2011 ވަނަ އަހަރު ދެއްކި "ޕިޔާރް ކާ ޕަންޗްނާމް" އިން ބޮލީވުޑަށް ތަޢާރަފުވި ކާތިކް އާރިޔަން އަކީ ބޮލީވުޑްގައި މިހާރު އަރަމުން އަންނަ ތަރިއެކެވެ.
ހުނަރުވެރި އެކްޓިން އެއް ދައްކަމުން އަންނަ ކާތިކަށް ވަނީ ބެލުންތެރިންގެ ލޯބި ލިބިފައެވެ. "ޕިޔާރު ކާ ޕަންޗްނާމް" އަށް ފަހު 2015 ވަނަ އަހަރު ދެއްކި އެ ފިލްމުގެ ދެ ވަނަ ބަޔާއި 2018 ވަނަ އަހަރު ދެއްކި "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އިން ވެސް ކާތިކް ވަނީ ފެނިފައެވެ.
ލަވް ރަންޖަންގެ މި 3 ފިލްމަކީވެސް ބޮކްސް އޮފީހުގައި ކާމިޔާބު 3 ފިލްމެވެ. ކާތިކް މިހާރު ދަނީ ދާދި ފަހުން ރިލީޒްކުރި ބިރުވެރި ކޮމެޑީ ފިލްމު "ބޫލް ބުލައްޔާ 2" ގެ ކާމިޔާބީގައި އުފާކުރަމުންނެވެ.
"ދަ ފިލްމް ކޮމްޕޭނިއަން" އަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި އުމުރުން 31 އަހަރުގެ ކާތިކް ބުނީ ކާމިބާޔާބު މަޝްހޫރު މީހަކަށް ވީ ނަމަވެސް އޭނާ އަދިވެސް ދަތުކުރަނީ އިކޮނޮމީ ކްލާހުގައި ކަމަށެވެ. އޭނާ އަކީވެސް ހުވަފެންތައް ދެކޭ މީހެއް ކަމަށާއި، ލަމްބޮގިނީ ގެންގުޅުމަކީ އޭނާ ދެކުނު ހުވަފެނެއް ކަމަށެވެ. އަދި އެކަން ކާމިޔާބު ވެފައިވާ ކަމަށްވެސް ކާތިކް ބުންޏެވެ. "ބޫލް ބުލައްޔާ 2"ގެ ކާމިޔާބީއާ ގުޅިގެން ޓީ ސީރީޒްގެ ވެރިޔާ ބޫޝާން ކުމާރު ދާދިފަހުން ވަނީ ކާތިކަށް ލަމްބޮގިނީ ކާރެއް ހަދިޔާ ކޮށްފައެވެ.
ކާތިކް މިހާރު އެންމެ ބޭނުންވަނީ ޕްރައިވެޓް ޖެޓެއް ހޯދާށެވެ. އަދި މިހާރަށްވުރެއްވެސް ކާމިޔާބު އެކްޓަރަކަށް ވާން ބޭނުންވާކަން މި އިންޓަރވިއުގައި ކާތިކް ވަނީ ބުނެފައެވެ.
ނަމަވެސް މި ހުރިހާ ކަމެއް ފުރިހަމަވެފައި ހުއްޓަސް އޭނާ އަކީ ހަމަ އާދައިގެ މީހެއް ކަމަށް ކާތިކް ވަނީ ބުނެފައެވެ. މަންމަ އާއި ބައްޕައާއެކު އެއް ހޮޓަލަކަށް ގޮސް، އަބަދުވެސް ކަނީ އެމީހުން އެންމެ ކުރިންވެސް ކާ އެއްޗެހި ކަމަށް ކާތިކް ބުނެފައިވެއެވެ. އަދި އެކަމަށް ބަދަލެއް ނާންނާނެކަމަށްވެސް އޭނާ ބުންޏެވެ.
ކާތިކް ދެން އެންމެ އަވަހަށް ފެންނާނީ "ޝެހްޒާދާ" އިންނެވެ. މީގެއިތުރުން "ފްރެޑީ" އަދި އާއި އަލާޔާ އެފް އާއި އެކު ފެންނަ "ކެޕްޓަން އިންޑިއާ" އާއި "ސަތުޔާޕްރެމް ކީ ކަތާ" އަކީވެސް ކާތިކް ސޮއިކޮށްފައި ހުރި ފިލްމުތަކެވެ.