ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ފައުންޑަރ އަދި އެޕާޓީ އުފެއްދުމުގައި އިސްދައުރެއް އަދާކުރެއްވި މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަވަހާރަވެއްޖެއެވެ.
ލަތީފް އަވަހާރަވީ އާލަސްކަންފުޅާ އުލުއްވާތާ ގިނަ ދުވަސްތަކަށްފަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލަތީފް އަވަރާވީ ލަންކާގައެވެ. ލަތީފަކީ ރާއްޖޭގައި މަލްޓިޕާޓީ ސިސްޓަމް ގާއިމްކޮށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް އެންމެބޮޑަށް ވަކާލާތުކުރެއްވި އެއްބޭފުޅާއެވެ. އަދި މިހާރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެޕާޓީގެ ފައުޑަރަކީވެސް ލަތީފެވެ.
ލަތީފް އަވަހާރަވުމާއި ގުޅިގެން އެމްޑީޕީގެ އިސްބޭފުޅުންނާއި، ސިޔާސީ ގިނަ ބޭފުޅުން ގެންދަވަނީ ތައުޒިޔާ ދަންނަވަމުންނެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟު އިސްމާއިލް ވިދާޅުވީ އެމްޑީޕީގެ ފައުންޑާ މެމްބަރ މުހައްމަދު ލަތީފްއަކީ އެ ޕާޓީ ވުޖޫދަށް ގެނެސް ދިވެހިރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދާދިނުމަށް ގިނަގުނަ މަސައްކަތްތަކެއްކުރައްވާ އަދި އަގުނުކުރެވޭ ގުރުބާނީތަކެއް ވެފައިވާ ހިއްވަރުގަދަ ދިވެހި ދަރިއެއްކަމަށެވެ.
އެމްޑީޕީގެ ފައުންޑާ މެމްބަރ މުހައްމަދު ލަތީފް އަކީ މި ޕާޓީ ވުޖޫދަށް ގެނެސް ދިވެހިރައްޔިތުން ގެ އިންސާނީ ހައްގުތައް ހޯދާދިނުމަށް ގިނަގުނަ މަސައްކަތްތަކެއްކުރައްވާ އަދި އަގުނުކުރެވޭ ގުރުބާނީ ތަކެއް ވެފައިވާ ހިއްވަރުގަދަ ދިވެހި ދަރިއެކެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.
— Fayyaz Ismail (@faya_i) July 3, 2022
ސިޔާސީ ކަންކަމުގައި ލަތީފް މިފަހުން ނުފެނުނު ނަމަވެސް ލަތީފަކީ 1989 ވަނަ އަހަރު ރައްޔިތުުންގެ މަޖިލިސް މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެންމެ ފުރަތަމަ އުފުދުނު އެމްޑީޕީގެ ވެރިކަމުގައި ހިއުމަން ރައިޓްސް އެމްބެސެޑަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.