޅަކަށް ނިސްބަވްތާ އައްސުލްތާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުން އައުޒަމްގެ އުފަން ރަށެވެ. މިއަހަރު އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުނީ މިރޭ އުތީމު ގަނޑުވަރުގެ އަށިގޭގައި އޮތް ޚާއްސަ ޖާފަތަކާއެކުގައެވެ.

އުތީމު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޖާފަތް އެރުވުމުގެ ކަންކަންވެސް ކުރިއަށްދިޔައީ ވަރަށް ސަޤާފީ ގޮތަކަށެވެ. އުތީމު ރައްޔިތުން ޖާފަތުގެ ކޭންތައް ހިފައިގެން އުތީމު ގަނޑުވަރުގެ އަށިގެއަށް ދިޔައީ ސަޤާފީ ހެދުމުގައި މަލާފަތްތައް ހިފައިގެންނެވެ. މި ޖާފަތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަޑައިގެންނެވީ ސަޤާފީ ހެދުންކޮޅު ތުރުކުރައްވައިގެންނެވެ.

ޤައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ސަޤާފީ އައިޓަމް ހުށަހެޅުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ހަރަކާތްތައް ފެށުމުގެ ކުރިން އުތީމު ރައްޔިތުންގެ ފަރާތުން ބައެއް ވަޒީރުންނަށާއި އިއްޒަތްތެރިންނަށް ހަދިޔާގެ ގޮނުތަކެއްވެސް ވަނީ ހަވާލުކޮށްފައެވެ.

އުތީމު ގަނޑުވަރު ކުރިމަތީގައި އޮންނަ ގަނޑުވަރު މައިދާނުގައި ކުރިއަށްދިޔަ މިހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައްލަވާލައްވާފައެވެ.

ސަޤާފީ ހަރަކާތްތައް ފެށުމުގެ ގޮތުން ގެނެސްދީފައިވަނީ ޤައުމީ ދުވަހުގެ ބަޠަލު ބޮޑުތަކުރުފާނުގެ ހަޔާތްޕުޅަށް ބިނާކޮށް އުތީމު ރައްޔިތުން ހުށަހަޅައިދިން ތަމްސީލެކެވެ.

މިތަމްސީލުގައި ބޮޑުތަކުރުފާނުގެ ތުއްޕުޅު ހަޔާތްޕުޅާއި ޒުވާން ދައުރާއި, އުތީމު ތިންބެއިން ބައްޕާފުޅު ހުސެއިން ޚަތީބު ތަކުރުފާނު ދެއްވި ނަސޭހަތްޕުޅާއި, ޕޯޗުގީޒުންނާ ދެކޮޅަށް ބޮޑުތަކުރުފާނުގެ ބައިވެރިން ކުރެއްވި ޤައުމީ ޖިހާދުވެސް ދައްކުވައިދީފައިވެއެވެ.

އުތީމު ގަނޑުވަރު މައިދާނުގައި ކުރިއަށްގެންދިޔަ ސަޤާފީ ހަރަކާތްތަކުގެ ތެރޭގައި ސަޤާފީ ނެށުންވެސް ހިމެނެއެވެ. އެގޮތުން ހއ.ވަށަފަރު ރައްޔިތުން ހުށަހަޅައިދިން ދަނޑިޖެހުމާއި ތާރަޖެހުމުގެ ހަރަކާތެއްވެސް ހިމެނެއެވެ. އަދި އުތީމު ޒުވާނުންގެ ފަރާތުން ހުށަހަޅައިދިން ދަނޑިޖެހުމުގެ ހަރަކާތެއްވެސް ވަނީ ހުށަހަޅައިދީފައެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި މިރޭ ހުށަހަޅައިދިން ހަރަކާތްތަކުގެ ބައިވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައްދަލުކުރައްވާ ތަރުހީބު ދެއްވާފައެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހަށް އުތީމު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. އެގޮތުން ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދާއި ގުޅުން އިބާރާތްތައް ލިޔެފައިވާ ގިޑިގެތައް ރަށުގެ އެކި މަގުތަކުގައި ވަނީ ހަދާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި ގަނޑުވަރު މައިދާނުގައި ކުރިއަށްގެންދިޔަ ހަރަކާތްތައް ބައްލަވާލެއްވުމަށް އުތީމުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ޤައުމީ ދުވަހަށް އުތީމަށް ޒިޔާރަތްކުރި މެހުމާނުންވެސް ހާޒިރުވިއެވެ.