ޚަބަރު

ފުލުހުންގެ އެންމެ ބޮޑު ޒިންމާއަކަށް ހަދަންވީ ރައްޔިތުން އެދޭކަންކަން ހާސިލްކޮށްދިނުން: އިމްރާން


ވަޞީލަތްތައް ހުރި މިންވަރަކުން, ރައްޔިތުންގެ ޑިމާންޑްތަކަށް އިތުރު ހިތްވަރުލައިގެން މަސައްކަތްކޮށްދިނުމަށް ފުލުހުންގެ ކިބައިން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު ދިވެހި ފުލުހުންގެ ކިބައިން އެކަމަށް އެދިވަޑައިގެންނެވީ ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ ރައްޔިތުން ކަންކަމަށް ޑިމާންޑްކުރާނެކަމަށާއި, އެޑިމާންޑްތަކަށް ވަޞީލަތްތައް ހުރި މިންވަރަކުން މަސައްކަތްކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އަގަކީ, ފުލުހުންގެ މުއައްސަސާގެ ޝަރަފަކީ މުޅި މުޖުތަމައުގެ ޝަރަފާއި, އަގުކަމަށެވެ. އަމަންއަމާންކަމާއި, ރައްކާތެރިކަމާއި, އަދުލުއިންސާފާ ގުޅުން އޮތީ ފުލުހުންގެ މުއައްސަސާގެ އެއަގުތައް ހިފެހެއްޓުނު މިންވަރަކުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މުއައްސަސާގެ ތެރޭގައި އެއަގުތައް ހިފަހައްޓާ, އެއަގުތަކަށް އިސްކަންދެވި އެކަމަށްޓަކައި ހުރިހާ އޮފިސަރުން އެކުގައި މަސައްކަތްކުރާ ރޫހެއް އުފެއްދުން އެއީ ދިވެހި މުޖުތަމައަށްޓަކައި ފުލުހުން އަދާކޮށްދެއްވަންޖެހޭ ވަރަށްބޮޑު ޒިންމާއެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

" ފުލުހުންގެ އިއްޒަތާއި ޝަރަފް މަތިވެރިވި ވަރަކަށް, ފުލުހުންނަށް ރީތިނަން ލިބުނުވަރަކަށް ފުލުހުން އަދާކުރާ ޒިންމާ ރައްޔިތުން ބަލައިގަންވަރަކަށް މުޖުތަމައު ކުރިއަށްދާނެ, މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާކަން އަޅުގަނޑުމެން ވަޒަންކުރާގޮތަކީ, ރައްޔިތުން ވަޒަންކުރާގޮތަކީ އެއީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވީ ކުރިއަރާ ތަރައްޤީ ވެވޭނީ, ފާގަތި ބަޔަކަށް ވެވެނީ އެކަމަށްޓަކައި އެމުޖުތަމައެއްގައި އަށަގަންނުވަންޖެހޭ ހުރިހާ ބަހާތަކާއި, ސިފަތައް އަށަގެންނެވުމުންކަމަށެވެ. އަދި އެމުޖުތަމައެއްގެ އަހުލުވެރިންގެ ކިބައިގަ ހުންނަންޖެހޭ ފުރިހަމަ ޢިލްމީ ޤާބިލްކަން އަފްރާދުންގެ ކިބައިގަ އަށަގެންނެވިގެންކަމަށެވެ. އެބައެއްގެ ތެރޭގައި ހުންނަންޖެހޭ އުފެއްދުންތެރިކަމާއި, ހުނަރުވެރިކަމާއި, ޤާބިލްކަން އުފެއްދެނީ އެބައެއްގެ މެދުގައި އޮންނަން ޖެހޭ އަދުލުވެރިކަމާއި, އިންސާފާއި ހަމަހަމަކަން ޤާއިމްކުރެވުމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްކާތެރިކަމާއި އަމާންކަމަކީ މުޖުތަމައެއް ކުރިއަރާދިއުމަށްޓަކައި އެންމެ މުހިއްމު އެއްބަހާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުން ބޭނުންކޮށްގެން ކުށްކުރާ ފަރާތްތައް ބަންދުކުރެވިދާނެކަމަށެވެ. އަދި ޖަލަށްވެސް ލެވިދާނެކަމަށެވެ. އެކަމަކު ކޮންމެ މީހަކަށް އަދަބުދިނުން އަދި އެއީހައްލެއްނޫންކަމަށާއި, ހައްލަކީ ފުލުހުންނާއި, ކައުންސިލާއި މުޖުތަމައުގެ އެންމެން ގުޅިގެން މުޖުތަމައުން އެފަދަ ކަންކަން ނެތިކޮށްލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުގައި ސަރުކާރުގެ ސިޔާސަތު ތަކުރާރުކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިދައުރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ މަތިކުރައްވާފައިވާ ވަރަށްބޮޑު ޒިންމާއެއްކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި, ރައްކާތެރިކަމަށް އެވަރަށް އިސްކަންދެއްވާ ފުލުހުންގެ ޚިދުމަތް ކުރު މުއްދަތެއްގައި ކުރިއަރުވާ ފުޅާކުރުމަށް އިރުޝާދުދެއްވާ, އެކަމަށްޓަކައި ދެއްވަންޖެހޭ ހުރިހާ މަގުތަކެއް ފަހިކޮށްދެއްވާތީ މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.