ކުރީގެ އެމްއީއެސް ހިންގި އިމާރާތް މިހާރު ބޭނުން ކުރަމުންދާ އިއްޒުއްދީން ސްކޫލަށް އެތަން ބޭނުން ނުކުރެވޭ ގޮތަށް އަމުރެއް ނެރުމަށް މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޑެޓުން އެދުނު ނަމަވެސް، އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ނިންމައިފިއެވެ.
މަންދު ކޮލެޖް ހިންގަމުންދާ އިމާރާތް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ގެންދިއުމަށްފަހު އެތަން ބަންދުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އެއްބަސްވުން ބާތިލުކޮށް މަންދު ކޮލެޖްގެ އަތުން އެމްއީއެސް ހިންގި އިމާރާތް އަތުލުމުން ލިބުނު ގެެއްލުމުގެ ބަދަލުގައި 15 މިލިޔަން ރުފިޔާ އެ ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށްވަނީ ހުކުމްވެސް ކޮށްފައެވެ.
އެއިމާރާތް އަލުން ހޯދުމަށާއި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި މިދިޔަ ފެބުރުއަރީ މަހު މާލެ ހައި ކުންފުނިން ވަނީ އެދިފައެވެ. އަދި އެތަން މާލެ ހައި ކުންފުންޏާއި ހަވާލު ކުރުމަށްވެސް ވަނީ އެދިފައެވެ. ނަމަވެސް އޭރުވެސް ސިވިލް ކޯޓުންވެސް ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.
ސިވިލް ކޯޓުން އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމުމުން މާލެ ހައި ކުންފުނިން ވަނީ މިމައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. އެތަނުގައި މިހާރު ހިންގަމުންދާ އިއްޒުއްދީން ސްކޫލަށް އެތަން ބޭނުން ނުކުރެވޭނެ ކަމަށް ކަނޑައަޅައި، އިމާރާތުގައި އެއްވެސް މަސައްކަތެއް ކުރުން ހުއްޓުވުމަށް މިއަމުރުގައިވަނީ އެދިފައެވެ.
ނަމަވެސް ހައިކޯޓުން މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ އިމާރާތް މިހާރު ބޭނުން ކުރަމުންދާ އިއްޒުއްދީން ސްކޫލަށް އެތަން ބޭނުން ނުކުރެވޭގޮތަށް އަމުރެއް ނެރެދެވެން ނެތްކަމަށެވެ. އެފަދަ އަމުރެއް ނެރެފިނަމަ އެތަން ބޭނުން ކުރަމުންދާ ދަރިވަރުންނާއި ބެލެވެރިންނަށް އެތައް ގެއްލުމަކާއި ކުރިމަތިވާނެ ކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނެރުނު އަމުރުގައިވެއެވެ.
އެމްއީއެސްގެ ކުރީގެ އިމާރާތުގައި ޢިއްޒުއްދީން ސްކޫލް ހިންގަން ފެށީ 2019 ވަނަ އަހަރުއެވެ.