އެމްޑީޕީގެ އަމާޒު ދެން ބަހައްޓަންވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކަމަށާއި، އެމްޑީޕީ ނޫން ބަޔަކަށް ރިޔާސީ އިންތިޚާބު ވާތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް އެޕާޓީގެ ރައީސް ހުށައެޅުއްވި ބަރުލަމާނީ ނިޒާމް ޤަރާރުގެ ޚިޔާލުތަފާތުވުންތައް އެއްގޮތްކުރައްވާފައިވާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ބަރުލަމާނީއާއި ގުޅޭގޮތުން ހުށައަޅުއްވަން އުޅުއްވި ޤަރާރު ކުރިއަށް ނުގެންދިއުމަށް ނިންމެވި ނިންމުމަކީ ވަރަށް ރަނގަޅު ނިންމެވުމެއްކަމަށް ވިދާޅުވެ މަރުޙަބާ ދަންނަވާފައެވެ.
"ތިހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ 19 ވަނަ ދުވަހުގެ ރޭ އަޅުގަނޑުމެން މިތަނަށް އެއްވެ މި ކޮންގްރެސް ފެށިއިރުގަ މިތަނުގެ މާހައުލު އޭރު އޮތްގޮތް. ޚިޔާލުތަފާތުވުންތައް ހުރި. އޭގެތެރެއިން އެންމެ ބޮޑު ޚިޔާލުތަފާތުވުމެއް އޮތީ ރައީސް ނަޝީދު ހުށައަޅުއްވަން އެ ގަސްދުކުރެއްވި ޤަރާރާ ދޭތެރޭގަ. މިދިޔަ ދެ ދުވަހު ތެރޭގައި މިތަނުގައި އަޅުގަނޑުމެން ހަރަކާތްތެރިވަމުން ދިޔައިރުވެސް މި ކަންބޮޑުވުން އަޅުގަނޑުމެންގެ ތެރޭގައި ހުރި. ނަމަވެސް މިއަދު ކޮންގްރެސް ނިމިގެން މިދަނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑު ދެކޭގޮތުގައި ފުރިހަމަ "މެޗުއަރ" ޕާޓީއެއްގެ ގޮތުގައި ޕާޓީ އޮވެގެން."ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ މީހަކީ ތަފާތު ވިސްނުންތަކާއި ފިކުރުތައް ހުންނާނެ މީހެއް ކަމަށާއި، ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު ބޭނުންވާ ކަންތައްތަކެއް ހުންނާނެކަމަށެވެ. ނަމަވެސް މިހުރިހާ ކަމެއް އެއްކިބާކޮށް ޕާޓީއާއެކު އަދި ޤައުމާއެކު ކުރިއަށްދާން ތިބިކަން މި ކޮންގްރެސްއިން ހާމަވެގެން ގޮސްފިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ހިތުން ނިމިގެން މިދަނީ ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު ކޮންގްރެސްއެއް. މިތަނަށް ހާޒިރުވެ މިތިބި 1200އެއްހާ ކޮންގްރެސްމަނުން ވަރަށް އުފަލުން އަޅުގަނޑު ހިތުން މިތަނުން ނިކުމެގެން ދާނީ. މިތާ އެތެރޭގައި މެންދުރުވެގެން އައިއިރު އޮތް ހޫނުކަން ހަވީރުވެގެން އައިއިރު މިއޮތީ ފިނިކަމަކަށް ވެފައި."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ އެންމެ ތާއީދު ބޮޑު ޕާޓީކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކެނޑިޑޭޓެއް ކަނޑައަޅާނެކަމަށް ވިދާޅުވެފައެވެ. އެކަން ކުރައްވާނީ އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބަޔާންކުރާ ގޮތަށްކަމަށާއި، އެ އުސޫލުގެ ތެރެއިން ޕާޓީން ކަނޑައަޅާ ކެނޑިޑޭޓު ގޮވައިގެން އެމްޑީޕީގެ އެންމެން އެކުގައި ނިކުންނަންވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމްޑީޕީގެ ވިސްނުން ދެން ބައްޓަންކުރަންވީ 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްކަމަށް ވިދާޅުވެފައެވެ. އަދި ވާދަވެރިން ބަލިކުރުމަށް އެމްޑީޕީގެ ހުރިހާ މެންބަރުން އަޒުމް ކަނޑައެޅުމަށް ގޮވާލެއްވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުން ދެން ބަހައްޓަންވީ، އަމާޒުކުރަންވީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބަށް. އެކަތިގަނޑެއްގެ ގޮތުގައި ތިބެ އަޅުގަނޑުމެންގެ ވާދަވެރިން ކުރިއަށް އޮތް އިންތިޚާބުން ބަލިކުރުމަށް އަޅުގަނޑުމެން އެއް ޢަޒުމެއްގައި ނިކުންނަންވީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އަދި އެކަން ކުރުމަށް އަވަސްވެގަތުމަށް އެމްޑީޕީގެ އެންމެހާ މެންބަރުންނަށް ގޮވާލެއްވިއެވެ.
"މިއީ ބޮޑު ޕާޓީއެއް. މިއީ ތާއީދު ބޮޑު ޕާޓީއެއް. މިއީ ސިޔާސަތުތައް ފުރިހަމަ ޕާޓީއެއް. 2023ގެ ރިޔާސީ އިންތިޚާބުވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް އަޅުގަނޑަކަށް ނުފެނޭ. މި ޕާޓީއަކީ އިންތިޒާމްވެގެން ރޭވިފައި އޮތް ޕާޓީއެއް. ގޮފިތައް އެބަހުރި. ރަށްރަށުގެ އޮފީސްތައް އެބަހުރި. އަދި މައި އޮފީސްވެސް އެބަހުރި. ބޭނުންވަނީ ހަރަކާތްތައް ފަށަން. މާދަމާ އަޅުގަނޑު އެދެނީ މިކަމައިގެން އަވަސްވެ ގަންނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސް ފެށިއިރު ޕާޓީގެ ތެރޭގައި އޮތް ޚިޔާލުތަފާތުވުންތައް ޕާޓީގެ ދެ ލީޑަރުން އެއްގޮތްކުރެއްވުމުން، ކޮންގްރެސްމަނުން ވަނީ ވަރަށް ބޮޑަށް ތަޢުރީފްކުރައްވާފައެވެ. އަދި ކޮންގްރެސް ނިންމާލެއްވީ ދެ ރައީސުން ސްޓޭޖުމަތީގައި ސަލާމްކުރެއްވުމާއެކުއެވެ.