ޚަބަރު

"ކަބީރު ސިންގް" އަށްފަހު ޝާހިދު އަނެއްކާވެސް ވަރުގަދަ ލޯބީގެ ފިލްމަކަށް


ދިނޭޝް ވިޖާންގެ މެޑޮކް ފިލްމްސް އިން މިއަހަރާއި އަންނަ އަހަރަށްވެސް ފިލްމުތައް ހުރީ ކިޔުގައެވެ. މެޑޮކް އިން މިހާރު އަންނަނީ އެމީހުންގެ ވަރުގަދަ ލޯބީގެ ފިލްމެއް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.

މި ފިލްމުގެ ފިރިހެން ލީޑް ތަރިއަކަށް ހަމަޖައްސާފައިވަނީ ޝާހިދު ކަޕޫރެވެ. މިއީ "ކަބީރު ސިންގް" އަށްފަހު ޝާހިދު އަނެއްކާވެސް އެހާ ވަރުގަދަ ލޯބީގެ ފިލްމަކަށް ސޮއިކުރި ފުރަތަމަ ފިލްމެވެ. މީގެ ލީޑް އަންހެން ތަރިއަކީ ކާކުކަމެއް އަދި ހާމައެއް ނުކުރެއެވެ. މިއީ ޝާހިދު އާއި ދިނޭޝް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ މުމްބާއީގެ އިތުރުން ޔޫރަޕްގެ އެކި ޤައުމުތަކުގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތް ފަށާނީ މި އަހަރު ފަހުކޮޅުއެވެ. މީގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި ފިލްމުގެ އިތުރުން ޝާހިދު މިހާރު ސޮއިކޮށްފައި ހުރި މަސައްކަތްތަކުގެ ތެރޭގައި ޢަލީ އައްބާސް ޒަފަރުގެ ފިލްމަކާއި، އެމެޒޯން ޕްރައިމް ވީޑިއޯއިން ދައްކަން ހަމަޖެހިފައިވާ ރާޖް އެންޑް ޑީކޭގެ ސީރީޒް "ފަރްޒީ" ހިމެނެއެވެ.

ވަރުން ދަވަން އާއި ކްރިތީ ސެނޮންގެ "ބޭދިޔާ" އަކީ ދިނޭޝް ޕްރޮޑިއުސްކުރާ ކުރިއަށް އޮތް ފިލްމެވެ. މީގެއިތުރުން ޖޯން އަބްރަހަމާއި މަނޫޝީ ޗިއްލަރު ފެންނަ "ތެހެރާން" އަކީވެސް ދިނޭޝް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

2019 ވަނަ އަހަރު ޖޫން މަހު ސިނަމާތަކުގައި އެޅުވި ޝާހިދުގެ "ކަބީރު ސިންގް" އަކީ ބޮކްސް އޮފީހުގެ ބޮޑު ހިޓެކެވެ. ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ "ކަބީރު ސިންގް" އަކީ ލޯބީގެ މައްސަލަގަނޑެއްގައި ރަލާއި ދުންފަތުން އަމިއްލަ ނަފުސު ހަލާކުކޮށްލާ މެޑިކަލް ސްޓޫޑަންޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ ބަތަލާއަކީ ކިއާރާ އަދުވާނީ އެވެ.

މި ފިލްމުގައި ޝާހިދު ދައްކާފައިވާ ހުނަރަށް އެތައް ބައެއްގެ ތަޢުރީފު އޭނާއަށް އޮހުނެވެ. ގިނަބަޔަކު އަދިވެސް ބަލާހިތުން ބަލާ ފިލްމަކަށް މި ފިލްމު ވަނީ ވެފައެވެ.