ޚަބަރު

އީޕީއޭއިން އިލްތިމާސްކުރަނީ ކުނި މެނޭޖުކުރުމަށް "ޑޯޓުޑޯ" ޚިދުމަތް ހޯދުމަށް


ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ޑޯޓުޑޯ ކަލެކްޝަން ސާވިސް ހޯދުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ)އިން އިލްތިމާސްކޮށްފިއެވެ. އީޕީއޭއިން މިހެން އިލްތިމާސްކުރީ ފުރަބަންދު އުވާލާފައިވާތީ، ކުނި މެނޭޖުކުރުމުގައި ވީހާވެސް ރައްކާތެރި ގޮތްތައް ކަނޑައެޅުމުގެ ގޮތުންނެވެ.

ފުރަބަންދާއިއެކު ކުނި މެނޭޖްކުރުމުގެ ޚިދުމަތަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވަނީ ޤައުމީ ކާރިސާއަކާ ގުޅިގެން އިތުރު ގޮތެއް ނެތުމާއެކީ މާލެ ސިޓީގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްގެންދިޔުމުގެ މަގްސަދުގައެވެ.

އީޕީއޭއިން ވިދާޅުވީ، ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސިޓީ ފުރަބަންދު ކުރެވުނު ދުވަސްވަރު ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން އާންމު ފަރާތްތަކަށާއި ކުނި މެނޭޖްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކަށްވެސް އެކަން ބޮޑު ތަކްލީފަކަށް ނުވާނެހެން ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާނެކަމަށް އެ އެޖެންސީއިން ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމުގެ ޚިދުމަތް ހޯދުމުގެ ގޮތުން އެއްވެސް ހާލަތެއްގައި ނުވަތަ އެއްވެސް ވަގުތެއްގައި މަގުމައްޗަށާއި ދުވާރު މައްޗަށް ކުނި ނޭޅުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އީޕީއޭއިން ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުންވެސް ކުނި އެއްކޮށް ޖަމާކުރުމަށްފަހު މަގުމައްޗާއި ދުވާރުމަތީގައި ކުނިފުނިޖަހައި ކަލެކްޝަން ޕޮއިންޓްގެ ގޮތުގައި އެ ކުނިފުނިތައް ބޭނުންކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެފަދަ ކުނީގެ ކަލެކްޝަން ޕޮއިންޓްތައް މަގުމަތީގައާއި ދުވާރުމަތީގައި ހަދައި ކުނި ޖަމާނުކުރުމަށް އެ އެޖެންސީއިން ވަނީ ގޮވާލައްވާފައެވެ.

އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން މަގުމައްޗާއި ދުވާރު ސާފުކޮށް ބޭއްވުމަށް މަގުމައްޗަށާއި، ދުވާރު މައްޗަށް ކުނި ޖަމާނުކުރުމަށާއި، ކުނި މެނޭޖްކުރުމާބެހޭ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް އެންމެހައި ފަރާތްތަކަށް އެ އެޖެންސީއިން އިލްތިމާސްކުރައްވައެވެ.


ރާއްޖޭގައި މިހާރު ކުނި މެނޭޖުކުރަނީ ތިމާވެއްޓަށް އެންމެ ރައްކާތެރިވާނެހެން ކުނި ވަކިކޮށްގެންނެވެ. ޖޫން މަހުގެ ފުރަތަމ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައިވެސް ކުނި މެނޭޖުކުރަނީ ކުނި ވަކިކޮށްގެންނެވެ. ނަމަވެސް އަދިވެސް ބައެއް ގޭބިސީތަކުން ކުނިވަކިކުރުމުގައި އެންމެ ރަނގަޅަށް ޢަމަލުކުރަމުން ނުދާތީ އެއްބާރުލުން މިހާރަށްވުރެވެސް ބޮޑަށް ދެއްވުމަށް ވެމްކޯއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ކުނި ވަކިކޮށްގެން ނެރެން ފެށުމާއެކު ކުނީގެ ތެރޭގައި ހިމެނޭ ޕްލާސްޓިކް ރާއްޖޭގައި އުފައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުކަންވަނީ ހާމަވެފައެވެ. ވެމްކޯއިން ބުނީ ޕްލާސްޓިކް ކުނި ވަކިކުރުމުގައި ގިނައިން ކޮތަޅަށް އެޅުމުގެ ބޭނުމުގައި ބައެއް ފަރާތްތަކުން ފުޅިތައް ކަތުރުން ކޮށާ ކުދި ކުރާކަން ފާހަގަވެފައިވާކަމަށެވެ. އޭގެސަބަބުން ޕްލާސްޓިކް ރީސައިކަލްކުރުމުގައި ބަހައްޓަންޖެހޭ ސްޓޭންޑަޑަށް ނުފެތޭތީ އެކަން އެގޮތަށް ނުކުރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.