ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ "އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް"ގައި އަންނަ އާދީއްތަ ދުވަހުކިޔަވައިދޭން ފަށްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވަނީ ހުޅުމާލެއަށް ބަދަލުވާ ދަރިވަރުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ ދަރިވަރުންނަށް ތަޢުލީމީ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރެއްވުމަށް އެދިވަޑައިގެންފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ ވިދާޅުވީ ހުޅުމާލޭގައި ކިޔެވުމަށް ވަރަށް ގިނަ ދަރިވަރުން އެދެމުންދާ ކަމަށާއި، ދަރިވަރުން އެދޭ މިންވަރަކުން ޖާގަ އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ އާދިއްތަ ދުވަހު "އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" ހުޅުވާނެކަމަށީ، އެއީ ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށާއި، ވަކިން ޚާއްސަކޮށް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމަށެވެ. އެގޮތުން އެސްކޫލުގައި 824 ކުދިންނަށް ޖާގަ އޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވޭ ފުރަތަމަ ސްކޫލެވެ.
މީގެ އިތުރުން އަންނަ މަހުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަމީލް ދީދީ ޕްރީ ސްކޫލުގެ ނަމުގައި ދެވަނަ ސްކޫލެއްވެސް ހުޅުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެސްކޫލުން ވެސް 800 އެއްހާ ކުދިންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރުވެސް އިތުރު ދެ ސްކޫލެއް އެޅުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. އެއީ ޞަލާހުންދީން ސްކޫލުގެ ނަމުގައި އަޅަމުންދާ 1200 ކުދިންގެ ޖާގައިގެ ސްކޫލަކާއި އަދި ވަކި ނަމެއް ކިޔާފައި ނުވާ 1200 ކުދިންގެ ޖާގައިގެ ސްކޫލެއް" އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.
މީގެއިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސީއެޗްއެސްސީގެ އާ އިމާރާތާއި، ކުވެއިތުގެ އަލް ޖެރީ ހޯލްޑިން ގްރޫޕުން ހަދަމުންދާ އަޖިއަލް ބައިލިންގުއަލް ސްކޫލް އަންނަނީ ޢިމާރާތްކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ހުޅުމާލޭގައި ހަދަމުންދާ ސްކޫލުތަކުގެ މަސައްކަތް ނިމުމުން އިތުރު 6000 ދަރިވަރުންނަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.