ޚަބަރު

ޖޫހީވެސް ވެބް ސީރީޒްއާއި ދިމާލަށް


ކާސްޓުންނާއި ކްރޫ ހިމެނޭގޮތަށް އަންހެނުން އިސްކޮށް ތިބެގެން އުފައްދާ ބޮޑު ސީރީޒެއް އެމެޒޯން ޕްރައިމް ވީޑިއޯ އިން އިއުލާނުކޮށްފިއެވެ.

"ހަޝް ހަޝް" ނަމަކަށް ކިޔާ މި ސީރީޒަކީ ވިކްރަމް މަލްހޯތުރާ އިސްކޮށް ހުރެގެން އުފައްދާފައިވާ އަބަންޑަންޓިއާ އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ ސީރީޒެކެވެ. އަދި މިއީ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކުރީގެ ބަތަލާ ޖޫހީ ޗައުލާގެ ފުރަތަމަ ވެބް ސީރީޒް އެވެ.

"ޖޯ ޖީތާ ވަހީ ސިކަންދަރް"، "ކިލާޅީ" އަދި "ދަލާލް" ފަދަ ފިލްމުތަކުން ވިދާލި ތަރި އައިޝާ ޖުލްކާވެސް މި ވެބް ސީރީޒުން ފެންނާނެއެވެ. ލީޑް ރޯލުން ފެނިގެންދާނެ އެހެން ތަރިންނަކީ ސޯހާ އަލީ ޚާން ޕަތައުދީ، ކްރިތިކާ ކަމްރާ، ޝަހާނާ ގޯސްވާމީ، އަދި ކަރިޝްމާ ޓަންނާ އެވެ.

މި ސީރީޒް ދައްކަން ފަށާނީ މި މަހުގެ 22 ވަނަ ދުވަހު ޕްރައިމް ވީޑިއޯއިންނެވެ. "ހަޝް ހަޝް" ގައި ކިޔައިދޭނީ ވަރަށް ހަމަޖެހިގެން ދިރިއުޅެމުން އައި ބަޔަކަށް ދިމާވާ ހިތާމަވެރި ކަންތައްތަކެއްގެ ވާހަކައެވެ.


މި ސީރީޒަކީ އަބަންޑަންޓިއާ އެންޓަޓެއިންމަންޓާއި ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ ޑައިރެކްޓަރު ތަނޫޖާ ޗަންދްރާ ކޯ ކްރިއޭޓް ކޮށްފައިވާ ސީރީޒެކެވެ.

މީގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ މީގެ ހުރިހާ ކާސްޓުންނާއި ކްރޫ ގައިވެސް ހުސް އަންހެނުން ތިބިކަމެވެ. މީގެ ވާހަކަ ލިޔެފައިވަނީ މި ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި ވެސް ހިމެނޭ ޝިކާ ޝަރްމާއެވެ.

1986 ވަނަ އަހަރު ދެއްކި ފިލްމު "ސުލްތާނަތް" އިން ކުޑަ ރޯލަކުން ފުރަތަމަ ފަހަރަށް ފެނުނު ޖޫހީ ވަނީ ރީތި އެތައް ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. 1988 ވަނަ އަހަރު ދެއްކި ފިލްމު "ގަޔާމަތް ސޭ ގަޔާމަތް" އަކީ ޖޫހީގެ ވަރަށް ފާހަގަކޮށްލެވޭ ފިލްމެކެވެ. މި ފިލްމުން އޭނާއަށް ވަނީ ފިލްމުފެއަރ އެވޯޑުވެސް ލިބިފައެވެ. މީގެއިތުރުން "ދީވާނާ މަސްތާނާ"، "އިޝްގު" އަދި "ޔެސް ބޮސް" އިންވެސް ޖޫހީ ވަނީ ފެނިފައެވެ.