ޚަބަރު

"ސްޓްރޭންޖާ ތިންގްސް" ގެ ފަހު ސީޒަން އެހާ ދިގެއް ނުވާނެ


އަށްޑިހައިގެ އަހަރުތަކުގައި ހިނގާ އާދަޔާ ހިލާފު ކަންތައްތަކެއް ދައްކާ ނެޓްފްލިކްސް ހިޓް ސީރީޒް "ސްޓްރޭންޖާ ތިންގްސް" ގެ ފަހު ސީޒަން އެހާ ދިގު ނުވާނެކަމަށް ސީރީޒްގެ ޕްރޮޑިއުސަރުން ކަމަށްވާ މެޓް އަދި ރޮސް ޑަފާ ދެބެއިން ބުނެފިއެވެ.

މެޓް އަދި ރޮސް ބުނިގޮތުގައި މި ސިރީޒްގެ 4 ވަނަ ސީޒަންގެ އެޕިސޯޑުތައް މާ ދިގު ކަމަށާއި 5 ވަނަ ސީޒަންގައި އެގޮތަށް ރިޕީޓް ކުރަން ބޭނުން ނުވާކަމަށެވެ. އަދި ސީޒަން ކުރު ކުރަން ވެގެން 5 ވަނަ ސީޒަންގައި ވާހަކަ ތައާރަފްކޮށްދިނުމެއް ނޯންނާނެކަމަށް އެ ދެބެއިން ބުނެއެވެ.

އަންނަ އަހަރު ޝޫޓިންތައް ފަށަން ހަމަޖެހިފައިވާ "ސްޓްރޭންޖާ ތިންގްސް" ގެ 5 ވަނަ ސީޒަންގައިވެސް އެ ސީރީޒްގެ އޮރިޖިނަލް ކާސްޓު، މިލީ ބޮބީ ބްރައުން، ނޮއާ ޝްނެޕްސް، ފިން ވުލްފްހާޓް، ކޭލެބް މެކްލޯގްލިން، ސޭޑީ ސިންކް އަދި ގޭޓެން މެޓަރަޒޯ ވެސް އެ ސީޒަންގައި ފެންނާނެ ކަމަށް ޕްރޮޑިއުސަރުން ބުނެއެވެ.

"ސްޓްރޭންޖާ ތިންގްސް" ގެ 4 ވަނަ ސީޒަން ވެފައިވަނީ ނެޓްފްލިކްސްއިން 3 ވަނައަށް އެންމެ ގިނަ މީހުން ބެލި އިނގިރޭސި ސީރީޒަށެވެ.

ސްޓްރޭންޖާ ތިންގްސްގެ 4 ވަނަ ސީޒަންގެ ފަހު އެޕިސޯޑުތައް މިދިޔަ ހުކުރު ދުވަހު ނެރެފައިވާއިރު، ސީރީޒްގެ ހަތަރުވަނަ ސީޒަން އައިސްފައި ވަނީ ގާތްގަނޑަކަށް ތިން އަހަރުގެ ދިގު އިންތިޒާރަކަށް ފަހުގައެވެ. އެއާއެކު އެ ސީރީޒްގެ ފަހު ސީޒަން ނުވަތަ ސީޒަން 5 ނެރޭނެ ދުވަހަކަށް ފޭނުން އަންނަނީ އިންތިޒާރު ކުރަމުންނެވެ.

2016 ވަނަ އަހަރު ދައްކަންފެށި "ސްޓްރޭންޖާ ތިންގްސް" އަކީ ވަރަށް މަޝްހޫރުވި ސީރީޒެކެވެ. މި ސީރީޒަށް މިހާތަނަށް 65 އެވޯޑެއް ވަނީ ލިބިފައެވެ. އަދި 170 އަށް ވުރެ ގިނަ އެވޯޑަށް ވަނީ ނޮމިނޭޓުވެސް ވެފައެވެ.

މި ސީރީޒްގެ 5 ވަނަ ސީޒަނާ އެކު ސީރީޒް ނިންމާލާނެ ކަމަށް ޑަފާ ބްރަދާސް އިން މީގެކުރިން ވަނީ ބުނެފައެވެ.