ޚަބަރު

ރުޅިވިޔަސް ދިޝާ ބޭނުންވަނީ ޓައިގާ އާއެކު މާޝަލް އާޓްސް ދަސްކުރަން


މި ދުވަސްކޮޅު ބޮލީވުޑްގައި އެންމެ ހިޓް އެއް ވާހަކައަކީ ދިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފްގެ ގުޅުން ނިމުމަކަށް އައި ވާހަކައެވެ. މިކަމާއިގުޅިގެން ދެމީހުން ކުރެ އެކަކުވެސް ވަކި އެއްޗެއް ނުބުނެއެވެ.

މި ވާހަތައް ދެކެވެމުންދާއިރު، ދާދިފަހުން ޓައިގާ ވަނީ އޭނާގެ އިންސްޓަގްރާމްގައި މާޝަލް އާޓްސްގެ ހުނަރު ދައްކާލާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ، ދިޝާ ކުރި ކޮމެންޓުގެ ސަބަބުންނެވެ. ދިޝާ ބުނީ އޭނާވެސް މާޝަލް އާޓްސް ދަސްކުރަން ބޭނުންވާ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދުވަސްގަނޑެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު މި ދެ ތަރިން ރުޅީވީ ޓައިގާ ކައިވެންޏަށް ދެކޮޅު ހެދުމުންނެވެ. ދެމީހުންގެވެސް ރައްޓެސަކު ބުނިގޮތުގައި ދިޝާ ބޭނުންވަނީ ކައިވެނިކުރާށެވެ. ނަމަވެސް ޓައިގާ އަދި އެކަން ކުރާކަށް ބޭނުމެއްނުވެއެވެ.

ޓައިގާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަރަން ޖޯހަރުގެ އައު އެކްޝަން އެންޓަޓެއިނަރ "ސްކްރޫ ދީލާ" އިންނެވެ. ޝަޝަންކް ކައިތާން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އަށް ފަހު ޓައިގާ ދަރްމާ ޕްރޮޑަކްޝަން އާއި ގުޅިގެން މަސައްކަތްކުރާ ދެވަނަ ފިލްމެވެ.

ދެކުނު އިންޑިއާ ސިނަމާތަކުގެ މަޝްހޫރު ތަރި ރަޝްމިކާ މަންދަން އަންހެން ލީޑް ރޯލުން ފެންނަ މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި ނޭގެއެވެ. މި ފިލްމުގެ އިތުރުން ޓައިގާ ދެން ފެންނާނީ ވިކާސް ބާލް ޑައިރެކްޓުކުރާ "ގަނާޕަތު: ޕާޓް ވަން" އިންނެވެ. އެ ފިލްމުގެ ލީޑް ރޯލުން ކްރިތީ ސަނޯން ވެސް ފެނިގެންދާނެއެވެ. މި ފިލްމަކީ 1982 ވަނަ އަހަރު ސިލްވެސްޓަރ ސްޓެލޯން ފެނިގެންދިޔަ ހަމަ އެ ނަމުގައި ނެރުނު ހޮލީވުޑް ކްލާސިކްގެ ހިންދީ އެޑެޕްޓޭޝަން އެވެ.

އަނެއްކޮޅުން ދިޝާ އެންމެ ފަހުން ފެނުނީ މިދިޔަ މަހު 29 ގައި ރިލީޒްކުރި ފިލްމު "އޭކް ވިލިއަން ރިޓާންސް" އިންނެވެ. މޯހިތު ސޫރީގެ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ މުހިއްމު ރޯލުތައް ފެންނަނީ އަރްޖުން ކަޕޫރު، ތާރާ ސުތާރިއާ، އަދި ޖޯން އަބްރަހަމް އެވެ. މިއީ ޝްރަދާ ކަޕޫރު، ސިދާތު މަލްހޯތުރާ، އަދި ރިތޭޝް ދޭޝްމުކް ލީޑް ރޯލުން ފެނުނު "އެކް ވިލަން" ގެ ސީކުއެލްއެކެވެ.