ބްރިޓިޝް ހައި ކޮމިޝަންގެ އެހީގައި ރާއްޖޭގައި އޮންލައިން މީޑިއާ އެތިކްސް ކޯހެއް ފަރުމާކޮށް ހިންގުމަށް ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި ކޯހަކީ ކެނަޑާގެ ކުންފުންޏެއް ކަމަށްވާ އެލިނިއަރ އިންޓަރނެޝަނަލް އިން މޯލްޑިވްސް ސްޓްރެންތްނިންގ ކޮމިއުނިކޭޝަންސް އެންޑް ގަވަރނަންސް ޕްރޮޖެކްޓްގެ ދަށުން ފަރުމާކޮށް ހިންގުމަށް ނިންމާފައިވާ ކޯހެކެވެ.
މި ކޯސް 2023 ވަނަ އަހަރު ފެށުމަށް އަމާޒުކޮށް 4 ފަރާތަކާއެކު އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ އެލިނިއަރ އިންޓަރނޭޝަނަލް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، ޕީ.އެސް.އެމްގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި ދެމެދުއެވެ.
އެގޮތުން އެލިނިއަރ އިންޓަރނޭޝަނަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ ނައިބު ރައީސް ޗާލްސް ޑަފެވެ. އައި.ޔޫ.އެމްގެ ފަރާތުން ވައިސް ޗާންސެލަރ ޑރ. ޒަކަރިއްޔާ މޫސާ ސޮއިކުރެއްވިއިރު، އެމް.އެމް.އައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެޑް އޮފް އިންސްޓިޓިއުޓް މުޙައްމަދު ޖިނާޙެވެ. ބްރޯޑްކޮމްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސެކެޓްރީ ޖެނެރަލް މަރިޔަމް ޒީނިޔާއެވެ. އަދި އެމް.އެމް.ސީގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ޝަފާއު ހަސަނެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެލިނިއަރ، އައި.ޔޫ.އެމް، އެމް.އެމް.އައި، އެމް.އެމް.ސީ، ބްރޯޑްކޮމް، އިނގިރޭސިވިލާތުގެ ހައި ކޮމިޝަން، ޕީ.އެސް.އެމް އަދި އެހެން މީޑިއާތަކުގެ ބޭފުޅުން ބައިވެރިވިއެވެ.
މި އެއްބަސްވުމުގެ މަޤްޞަދަކީ މީޑިއާ، ކޮމިއުނިކޭޝަންސް ބިއުރޯސް، ސިވިލް ސޮސައިޓީ އަދި ޝައުގުވެރިކަން ހުންނަ އެހެން ފަރާތްތަކަށް ޓްރެއިނިންގ ޓޫލްއެއްގެ ގޮތުގައާއި ޤަބޫލުކުރެވޭ ފެންވަރެއްގެ ކޮލިފިކޭޝަނަކަށް އަދި އެތިކަލް ބޭސްލައިނަކަށް ބޭނުންކުރެވޭނެ އޮންލައިން މީޑިއާ އެތިކްސް ކޯހެއް އުފެއްދުމެވެ. މަލްޓިމީޑިއާ ބޭނުންކޮށްގެން ފަރުމާ ކުރެވޭ މި ކޯހަކީ އެންމެނަށްވެސް ބައިވެރިވެވޭނެ، ރާއްޖޭގެ ވެއްޓައް އެކަށޭނެ، އަދި ޖަރނަލިސްޓިކް ބެސްޓް ޕްރެކްޓިސްގެ އިންޓަރނެޝަނަލް ސްޓޭންޑަޑަށް ފެތޭނެ ގޮތަށް ފަރުމާކުރެވޭ ކޯހެކެވެ.